Advertisement
ކ. މާލެ
|
3 އޯގަސްޓް 2025 | އާދީއްތަ 20:27
މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހު ބާތިލުކުރުމަށް އެދި، ސުޕްރީމް ކޯޓަށް ބަންޑާރަ ނައިބުގެ އޮފީހުން ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގެ އަޑުއެހުމުގެ ތެރެއިން (ފައިލް)
މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހު ބާތިލުކުރުމަށް އެދި، ސުޕްރީމް ކޯޓަށް ބަންޑާރަ ނައިބުގެ އޮފީހުން ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގެ އަޑުއެހުމުގެ ތެރެއިން (ފައިލް)
ރާއްޖެއެމްވީ
އުއްތަމަ ފަނޑިޔާރު
އުއްތަމަ ފަނޑިޔާރު ކަމަށް އައްޔަން ކުރުމަށް ބޭފުޅެއްގެ ނަންފުޅު މަޖިލިހަށް ފޮނުއްވައިފި
ރައީސުލްޖުމްހޫރިއްޔާ ވަނީ އުއްތަމަ ފަނޑިޔާރުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފަ
މި މައްސަލަ ހޯމަ ދުވަހުގެ މަޖިލީހުގެ ޖަލްސާއަށް ވަނީ އެޖެންޑާ ކުރެވިފަ
މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް ދާއިމީ ކޮމިޓީއަށް ފޮނުވުމަށް ވަނީ ހަމަޖެހިފަ

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށް ޓަކައި ނަންފުޅެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާ އަށް މިކަން ވަނީ އެޖެންޑާ ކޮށްފައެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 147 ވަނަ މާއްދާގެ ދަށުން އުއްތަމަ ފަނޑިޔާރުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށްޓަކައި ރައީސުލް ޖުމްހޫރިއްޔާ ފޮނުއްވި ނަންފުޅު ހިމެނޭ ސިޓީ ހޯމަ ދުވަހުގެ ޖަލްސާ ގައި އިއްވެވުމަށްފަހު އެކަމަށް ދިރާސާ ކޮށް ގޮތެއް ނިންމުމަށް ހޯމަ ދުވަހު ދާއިމީ ކޮމިޓީއަށް ފޮނުވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން ތިން ބޭފުޅަކު ކުރިމަތިލައްވާފައި ވެއެވެ.

އެ މަގާމަށް ކުރިމަތިލެއްވީ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އާއި ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން އަދި ފެމިލީ ކޯޓުގެ ގާޒީ އަބްދުالله މުހައްމަދު (އަބްދުالله ގާޒީ) އެވެ.

ސުޕްރީމް ކޯޓުގެ ބެންޗަށް އައްޔަން ކުރުމުގެ ކުރިން ޣަނީ ވަނީ ސިވިލް ކޯޓާއި ހައި ކޯޓުގައި ވެސް ފަނޑިޔާރުކަން ކުރައްވާފަ އެވެ. އޭނާ ވަނީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަން ވެސް ކުރައްވާފައެވެ.

އުއްތަމަ ފަނޑިޔާރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އަހުމަދު މުއުތަސިމް އަދުނާން ރިޓަޔަރ ކުރައްވަން ނިންމެވުމާ ގުޅިގެންނެވެ.

އޭނާގެ އެ ނިންމެވުމުގެ ސިޓީ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ފޮނުއްވީ މެއި 8 ވަނަ ދުވަހު އެވެ.

ޖޭއެސްސީ އިން ވަނީ އޭނާގެ ރިޓަޔަރ ކުރައްވަން ނިންމެވި ނިންމެވުން ޤަބޫލު ކޮށްފައެވެ.

މުއަތަސިމް ވަނީ ސުޕްރީމް ކޯޓު ގައި ދެ ދައުރު އަދާ ކުރައްވާފައެވެ. އޭނާ ފުރަތަމަ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި ޚިދުމަތްކުރެއްވީ 10 އޯގަސްޓް 2010 އިން 2014 އަށެވެ. ރާއްޖޭގެ އެންމެ މަތީ ކޯޓުގެ ބެންޗަށް ދެވަނަ ފަހަރަށް ޢައްޔަންކުރެވި، އުއްތަމަ ފަނޑިޔާރުގެ ގޮތުގައި ހުވާކުރެއްވީ 8 ޑިސެމްބަރ 2019 ގައެވެ.

- ކޮމެންޓް