Advertisement
ކ. މާލެ
|
4 އޯގަސްޓް 2025 | ހޯމަ 15:05
ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލް ޣަނީ މުޙައްމަދު
ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލް ޣަނީ މުޙައްމަދު
މަޖިލިސް
އުއްތަމަ ފަނޑިޔާރު
އުއްތަމަ ފަނޑިޔާރުކަމަށް ޣަނީ އައްޔަން ކުރަން ކޮމިޓީއިން ރުހުންދީފި
މާކްސް ދެއްވާފައިވާ ގޮތަށް ބަލާއިރު އުއްތަމަ ފަނޑިޔާރަކަށް ޣަނީ އައްޔަން ކުރަން ރައީސް މުއިއްޒަށް ލަފާ އަރުވަން "ހައިލީ ރިކޮމެންޑެޑް" ލިބިވަޑައިގަތް
އެ މަގާމަށް ކުރިމަތިލެއްވީ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އާއި ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން އަދި ފެމިލީ ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ)
ހޯމަ ދުވަހު ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ނިންމެވީ ޣަނީއަށް ރުހުން ދެއްވުމަށް

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލް ޣަނީ މުހައްމަދު އުއްތަމަ ފަނޑިޔާރުކަމަށް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ޣަނީ އުއްތަމަ ފަނޑިޔާރުކަމަށް އައްޔަންކުރުމާއި ގުޅޭ މައްސަލަ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވީ ހޯމަ ދުވަހުގެ ޖަލްސާގައި ހެނދުނު ދަންފަޅީގައެވެ. ޖުޑީޝަރީ ކޮމިޓީން ހޯމަ ދުވަހު ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ނިންމެވީ ޣަނީއަށް ރުހުން ދެއްވުމަށެވެ. ދެން މި މައްސަލަ ފޮނުވާނީ މަޖިލީހުގެ ތަޅުމަށެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން ތިން ބޭފުޅަކު ކުރިމަތިލައްވާފައި ވެއެވެ. އުއްތަމަ ފަނޑިޔާރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އަހުމަދު މުއުތަސިމް އަދުނާން ރިޓަޔަރ ކުރައްވަން ނިންމެވުމާ ގުޅިގެންނެވެ.

އެ މަގާމަށް ކުރިމަތިލެއްވީ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އާއި ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން އަދި ފެމިލީ ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) އެވެ.

ޣަނީ ވަނީ ސިވިލް ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައާއި، ހައިކޯޓުގެ އިސް ފަނޑިޔާރުގެ ގޮތުގައި އަދި ފަހުން ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި މަސައްކަތްކުރައްވާފައެވެ. އޭނާ އަކީ ކުރީގެ ޖޭއެސްސީގެ ރައީސްކަންވެސް ކުރެއްވި ބޭފުޅެކެވެ. ޣަނީ އަކީ މިހާރު ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސެވެ. ޣަނީ ވަނީ 2000 އިން 2004 އަށް ސިވިލް ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި އަދި 2004 އިން ފެށިގެން ހައިކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި މަސައްކަތްކުރައްވާފައެވެ.

ޖޭއެސްސީގެ މެންބަރުން ދެއްވި މާކްސްތަކަށް ބަލާއިރު، އުއްތަމަ ފަނޑިޔާރުކަމަށް ޢައްޔަނުކުރުމަށް ޣަނީއަށް "ހައިލީ ރެކޮމެންޑެޑް" ލިބިވަޑައިގަތެވެ. އަދި އަބްދުﷲ މުހައްމަދު އަށް "ރެކޮމެންޑެޑް" ލިބިވަޑައިގަތެވެ.

ސުޕްރީމް ކޯޓުން ނިންމި ބައެއް ނިންމުންތަކާ ގުޅިގެން 2019 ގެ ޑިސެމްބަރުގައި ރައްޔިތުންގެ މަޖިލީހުން ވަނީ ޣަނީ މަޤާމުން ވަކިކޮށްފައެވެ. ނަމަވެސް، މިދިޔަ އަހަރު އޭނާ ވަނީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ޢައްޔަނުކުރެވިފައެވެ.

ޣަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރި އިރު އޭނާއާއި ދެކޮޅަށް ބެލި މައްސަލަތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުން ވަކިކުރުމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި ހުންނެވިއިރު ރިޝްވަތު ނެގުމުގެ ތުހުމަތުގައި އަބްދުﷲ ދީދީ ސަސްޕެންޑް ކުރުމަށް ސުޕްރީމް ކޯޓުން ނިންމި ނިންމުމާއި، ޖުޑީޝަލް ކައުންސިލެއް އުފެއްދުން ހިމެނެއެވެ.

- ކޮމެންޓް