ސަރުކާރުން ކައުންސިލްތަކުގެ ބާރު ކުޑަކުރަމުން ދަނީ އަތްނުލާ އަތްދޯއި ކިޔާ އުސޫލުން ކަމަށް ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެއެވެ.
ސަރުކާރުން ކައުންސިލްތަކުގެ ޚަރަދުތައް ކުރާ ގޮތް ބެލުމަށް ފެށުނީއްސުރެ މަސައްކަތް ކުރާ ކަމަށް ޒިޔާދު ވިދާޅުވިއެވެ. ބާރުތައް ކައުންސިލްތަކަށް ދިނުމަކީ ސަރުކާރަށް އުނދަނގޫ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ސަރުކާރުން މަސައްކަތްކުރަމުން ދަނީ ކައުންސިލް މެދުވެރިކޮށް ކުރެވޭނެ ހުރިހާ މަސައްކަތެއް ހުއްޓުވުމަށް މަގުފަހިވާ ކަމަށެވެ. އަދި ސަރުކާރުން ލާމަރުކަޒީ ޤާނޫނަށް ގެންނަ އިސްލާހުތަކަށް ފަހު ކައުންސިލްތަކުން އަމިއްލަ އިޚްތިޔާރުގައި ކުރާނެ މާބޮޑު މަސައްކަތެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ފެށުނީއްސުރެ ސަރުކާރުން މަސައްކަތްކުރަމުން އައީ ކައުންސިލްތަކަށް ލިބޭ ބްލޮކް ގްރާންޓުގައި އަތްލުމަށް ކަމަށް ޒިޔާދު ވަނީ ވިދާޅުވެފައެެވެ. އަދި އެ މަގުން ކަންކަން ބައްޓަން ކުރުމަށް މީގެ ކުރިން ވެސް ތަފާތު އެކި ޤާނޫނުތަކަށް އިސްލާހު ގެނެސްފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ކައުންސިލް ގްރާންޓަށް ލިބޭ ފައިސާ އަކީ ނިސްބަތުން ކުޑަ އަދަދެއް ކަމަށާއި މިހާރު ވެސް ކައުންސިލްތަކަށް ބޭނުންވާ ކަންކަން ކުރުމަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާ ކަމަށް ޒިޔާދު ފާހަގަކުރެއްވިއެވެ.
މިހާރު ސަރުކާރުން ލާމަރުކަޒީ ޤާނޫނަށް ގެންނަ އިސްލާހާއި އެކު ކައުންސިލްތައް ހުސްކޮށް އޮތުމުގެ ފުރުސަތު ވަރަށް ބޮޑަށް ފަހިވެގެންދާ ކަމަށް އޭނާ ވަނީ ސިފަކުރައްވާފައެވެ.
މީގަ ދެން ބުނަންވީ ސަރުކާރަކުން ނެތޭ ލާމަރުކަޒީ ނިޒާމްގެ ވިޔަފާރީގެ ފުރުސަތު ނުދީފަ އެއް. އެކަމަކު ކުރަން ޖެހެނީ 10 މިލިއަނުން މަތީގެ މަސައްކަތޭ. އެވަރުގެ މަސައްކަތެއް ނުކުރެވޭ ސަރުކާރަށް ވެސް.
ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު![]()
ކައުންސިލުތަކުގެ ދައުރުގެ ފަހު އަހަރުގެ ތެރޭގައި ދާއިމީ މުވައްޒަފުންނާއި، ކޮންޓްރެކްޓް މުވައްޒަފުން ނުނެގޭ ގޮތައް ހެދުމުގެ އިތުރުން، ބިމާއި ފަޅު ކުއްޔަށް ނުދެވޭ ގޮތް ހަދަން ގާނޫނަށް ސަރުކާރުން ގެންނަން ބޭނުންވާ އިސްލާހުތައް މަޖިލީހަށް ވަނީ ހުށަހަޅާފައެވެ. ޒިޔާދު ވަނީ ސަރުކާރުން މިހާރު ގެންނަ އިސްލާހުތަކަށް ފަހު ކައުންސިލަރުން އަދާކުރާނެ ދައުރެއް ނެތް ކަމަށެވެ. އެއީ އައްޔަންކުރުމުގެ ބަދަލުގައި އިންތިޚާބު ކޮށްފައި ތިބޭ ބާރެއް ނެތް ބަޔަކަށް އެ ހިސާބުން ވެގެންދާ ކަަމަށް ޒިޔާދު ވިދާޅުވިއެވެ.