ނިއުޒިލޭންޑުގައި ބަހެއްގައި ދަތުރު ކުރަމުން ދިޔަ އަންހެނެއްގެ ލަގެޖުގެ ތެރެއިން 2 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ފެނުމާ ގުޅިގެން އެ އަންހެން މީހާ ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނެފައިވަނީ، އެ ޤައުމުގެ އުތުރުގައި އޮންނަ ކުޑަ ރަށެއް ކަމަށްވާ ކައިވާކާ ގައި ހުރި ބަސް ސްޓޮޕަކަށް އެތަނުގެ އޮފިސަރުން ގޮސްފައިވަނީ އާދީއްތަ ދުވަހު، ދަތުރުވެރިއަކު ދަބަސް ބަހައްޓާފައިވާ ތަނަށް ނުވަދެވިގެން އެކަމަށް އެހީ އަށް އެދުމުން ކަމަށެވެ.
"ދަބަސް ހަރަކާތް ކުރާތީ ފެނުމުން ޑްރައިވަރަށް ކަންބޮޑުވިއެވެ. ޑްރައިވަރު ސުއިޓްކޭސް ހުޅުވިއިރު އޭގެ ތެރެއިން، 2 އަހަރުގެ އަންހެން ކުއްޖަކު ފެނުނެވެ،" ނިއުޒިލޭންޑް ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
ފުލުހުން ބުނީ މު ހާދިސާ އާ ގުޅިގެން 27 އަހަރުގެ އަންހެނަކު ހައްޔަރުކޮށް، ކުޑަކުއްޖަކާ މެދު އިހުމާލު ވުމުގެ ދަޢުވާ އޭނާގެ މައްޗަށް އުފުލާފައިވާ ކަމަށެވެ.
"ކުޑަ އަންހެން ކުއްޖާ ފޮށީގެ ތެރޭގައި އޮތީ ވަރަށް އުދާސް ވެފައި ކަމަށާއި ނަމަވެސް އެހެން ގޮތަކުން، ގެއެއްލުމެއް ލިބިފައިވާ ކަމަކަށް ނުފެނެއެވެ،" ފުލުހުން ބުނެފައިވެއެވެ.
އެ ކުއްޖާ ގެންގޮސްފައި ވަނީ ހޮސްޕިޓަލަށް ކަމަށާއި، އެތަނުގައި މެޑިކަލް އެސެސްމަންޓެއް ހަދަމުންދާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
އެ އަންހެން މީހާ އާއި ކުއްޖާއާ ދެމެދު ހުރި ގުޅުމެއް ހާމަ ކޮށްފަ އެއް ނުވެއެވެ.
އެ އަންހެން މީހާ ކޯޓަށް ހާޒިރުވާން ހަމަޖެހިފައިވަނީ ހޯމަ ދުވަހުއެވެ.
ހާދިސާ އާ ގުޅިގެން ފުލުހުން ނެރުނު ބަޔާނުގައި ބަސް ޑްރައިވަރަށް ޝުކުރު އަދާ ކުރަމުން ބުނެފައި ވަނީ، އޭނާ ކަމެއް ރަނގަޅު ނޫންކަން ފާހަގަ ކޮށް ވަގުތުން ފިޔަވަޅު އެޅުމުގެ ސަބަބުން ނޫން ނަމަ މާ ބޮޑު ނުރައްކާތެރި ނަތީޖާ އެއް ނުކުމެދާނެ ކަމެއް ހުއްޓުވޭ ގޮތް ވީ ކަމަށެވެ.