Advertisement
ކ. މާލެ
|
4 އޯގަސްޓް 2025 | ހޯމަ 00:36
ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު އަހްމަދު ޝަމްހީދު (ވ)، މާލިއްޔަތު ކޮމިޓީގެ ޖަލްސާ އެއް ގައި
ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު އަހްމަދު ޝަމްހީދު (ވ)، މާލިއްޔަތު ކޮމިޓީގެ ޖަލްސާ އެއް ގައި
ރައްޔިތުންގެ މަޖިލިސް
އެމްއެމްއޭ
އެމްއެމްއޭ މިއަދު ވެފައި ވަނީ ވައްކަން ހިމާޔަތް ކުރާ ތަނަކަށް: މެމްބަރު ޝަމްހީދު
އެފްއައިޔޫގެ ރިޕޯޓު ލީކުވެފައި ވަނިކޮށް އެތަނުގެ ވެރިޔަކަށް ހުންނެވި ފަރާތް މަގާމުން އެކަހެރި ކޮށްލުމަކީ ބިރުދެއްކުމުގެ އަމަލެއް
އެފްއައިޔޫގެ ރިޕޯޓު ލީކުވުމާއެކު ޖެހިގެން އައި ދުވަހު އެފްއައިޔޫގެ ވެރިޔާ އަބްދުﷲ އަޝްރަފް މަގާމުން ވަކި ކުރި
ރިޕޯޓުގައި ވަނީ ބާރަށު ދާއިރާގެ މެމްބަރު ޝުޖާއު ސަރުކާރުގެ ތެރެއިން ހޯއްދަވާފައިވާ ކަމަށް ތުހުމަތު ކުރެވޭ އެތައް މިލިއަން ރުފިޔާ ގެ ނަޖާއިޒު މަންފާތަކުގެ ތަފްސީލުތައް

ދިވެހި ރާއްޖޭގެ މަރުކަޒީ ބޭންކް (އެމްއެމްއޭ) މިއަދު ވެފައި ވަނީ ވައްކަން ހިމާޔަތް ކުރާ މުއައްސަސާ އެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހްމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.

މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން މާލީ މުއާމަލާތްތަކަށް ފާރަވެރި ވުމަށް އެމްއެމްއޭ ގައި އުފައްދާފައިވާ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިން ހަދާފައިވާ އެނޭލިސިސް ރިޕޯޓެއްގައި ޚިޔާނާތުގެ ބޮޑު މައްސަލަ އެއް ފެންމަތިވެފައިވާ މި ދަނޑިވަޅުގައި، އެ މައްސަލަ އަށް އަމާޒު ކުރައްވާ ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު ޝަމްހީދު ވިދާޅުވީ، އެމްއެމްއޭ އަކީ "ސިޔާސީ ޕާޓީ އެއްގެ ސިޔާސަތު ހިންގާ މުއައްސަސާ އެއް،" ކަމަށެވެ.

ބާރަށު ދާއިރާ ތަމްސީލު ކުރައްވާ، ޑރ. މުއިއްޒުގެ ޕާޓީ ޕީއެންސީ އަށް ނިސްބަތްވާ މެމްބަރު އިބްރާހީމް ޝުޖާއު، ސިޔާސީ ނުފޫޒު ބޭނުން ކުރައްވައިގެން ސަރުކާރުގެ ތެރެއިން ހޯއްދަވާފައިވާ ކަމަށް ތުހުމަތު ކުރެވޭ އެތައް މިލިއަން ރުފިޔާ ގެ ނަޖާއިޒު މަންފާތަކުގެ ތަފްސީލުތައް ހިމަނާފައިވާ 24 ސަފްހާ ގެ މި ރިޕޯޓު "ހަސަން ކުރުސީ" ގެ އެކްސް އެކައުންޓުން ހޮނިހިރު ދުވަހު ލީކު ކޮށްލާފައި ވަނިކޮށް އެފްއައިޔޫ ގެ ވެރިޔާގެ މަގާމުގައި ހުންނެވި އަބްދުﷲ އަޝްރަފް ކުއްލި ގޮތަކަށް އާދިއްތަ ދުވަހު ވަނީ ވަކި ކޮށްފައެވެ.

ޝަމްހީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކާ ގުޅޭ ގޮތުން އެކުލަވާލާފައިވާ ކަމަށް ބުނާ ރިޕޯޓެއްގެ މައްސަލަ ފެންމަތި ވަނިކޮށް އެފްއައިޔޫ ގެ ވެރިޔާ ވަކި ކުރުމަކީ ބިރު ދެއްކުމެއްގެ އަމަލެއް ކަމަށެވެ.

މަޖިލީހުގެ މެމްބަރަކާއި ގުޅޭގޮތުން އެކުލަވާލާފައިވާ ކަމަށް ބުނާ ރިޕޯޓެއްގެ މައްސަލަ ފެންމަތި ވުމުން، ޖެހިގެން އައި ދުވަހު އެ ރިޕޯޓް ނެރުނު ޑިޕާޓުމެންޓްގެ ވެރިޔަކަށް ހުންނެވި ފަރާތް މަގާމުން އެކަހެރި ކޮށްލުމަކީ ބިރުދެއްކުމުގެ އަމަލެއް.

މެމްބަރު ޝަމްހީދު

ހިންގުން ހަރުދަނާ ކުރުމަށް ގެނައި ބަދަލެއް ކަމަށް ބުނެ އަޝްރަފް ވަކި ކުރުމަށް ފަހު އެފްއައިޔޫ ގެ ވެރިޔާގެ މަޤާމަށް އިސްމާއިލް ސާޖިދު ވަނީ އައްޔަން ކޮށްފަ އެވެ.

އަޝްރަފް ބަދަލުކުރީ ރިސްކް އެންޑް ކޮމްޕަޔަލަންސް ޑިޕާޓްމެންޓްގެ ވެރިޔާގެ މަގާމަށެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅޭ މައްސަލައިގެ ދުވަސްވަރު ރައީސް ޔާމީން އަބްދުލް ގައްޔޫމް ހިންގަވާފައިވާ ކަމަށް ތުހުމަތު ކުރެވޭ މާލީ މުއާމަލާތެއްގެ މައުލޫމާތު އެފްއައިޔޫ އިން ފުލުހުންނަށް ހުށަހެޅުމާއެކު 2018 ވަނަ އަހަރު ވެސް އަޝްރަފް އެފްއައިޔޫ ގެ ހެޑް ގެ މަގާމުން ވަކި ކުރިއެވެ.

- ކޮމެންޓް