Advertisement
ކ. މާލެ
|
4 އޯގަސްޓް 2025 | ހޯމަ 13:35
ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފް
ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފް
މަޖިލިސް
މަޖިލިސް 20
މުއައްސަސާތަކުގައި ރަތްލާޖެހި މުލު ވަގުން އެބަތިބި - މެންބަރު ހުސައިން ޝަރީފް
ކޮރަޕްޝަން ހުއްޓުވުމަށް ގާނޫނުތައް ހެދިފައި ހުރިނަމަވެސް އެކަން ތަންފީޒު ނުކުރެވެނީ ތަންފީޒީ އިދާރާތަކުގައި ތިބި މީހުންގެ ސަބަބުން
ފަސާދައަށް ދޮރުހުޅުވި ކޮރަޕްޝަން ހިންގާ ދައުލަތް ލޫޓުވާ ވާހަކައަށް ނިމުމެއް ނާދޭ

މުއައްސަސާތަކުގައި ތިބީ ރަތްލާޖެހި މުލު ވަގުން ކަމަށާއި، ގާނޫނެއް އޮތަސް ތަންފީޒު ނުކުރެވެނީ އެހެންވެގެން ކަމަށް ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.

ޕީއެންސީ އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ އަރިސް އެއް މެންބަރުކަމުގައިވާ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުއާއި ގުޅޭ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ފެންމަތިވެފައިވަނިކޮށް ހޯމަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މެންބަރު ހުސައިން ވިދާޅުވީ މަޖިލީހުން ފާސްކުރާ ގާނޫނުތައް ރައްޔިތުންގެ އަމާންކަމާއި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ފާސްކުރާ ގާނޫނުތަކުން ހަމަޖެހުން ލިބުނީ ކިހާވަރަކަށްތޯއެވެ. މެންބަރު ވިދާޅުވީ ގާނޫނު ތަންފިޒުކުރަން ތިބި ފަރާތްތައް އަހުލުވެރިކުރުވަންވެސް ގާނޫނު ހަދާ ހިސާބަށް ގޮސްފި ކަމަށެވެ.

މެންބަރު ވިދާޅުވީ ގާނޫނުތައް އެބަހެދޭ ކަމަށެވެ. ޖިނާއީ އިޖްރާއަތުގެ ގާނޫނު 515 ވަނަ މާއްދާއާއި، މުޅި ދައުލަތް ހިމާޔަތްކޮށް ރައްކާތެރިކުރުމަށްޓަކައި ކޮރަޕްޝަނާއި ފަސާދައަށް ޖާގަ ނުދިނުމަށްޓަކައި ވަރުގަދަ ގާނޫނެއް 20 ވަނަ މަޖިލީހުން ފާސްކޮށްފައިވާ ކަމަށެވެ. ގާނޫނުތައް ހެދިފައި އޮތްނަމަވެސް ގައުމުގައި ފަސާދައަށް ދޮރުހުޅުވޭ ކޮރަޕްޝަން ހިންގާ ދައުލަތް ލޫޓުވާ ވާހަކައަށް ނިމުމެއް ނާންނަ ކަަމަށް މެންބަރު ވިދާޅުވިއެވެ. އަދި މައްސަލައަކީ ތަންފީޒީ އިދާރާގައި ތިބި މީހުން ކަމަށް މެންބަރު ހުސައިން ވިދާޅުވިއެވެ.

ތަންފީޒީ އިދާރާތަކުގައި އެބަތިބި ރަނގަޅަށް މޫލާ ހަރުލާފައި ތިބި ރަތްލާޖެހި މުލު ވަގުން. ރަތްލާޖެހި މުލުވަގުން ތިބީ ދިވެހިރާއްޖޭގެ މިނިވަން މުއައްސަސާތަކުގައި ފައި ހިއްޕާފައި ބޯވާތަކެއްހެން ކުލަ ބަދަލުކޮށްގެން. އަޅުގަނޑު މި ދައްކަނީ ދިވެހިރާއްޖޭގެ ދައުލަތް ސަލާމަތްކުރާކަމުގައިވާނަމަ، ދިވެހިރާއްޖެ ރަނގަޅު މިސްރާބަށް، ކޮރަޕްޝަނާއި ފަސާދައިން ދައުލަތް މި ލޫޓުވާ ލޫޓުވުން ހުއްޓާލަންޏާމު ދައުލަތް ހިއްސާވާ ހުރިހާ ކުންފުނިތަކެއްގެ ޕްރޮކިއުމަންޓް ބުޑުން ނޮޅައިގެން ސެންޓަރަލް ޕްރޮކިއުމަންޓެއް ހަދަންޖެހޭ. ނޫން ގޮތަކަށް ލާހިކައެއް ނޫން މި ގައުމު ސަލާމަތް ކުރާކަށް.

ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފް

މެންބަރު ހުސައިން މިފަދައިން ވިދާޅުވި އިރު، ޕީއެންސީގެ މަޖިލިސް މެންބަރެއް ކަމުގައިވާ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުއާއި ގުޅުން އޮންނަ ކުންފުނިތަކަށް 42 މިލިއަން ރުފިޔާ އެކި ގޮތްގޮތުން ބާރާ ނުފޫޒު އަދި ކޮރަޕްޝަން ހިންގައިގެން ފައިސާ ވެއްދިކަމަށް ވަނީ އެމްއެމްއޭގެ އެފްއައިޔޫގެ ރިޕޯޓުން ހާމަވެފައެވެ. މި މައްސަލަ ފުލުހުންވެސް ދަނީ ބަލަމުންނެވެ.

މެންބަރު ހުސައިންގެ ވާހަކަ ކުރިއަށްގެންދަވަމުން ވިދާޅުވީ ގާނޫނުތައް ހަދާފައިވާ ކަމަށާއި، ނަމަވެސް އެ ގާނޫނުތައް ތަންފީޒު ނުވާ ކަމަށެވެ.

- ކޮމެންޓް