ދިވެހި ރާއްޖޭގެ ރަށްތައް ތަރައްޤީ ކުރުމުގެ ބާރުތައް ރަށު ރައްޔިތުންނަށް ނުދީ މައި ސަރުކާރުން ހިފެހެއްޓުމަކީ ބޮޑު ބޭއިންސާފެއް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެ އެވެ.
ލާމަރުކަޒީ ގާނޫނަށް ރައީސް މުއިއްޒުގެ ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތަކަށް ފާޑު ވިދާޅުވަމުން ރައީސް ސާލިހް ވިދާޅުވީ، ފެހި ޤާނޫނު އަސާސީ އިން ރައްޔިތުންގެ ތަރައްޤީ އަށް މަގުފަހިވި ނިޒާމީ އެންމެ މުހިއްމު އެއް ބަދަލަކީ ލާމަރުކަޒީ ނިޒާމު ޤާއިމު ވުން ކަމަށާއި، އެކި ވެރިކަމުގައި އެ ބާރުތަކާއި ވަޞީލަތްތައް ހަނިކޮށް، ފުޅާކުރަމުން އައިސް 2019 ވަނައަހަރު ލާމަރުކަޒީ ޤާނޫނަށް ހުށަހެޅި އިސްލާޙްތަކަކީ ފުޅާ ދާއިރާ އެއްގައި މަޝްވަރާކޮށް ސިޔާސީ ހުރިހާ ފިކުރުތަކުގެ ތާއީދާ ވެސް އެކު ފާސްކޮށް ޢަމަލު ކުރަމުން އައި އިޞްލާޙްތަކެއް ކަމަށެވެ.
"ދިވެހިރާއްޖޭގެ ރަށްތައް ތަރައްޤީ ކުރުމުގެ ބާރުތައް ރަށު ރައްޔިތުންނަށް ނުދީ މައި ސަރުކާރުން ހިފެހެއްޓުމަކީ ބޮޑު ބޭއިންސާފެއް. ކޮންމެ ރަށެއްގެ އިޚްތިޞާޞް މިހާރު ކަނޑައެޅި، ދައުލަތުގެ އާމްދަނީގެ ވަކި މިންވަރެއް ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި ލިބި، ކައުންސިލް ތަކަށް ވަކި އުޞޫލެއްގެ ތެރެއިން ވިޔަފާރި ކުރެވޭނެ ހުއްދަތައް ދިނުމުގެ ހެޔޮ ނަތީޖާ ފެންނާން ފަށައިފި. ކައުންސިލްތައް ފުދުންތެރިވާން ފަށައިފި،" އެކްސް ގައި އާދިއްތަ ދުވަހުގެ ރޭ ކުރެއްވި ޕޯސްޓުގައި ރައީސް ސާލިހް ވިދާޅުވިއެވެ.
ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒު ވެފައިވާ އެ އިސްލާހުތަކާ ބެހޭ ގޮތުން ރައީސް ސާލިހް އިތުރަށް ވިދާޅުވީ، 2019 ވަނައަހަރު ގެނެވުނު އިޞްލާޙްތަކުގެ ހެޔޮ ބަދަލުތައް ފެންނާން ފަށާފައިވާ މި ޅަފަތުގެ ވަގުތު އަނެއްކާ ވެސް މަރުކަޒީ ވިސްނުމުގައި، ސިޔާސީ ބޭނުމަށް ނިޒާމު ގަޑުބަޑު ކުރުމުގެ ހިތި ނަތީޖާ ލިބޭނީ ރަށު ރައްޔިތުންނަށް ކަމުގައެވެ.
ރައީސް ސާލިހް ވަނީ މި އިސްލާހްތައް އަނބުރާ ގެންދިއުމަށް ގޮވާލައްވާފައެވެ.
"މިކަމާ މެދު އަލުން ވިސްނަވައި، މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިޞްލާޙްތައް އަނބުރާ ގެނދިއުމަށް ގޮވާލަން."
ކައުންސިލުތަކުގެ ދައުރުގެ ފަހު އަހަރުގެ ތެރޭގައި ދާއިމީ މުވައްޒަފުންނާއި، ކޮންޓްރެކްޓް މުވައްޒަފުން ނުނެގޭ ގޮތައް ހެދުމުގެ އިތުރުން، ބިމާއި ފަޅު ކުއްޔަށް ނުދެވޭ ގޮތް ހަދަން ލާމަރުކަޒީ ގާނޫނަށް ވަނީ ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހަޅާފައެވެ.
ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި، ކައުންސިލްތަކަށް ސަރުކާރުން އާމްދަނީ ދޫކުރަން ވާނީ އެއްވެސް ގާނޫނެއްގެ ދަށުން ދައުލަތައް ދައްކަން ޖެހޭ އެއްވެސް ޓެކުހެއް ވާނަމަ އެ ޓެކުހަށްވާ ފައިސާ އާއި، އާންމު ޚިދުމަތްތަކަށް ކައުންސިލްތަކުން ދައްކަން ޖެހޭ ފައިސާ އެއް ނުދައްކާތާ 6 މަހަށް ވުރެ ގިނަ ދުވަސް ވެފައި ވާ ނަމަ އެ ފައިސާ އެއް އުނިކުރުމަށް ފަހު ބާކީވާ އަދަދު ކަމަށް ހެދުން ހިމެނެއެވެ.
މިގެންނަ ބަދަލު ތަކުގެ ތެރޭގައި، ފިނޭންސް މިނިސްޓްރީން އެދިއްޖެ ނަމަ ކައުންސިލްތަކުން ހުޅުވާފައިވާ ބޭންކް އެކައުންޓް ތަކުގެ ސްޓޭޓްމަންޓްތައް ވެސް އެ ވުޒާރާ އަށް ފޯރުކޮށްދޭން ޖެހޭނެއެވެ.
މި ބިލުގެ ފުރަތަމަ ކިޔުން އިއްވައި ބަހުސް ކުރުމަށް ހޯމަ ދުވަހުގެ ޖަލްސާ އަށް ވަނީ އެޖެންޑާ ކޮށްފައެވެ.