ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު އަށް ބޮޑެތި ކޮރަޕްޝަންގެ ތުހުމަތުތަކެއް އަމާޒުވެފައި އޮއްވާ އޭނާ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަކިކޮށް ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީއަށް ބަދަލުކޮށްފިއެވެ.
ހޯމަ ދުވަހުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި ފޮނަދޫ ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ކޮމިޓީތަކަށް ބަދަލުތަކެއް ގެނައިކަން އިއުލާން ކުރައްވާފައެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 51 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން މާލިއްޔަތު ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ޕީއެންސީގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވަނީ އެ ކޮމީޓީއިން ވަކިކުރައްވާފައެވެ. އަދި އޭނާގެ ބަދަލުގައި ކޮމިޓީގެ މެންބަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ގުރައިދޫ ދާއިރާގެ މެންބަރު ހަނާން މުހައްމަދު ރަޝީދެވެ.
މީގެ އިތުރުން ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ޕީއެންސީގެ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީގެ ބަދަލުގައި އެ ކޮމިޓީއަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވަނީ އައްޔަން ކުރައްވާފައެވެ.
ޝުޖާއު މާލިއްޔަތު ކޮމިޓީން ވަނިކޮށްފައިވާއިރު މަރުކަޒީ ބޭންކު (އެމްއެމްއޭ) ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިން އެކުލަވާލި ރިޕޯޓުގައި ހިމެނޭ ކޮރަޕްޝަނާއި، މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކުރުމާއި ފައިސާ ދޮވުމުގެ މައްސަލަތައް ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެމްއެމްއޭގެ އެފްއައިޔޫއިން އެކުލަވާލާ ފުލުހުންނާއި އޭސީސީއަށް ފޮނުވި ރިޕޯޓުގައި ވަނީ ނޮވެންބަރު އެކެއް، 2022 އިން ފެށިގެން ޖަނަވަރީ 10، 2024ގެ ނިޔަލަށް ހިނގާފައިވާ މުއާމަލާތްތަކެކެވެ. އެގޮތުން ޝުޖާއުއާއި ގުޅުން އޮންނަ ކުއިކް ޝުއަރ އަށް 10.5 މިލިއަން ރުފިޔާ އަށް ވުރެ ގިނަ ފައިސާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މޭޔަރުކަމުގައި އެ ކުންފުންޏަށް ދީފައިވާ މައްސަލަ ހިމެނެއެވެ.
މީގެ އިތުރުން ނޮވެންބަރު 17، 2023 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރައްވަން ބޭއްވި ރަސްމިއްޔާތާ ބެހޭ މުއާމަލާތް ވެސް ހިމެނެއެވެ. އެގޮތުން މި މަސައްކަތް ހަވާލުކުރި އެމްއެންޑީއެފްގެ ސިވެކްއިން ޝުޖާއުއާއި ގުޅުން އޮންނަ ތިން ކުންފުންޏަކަށް ސަބްކޮންޓްރެކްޓްކޮށްފައިވެއެވެ. އެއީ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ގެ އޮފިޝަލް އިވެންޓްސް ޕްރައިވެޓް ލިމިޓެޑް އާއި އޭނާ އާ ދެބެގެންގެ ދެދަރި މީހެއް ކަމަށްވާ ކުއިކް ޝުއަރ އަދި ޑީ.ޖީ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ކަމަށް ރިޕޯޓުގައި ވެއެވެ. އަދި މި ފަރާތްތަކަކީ ގުޅުންހުރި ފަރާތްތަކެއް ކަމަށާއި އަދި މިހާރުގެ ސަރުކާރާ އެ ކުންފުނިތަކުގެ ވެރިންނާ ގުޅުންހުރި ހުރުމުގެ އިތުރުން ސިޔާސީ ނުފޫޒު ފޯރުވޭފަދަ ފަރާތްތަކެއް ކަމަށް ބެލެވޭ ކަމަށް ވެސް ރިޕޯޓުގައި ވެއެވެ.
މި ފައިސާގެ ތެރެއިން މިނިސްޓްރީ އޮފް ފިނޭންސުން ސިވެކަށް ފޮނުވި ފައިސާގެ 67% (23,074,427.23 ރުފިޔާގެ ތެރެއިން 15,496,969.41 ރުފިޔާ) އިބްރާހީމް ޝުޖާޢުގެ ކުންފުންޏަށް (އޮފިޝަލް އިވެންޓްސް ޕްރައިވެޓް ލިމިޓެޑް) އަދި އޭނާގެ ކޮއްކޮ މުޙައްމަދު ނާފިޒުގެ ވިޔަފާރި އަށް (ކުއިކް ޝުއަރ) ޓްރާންސްފަރ ކުރެވިފައިވާ ކަމަށް ރިޕޯޓުގައި ވެއެވެ.
އަދި އޮފިޝަލް އިވެންޓްސް ޕްރައިވެޓް ލިމިޓެޑަށް ސިވެކުން ލިބުނު ފައިސާގެ 60.87% (13,143,520.00 ރުފިޔާގެ ތެރެއިން 8,000,000.00 ރުފިޔާ) ކުންފުނީގެ ހިއްސާދާރުން ކަމަށްވާ އިބްރާހީމް ޝުޖާޢު އަދި އަޙްމަދު އަދްހަމް ދެ ލަގްޒަރީ އެޕާޓްމަންޓް ގަތުމަށް ބޭނުން ކޮށްފައިވާ ކަމަށް ރިޕޯޓުގައި ވެއެވެ.
އޮފިޝަލް އިވެންޓްސް ޕްރައިވެޓް ލިމިޓެޑަށް ލިބުނު ފައިސާގެ 14.46% (13,143,520.00 ރުފިޔާގެ ތެރެއިގެ ތެރެއިން 901,000.00 ރުފިޔާ) އިބްރާހީމް ޝުޖާޢުގެ އަމިއްލަ އެކައުންޓަށް ޓްރާންސްފަރ ކުރެވިފައިވާ ކަމަށާއި މި ފައިސާ އޭނާގެ ދޯނި ބަނުމަށާއި އެހެނިހެން އަމިއްލަ ޚަރަދުތަކަށް ބޭނުން ކޮށްފައިވާ ކަމަށް ބެލެވޭ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.