ކ. މާލެ
|
4 އޯގަސްޓް 2025 | ހޯމަ 15:02
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ފްލައިޓަށް އަރައި ވަޑައިގަންނަވަމުން އަތުން ސަލާމް ކުރައްވަނީ
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ފްލައިޓަށް އަރައި ވަޑައިގަންނަވަމުން އަތުން ސަލާމް ކުރައްވަނީ
ރައީސް އޮފީސް
މަގޭ ރިޕޯޓް
ރައީސް އަޅުއްވާ ކޮންމެ ފިޔަވަޅަށް ވެސް ޚަރަދު ކުރަނީ ރައްޔިތުންގެ ޓެކްސް ފައިސާ އިން!
މި ދައްކަނީ މާފަނު ދިމްޔާތު ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ވާހަކައެއް ނޫނެވެ. މި ދައްކަނީ، ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މުޢިއްޒުގެ ވާހަކަ އެވެ. މީގެ ކުރިން ހައުސިން މިނިސްޓަރުގެ މަގާމުގައްޔާއި، މާލޭ ސިޓީގެ މޭޔަރު ކަމުގައި ހުންްނެވިއިރު، ވަޑައިގަންނަވާ ތަންތަނާއި، ކުރައްވާ ކަންކަމާއި، ކުރައްވާ ބާޒާރުތަކާއި، ވަޑައިގެންނެވި ޤައުމުތަކުގެ ވާހަކަ ރައްޔިތުން ނާހާނެ އެވެ. އެކަމަކު، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ވަޑައިގެންނެވީމާ، ދެން އަހާނެ އެވެ. ބުނަން ވެސް ޖެހޭނެ އެވެ.

ސޯޝަލް މީޑިއާގައި ސަރުކާރަށް ތާއީދު ކުރާ ބައެއް މީހުން ލިޔެފައި ހުއްޓާ ދުށީމެވެ. ރައީސްގެ ވެސް އަމިއްލަ ޒާތީ ދިރިއުޅެއް އޮންނާނެ ކަމަށެވެ. ރައީސް ވެސް، އަމިއްލަ ކަންކަމުގައި ތަންތަނަށް ވަޑައިގަންނަވަން ޖެހޭނެ ވާހަކަ އެވެ. ރައީސް ވެސް ޗުއްޓީ ބޭނުން ވާނެ ވާހަކަ އެވެ. ރައީސް ވެސް އަމިއްލަފުޅު ހިތްހަމަ ޖެހުމަށް ކަންކަން ކުރައްވާނެ ވާހަކަ އެވެ.

އެއްބަހެވެ. ތިޔަ ހުރިހާ ކަމަކަށް ވެސް އެއްބަހެވެ. ހަމަ ހިލާ ދެކޮޅު ހަދާކަށް ނެތީމެވެ. ރައީސްގެ ވެސް އަމިއްލަ ދިރިއުޅުން އޮންނާނެ އެވެ. ޗުއްޓީ އަށް ވެސް ވަޑައިގަންނަވަން ވާނެ އެވެ. ޤައުމުތަކަށް ވެސް ވަޑައިގަންނަވަންވީ އެވެ. އަމިއްލަފުޅު ހިތްހަމަ ޖެއްސެވުމަށް ވެސް ކަންކަން ކުރަންވީ އެވެ.

އެކަމަކު، މި ކަންކަން ރައްޔިތުންނަށް އިނގެން ޖެހޭނެ އެވެ. އިނގެން ވާނެ އެވެ. ތަހުޒީބު މުޖުތަމައު ތަކުގައި ވެސް ކަންތައް ކުރަނީ އެހެންނެވެ. ރައީސް ތަނަކަށް ވަޑައިގެންނެވި ނަމަވެސް، އެކަމެއް ރައްޔިތުންނަށް ހާމަކޮށްދެ އެވެ.

މިސާލަކަށް އެމެރިކާގެ ރައީސް ކަމުގައި ކޮންމެ ބޭފުޅަކު ހުންނެވި ނަަމަވެސް، އެ ބޭފުޅާ ވަޑައިގަންނަވާ ތަންތަނާއި، ވަޑައިގަންނަވާ ސަބަބު އެ ޤައުމުގެ ރައްޔިތުންނަށް އިނގޭނެ އެވެ. ރިޔާސީ ގަނޑުވަރުން އެކަން ހާމަ ވެސް ކުރާނެ އެވެ. ރައީސަށް ކަމެއް ދަމެއް ދިމާ ވެއްޖެ ނަމަ، ނުވަތަ އާލާސްކަަންފުޅާ އުޅުއްވި ނަމަވެސް، ރައްޔިތުންނަށް އެކަން ބުނެދޭނެ އެވެ. ސަބަބެއް ވެސް އޮތީމަ އެވެ. އެއީ ރައްޔިތުންނަށް ޚިދުމަތް ކުރަން، ރައްޔިތުން އައްޔަން ކުރައްވާ ބޭފުޅަކަށް ވާތީ އެވެ.

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވެސް، ޗުއްޓީ އަށް ވެސް ވަޑައިގަންނަވަންވީ އެވެ. ސިންގަޕޫރުން، ސިނގިރޭސިވިލާތުން، މެލޭޝިޔާ އިން އަދި ދެން ވެސް ހުރި ޤައުމުތަކަށް ވެސް ދާންވީ އެވެ. މައްސަލައެއް ނެތެވެ. އެކަމަކު، ރައްޔިތުންނަށް އިނގެން ޖެހޭނެ އެވެ. ވަޑައިގަންނަވާ ސަބަބު ވެސް އިނގެން ވާނެ އެވެ. ސަބަބަކީ، އެއީ ރައްޔިތުންގެ ޓެކްސް ފައިސާ އިން މުސާރަ ދީގެން، ރައްޔިތުންގެ ޓެކްސް ފައިސާ އިން، ރައްޔިތުން ބަލަހައްޓަވާ ބޭފުޅަކަށް ވާތީ އެވެ.

ރައީސް މުޢިއްޒު ދިރިއުޅުއްވަމުން އަންނަ ރިޔާސީ ގަނޑުވަރު، މުލީއާގޭގެ ހުރިހާ ޚަރަދެއް ކުރާނީ ރައްޔިތުންގެ ޓެކްސް ފައިސާ އިންނެވެ. މުލީއާގޭގެ ކަރަންޓު ބިލާއި، ފެން ބިލާއި، ދެން ވެސް އޮތިއްޔާ އޮތް ބިލެއް ދައްކާނީ ދިވެހި ރައްޔިތުންގެ ޓެކްސް ފައިސާ އިންނެވެ.

ރައީސް މުޢިއްޒު ފަރިއްކުޅުވަން މުލީއާގޭގެ ތައްޔާރު ކުރާހާ ސާމާނާއި، އެމަނިކުފާނުގެ ޚިދުމަތުގައި ތިބޭ މުލީއާގޭގެ މުވައްޒަފުންނަށް މުސާރަ ވެސް ދެނީ ދިވެހި ރައްޔިތުންގެ ޓެކްސް ފައިސާ އިންނެވެ. އެމަނިކުފާނު ވަށައިގެން ވަރު ވަރުގެ ހަށިފާރަވެރިން ނުވަތަ ބޮޑީ ގާޑުންގެ މުސާރަ ވެސް ދެނީ ރައްްޔިތުންގެ ޓެކްސް ފައިސާ އިންނެވެ.

އަދި ނުނިމެ އެވެ. ރައީސް މުޢިއްޒު ތަންތަނަށް ވަޑައިގަންނަވާ ކާރު ކޮޅާއި، އެ ކާރުގެ ކުރީގަައްޔާއި، ފަހަތުގައި އޮންނަ ކާރު ކޮޅު ތަކަށް ވެސް ޚަރަދު ކުރަނީ ހަމަ ދިވެހި ރައްޔިތުންގެ ޓެކްސް ފައިސާ އިންނެވެ. ކާރު ތަކަށް އަޅާ ތެލާއި، ކާރުތައް ދުއްވާ ޑްރައިވަރުން އަދި ކާރު ތަކަށް ކުރަން ޖެހޭ މަރާމާތައް ދާން ދެން ވެސް ޚަރަދު ކުރަނީ ރައްޔިތުންގެ ޓެކްސް ފައިސާ އިންނެވެ.

އެހެންވީމާ، ރައީސް މުޢިއްޒު ސިންގަޕޫރަށް ވަޑައިގެންނެވި ނަމަވެސް، ނުވަތަ އިނގިރޭސިވިލާތަށް ވަޑައިގެންނެވި ނަމަވެސް، ނުވަތަ އެހެން ޤައުމަކަށް ވަޑައިގެންނެވި ނަމަވެސް ރައްޔިތުންނަށް އިނގެން ޖެހޭނެ އެވެ. ވަޑައިގެންނެވި ޤައުމަކާއި، ވަޑައިގެންނެވި ސަބަބަކާ ވެސް އިނގެން ވާނެ އެވެ. ބުނެދޭން ވެސް ޖެހޭނެ އެވެ

އާލާސްކަންފުޅާ އުޅުއްވާ ނަމަ، އެކަން ވެސް ރައްޔިތުންނަށް ސާފު ވާން ޖެހޭނެ އެވެ. ނުވަތަ ޗުއްޓީ ހޭދަ ކުރުމާއި، ބާޒާރު ކޮށްލެއްވުމަށް ވަޑައިގެންނެވި ނަމަ، އެކަން ވެސް އިނގެން ޖެހޭނެ އެވެ.

މި ދައްކަނީ މާފަނު ދިމްޔާތު ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ވާހަކައެއް ނޫނެވެ. މި ދައްކަނީ، ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މުޢިއްޒުގެ ވާހަކަ އެވެ. މީގެ ކުރިން ހައުސިން މިނިސްޓަރުގެ މަގާމުގައްޔާއި، މާލޭ ސިޓީގެ މޭޔަރު ކަމުގައި ހުންްނެވިއިރު، ވަޑައިގަންނަވާ ތަންތަނާއި، ކުރައްވާ ކަންކަމާއި، ކުރައްވާ ބާޒާރުތަކާއި، ވަޑައިގެންނެވި ޤައުމުތަކުގެ ވާހަކަ ރައްޔިތުން ނާހާނެ އެވެ. އެކަމަކު، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ވަޑައިގެންނެވީމާ، ދެން އަހާނެ އެވެ. ބުނަން ވެސް ޖެހޭނެ އެވެ.

މާދަމާ ވެސް ވެރިކަމުން ދުރަށް ވަޑައިގެން، ދިމްޔާތުގައި ދިރިއުޅުއްވަން ފެއްޓެވީމާ، ސިންގަޕޫރަށް ވަޑައިގެންނެވިޔަސް، އިނގިރޭސިވިލާތަށް ވަޑައިގެންނެވިޔަސް، ނުވަތަ މުޅި ދުނިޔެ ވަށައި ބުރު ޖެއްސެވިޔަސް، ރައްޔިތުން ނާހާނެ އެވެ. ބަލާނެހެންނެއް ހިއެއް ވެސް ނުވެ އެވެ. އެކަމަކު، ވެރިކަމުގައި ހުންނަވައި، ރިޔާސީ ދައުރުގެ ތެރޭގައި އަޅުއްވާ ކޮންމެ ފިޔަވަޅެއް ވެސް ރައްޔިތުންނަށް އިނގެން ޖެހޭނެ އެވެ.

- ކޮމެންޓް