ކައުންސިލްތަކުގެ ބާރު ކަނޑުވާލުމަށް ލާމަރުކަޒީ ގާނޫނަށް ގެންނަ ބަދަލުތައް ބަލައިނުގަނެ އެ ބަދަލުތަކާ ދެކޮޅަށް ތެދުވުމަށް ކައުންސިލަރުންނަށް އެމްޑީޕީ އިން ގޮވާލައިފިއެވެ.
ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން އާދިއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަކީ ކައުންސިލްތަކުގެ ބާރު އެއްކޮށް ކަނޑުވާލައި، ލާމަރުކަޒީ ނިޒާމު ވުޖޫދުން ފޮހެލުމަށް ހުށަހަޅާފައިވާ ބިލެއް ކަމަށެވެ.
"އެ ބިލު ބަލައިނުގަނެ، އެ ބަދަލުތައް ގެނައުމަށް ދެކޮޅަށް ތެދުވުމަށް އިން ގޮވާލަމެވެ." އެމްޑީޕީގެ ބަޔާނުގައި ވެއެވެ.
ޒަމާންތަކެއް ވަންދެން ވެރިކަން ކުރާ ރަށުގައި މަރުކަޒުކޮށްފައި ހުރި ބާރުތައް ރައްޔިތުންގެ އަތް މައްޗަށް ދޫކޮށްލައި، ރަށްރަށުގެ ކަންކަމަކީ އެ ރަށްރަށުގެ ރައްޔިތުން އިންތިހާބު ކުރާ ކައުންސިލަރުން މެދުވެރިކޮށް ނިންމާ ކަންކަމުގެ ގޮތުގައި ކަނޑައެޅިގެންދިޔުމަކީ ރާއްޖޭގެ ޑިމޮކްރަޓިކް ތާރީހުގައި ހޯދީފައިވާ ބޮޑު ކާމިޔާބެއް ކަމަށް ބަޔާނުގައި ވެއެވެ.
ރަށްރަށުގެ އިހުތިސާސް ކަނޑައެޅި، އެ ރަށެއްގެ ވަށައިގެންވާ ގުދުރަތީ ވެށި ބޭނުންކޮށްގެން އާމްދަނީ އާއި މަންފާ ހޯދޭ ގޮތަށް އެ ގާނޫނަށް ގެނެވިފައިވާ ބަދަލުތަކަކީ ކައުންސިލްތައް މާލީ ގޮތުން މިނިވަންވުމަށް އެޅިގެން ދިޔަ ހަރުދަނާ ފިޔަވަޅެއް ކަމަށާއި ނަމަވެސް، ސަރުކާރުން ގާނޫނަށް ގެންނަން ހުށަހަޅާފައިވާ ބަދަލުތަކާ އެކު ކައުންސިލްތަކުގެ މާލީ މިނިވަންކަން އެއްކޮށް ނެތިގެންދާނެ ކަމަށް ބަޔާނުގައި ވެއެވެ.
އެމްޑީޕީ އިން ބުނެފައިވަނީ ކުރިއަށް އޮތް ކައުންސިލް އިންތިހާބުގެ ކުރިން ރާއްޖޭގެ ކައުންސިލްތައް ނެތިކޮށްލުމަށް ޕީއެންސީގެ ސަރުކާރުން ދައުލަތުގެ ހުރިހާ ބާރެއް ބޭނުންކޮށްގެން ކުރަމުންދާ ކަންކަން އެމްޑީޕީ އިން ކުށްވެރި ކުރާ ކަމަށް ބަޔާނުގައި ވެއެވެ. ރަށްރަށުގެ މައްޗަށް ބާރުފޯރުވުމަށް ސަރުކާރުން މަސައްކަތް ކުރަމުންދަނީ ކައުންސިލް އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކަމަށް ގަބޫލުކުރާ ކަމަށެވެ.
"ލާމަރުކަޒީ ނިޒާމު ނެތިކޮށްލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ދެކޮޅަށް ތެދުވެ އަޑުއުފުލުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި ކައުންސިލަރުންނާއި އެންމެހާ ރައްޔިތުން އިހުތިޖާޖު ކުރުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ފަރާތުން ގޮވާލަމެވެ." ބަޔާނުގައި ވެއެވެ.
ގާނޫނު ނަންބަރު 7/2010 - ދިވެހިރާއްޖޭގެ އިދާރީ ދާއިރާ ތައް ލާމަރުކަޒީ އުސޫލުން ހިންގުގެ ގާނޫނަށް ރައީސް މުއިއްޒުގެ ސަރުކާރުން ހުށަހަޅާފައި އިސްލާހުތަކަށް ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ.
މި ބިލުގެ ފުރަތަމަ ކިޔުން އިއްވައި ބަހުސް ކުރުމަށް ހޯމަ ދުވަހުގެ ޖަލްސާ އަށް ވަނީ އެޖެންޑާ ކޮށްފައެވެ.