ކ. މާލެ
|
5 އޯގަސްޓް 2025 | އަންގާރަ 10:50
ލައިޕްޒިގަށް ކުޅެމުން އަންނަ ބެންޖަމިން ސެސްކޯ
ލައިޕްޒިގަށް ކުޅެމުން އަންނަ ބެންޖަމިން ސެސްކޯ
ރޮއިޓަރސް
ނިއުކާސަލް ޔުނައިޓެޑު
ސެސްކޯ ހޯދުމަށް ނިއުކާސަލް އިން 90 މިލިއަން ޔޫރޯ ހުށަހަޅައިފި
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ނިއުކާސަލް އިން ވަނީ، ސެސްކޯ ހޯދުމަށް ރަސްމީކޮށް ބިޑު ހުށަހަޅައިފަ އެވެ. އެގޮތުން އެ ކުލަބުން ވަނީ 90 މިލިއަން ޔޫރޯގެ ބިޑެއް ހުށަހަޅާފައި ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ޖަރުމަނުގެ އާރުބީ ލައިޕްޒިގަށް ކުޅެމުން އަންނަ ސްލޮވޭނިއާގެ ބެންޖަމިން ސެސްކޯ ހޯދުމަށް، ނިއުކާސަލް ޔުނައިޓެޑުން ރަސްމީކޮށް ބިޑު ހުށަހަޅައިފި އެވެ.

އުމުރުން 22 އަހަރުގެ ސެސްކޯ ލައިޕްޒިގަށް ބަދަލުވީ 2023 ވަނަ އަހަރު އެވެ. އެ ކުލަބާ އެކު އޭނާ ސޮއި ކޮށްފައިވާ ފަސް އަހަރު ދުވަހުގެ އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ ވެސް 2028 ވަނަ އަހަރު އެވެ. ލައިޕްޒިގާ އެކު ސެސްކޯ ސޮއި ކޮށްފައިވާ އެއްބަސްވުމުގައި ބާކީ ތިން އަހަރު އޮތް ނަމަވެސް، އޭނާ ހޯދުމަށް ކުލަބުތަކުން ޝައުޤުވެރިކަން ގެންގުޅެ އެވެ.

އެގޮތުން މެންޗެސްޓަރ ޔުނައިޓެޑު އަދި ނިއުކާސަލް ޔުނައިޓެޑުން ވެސް ސެސްކޯ ހޯދުމަށް ޝައުޤުވެރިކަން ގެން ގުޅެމުން އަންނަ ކަމަށް މީގެ ކުރިން ވެސް މީޑިއާ ތަކުގައި ވަނީ ބުނެފަ އެވެ. ނިއުކާސަލް އިން ސެސްކޯ ހޯދުމަށް ބޭނުން ވަނީ، އެ ޓީމަށް ކުޅެމުން އަންނަ ސެވިޑެންގެ އެލެކްސެންޑާާ އިސާކް ކުލަބު ދޫކޮށްލަން ބޭނުންވާތީ ކަމަށް، މީޑިއާ ތަކުގައި ވަނީ ބުނެފަ އެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ނިއުކާސަލް އިން ވަނީ، ސެސްކޯ ހޯދުމަށް ރަސްމީކޮށް ބިޑު ހުށަހަޅައިފަ އެވެ. އެގޮތުން އެ ކުލަބުން ވަނީ 90 މިލިއަން ޔޫރޯގެ ބިޑެއް ހުށަހަޅާފައި ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެގޮތުން މިއީ ސެސްކޯ ހޯދުމަށް ނިއުކާސަލް އިން ހުށަހެޅި ދެ ވަނަ ބިޑު ކަމަށާއި، ފުރަތަމަ ބިޑަށް ވުރެ ދެ ވަނަ ބިޑުގައި ހިމަނާފައިވާ އަގު ރަނގަޅު ކަމަށް ވެސް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

މީގެ އިތުރުން ލައިޕިޒިގް އިން ސެސްކޯ ދޫކޮށްލާނީ، އެ ކުލަބުން ބޭނުންވާ ވަރުގެ ހުށަހެޅުމެއް ލިބިއްޖެ ނަމަ އެވެ. ޔުނައިޓެޑުން ވެސް ސެސްކޯ ހޯދުމަށް މަސައްކަތް ކުރަމުން އަންނައިރު، ބަދަލު ވާނެ ކުލަބެއް ސެސްކޯ މިހާތަނަށް ނިންމާފައި ނުވާ ކަމަށް ބުނެފައިވެ އެވެ. ނަމަވެސް، ސެސްކޯ ވެސް ހުރީ ރަނގަޅު ފުރުސަތެއްގައި އެހެން ކުލަބަކަށް ބަދަލުވާން ބޭނުންވެފައި ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ސެސްކޯ ވަނީ މިހާތަނަށް ލައިޕްޒިގްގައި ހޭދަ ކުރި ދެ ސީޒަންގެ ތެރޭގައި އެ ޓީމަށް 87 މެޗު ކުޅެދީ 39 ލަނޑު ޖަހައިފަ އެވެ. އެންމެ ފަހުން ނިމުނު ސީޒަންގައި އޭނާ 21 ލަނޑު ޖެހިއިރު، އޭގެ ތެރެއިން 13 ލަނޑަކީ ޖަރުމަނު ލީގުގައި އޭނާ ޖަހާފައިވާ ލަނޑުތަކެވެ. ލައިޕްޒިގާ އެކު 2023 ވަނަ އަހަރު އޭނާ ވަނީ ޖަރުމަނު ސުޕަ ކަޕް ކާމިޔާބު ވެސް ކޮށްފަ އެވެ.

- ކޮމެންޓް