ކ. މާލެ
|
3 އޯގަސްޓް 2025 | އާދީއްތަ 18:19
އިސްރާއީލުގެ ގައުމީ ސަލާމަތާ ބެހޭ މިނިސްޓަރު އިޓާމަރ ބެން ގްވީރް
އިސްރާއީލުގެ ގައުމީ ސަލާމަތާ ބެހޭ މިނިސްޓަރު އިޓާމަރ ބެން ގްވީރް
ގެޓީއިމޭޖަސް
އަލް-އަގްސާ މިސްކިތް
އިސްރާއީލުގެ ހަރުކަށި ޤައުމީ ސަލާމަތާ ބެހޭ ވަޒީރު ބެން-ގްވީރު އަލް-އަޤްޞާ މިސްކިތަށް ޒިޔާރަތްކޮށް، އެތަނުގައި އަޅުކަން ކުރި ކަމަށް ބުނެފި
އިސްރާއީލުގެ ޤައުމީ ސަލާމަތާ ބެހޭ ވަޒީރު އިޓަމާރ ބެން-ގްވީރުގެ އަލް-އަޤްޞާ މިސްކިތަށް ކުރި ޒިޔާރަތަކީ އެތަނުގެ ގަވާއިދުތަކާ ޚިލާފަށް ހިންގި މުސްލިމުން ރުޅިއެރުވުމުގެ އަމަލެއް ކަން ފާހަގަކުރެވެއެވެ.

އިސްރާއީލުގެ ހަރުކަށި ކަނާތުފިޔައިގެ ޤައުމީ ސަލާމަތާ ބެހޭ ވަޒީރު އިޓަމާރ ބެން-ގްވީރު އާދީއްތަ ދުވަހު ޖެރޫސަލަމްގައި ހުންނަ އަލް-އަޤްޞާ މިސްކިތަށް ޒިޔާރަތްކޮށް، އެތަނުގައި އަޅުކަން ކުރި ކަމަށް ބުނެފި އެވެ.

މިއީ އަލް-އަގްސާ މިސްކިތުގެ ސަރަހައްދުގައި އަޅުކަން ކުރުމާ ބެހޭ ގޮތުން ހަދާފައިވާ ގަވައިދުތަކަށް ގޮންޖެހުމުގެ ގޮތުން އޭނާ ކުރި ކަމެއް ކަމަށް ބެލެވެއެވެ.

މުސްލިމް ސަރުކާރުތަކާ ގުޅިގެން އެކުލަވާލެވިފައިވާ އެތައް އަހަރެއްގެ ހައްސާސް އެއްބަސްވުމެއްގެ ދަށުން، އަލް-އަޤްޞާ ސަރަހައްދު ބަލަހައްޓަނީ އުރުދުން ގެ ދީނީ މުއައްސަސާ އަކުންނެވެ. އަދި ޔަހޫދީންނަށް އެތަނަށް ޒިޔާރަތް ކުރުން ހުއްދަ ނަމަވެސް، އެތަނުގައި ނަމާދު ކުރުން ވަނީ މަނާ ކޮށްފައެވެ.

ބެން-ގްވީރުގެ ޒިޔާރަތަށް ފަހު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ނެރުނު ބަޔާނެއް ގައި ބުނެފައި ވަނީ އެ ސަރަހައްދު ބެލެހެއްޓުމާ ބެހޭ ގޮތުން ހެދިފައިވާ އުސޫލުތަކާ މެދު އިސްރާއީލުގެ ސިޔާސަތު "ބަދަލުވެފައެއް ނުވާނެ އަދި ބަދަލެއް ނުވެސް ވާނެ" ކަމަށެވެ.

ޓެމްޕަލް މައުންޓް އެޑްމިނިސްޓްރޭޝަން ކިޔާ ކުޑަ ޔަހޫދީ ޖަމްޢިއްޔާ އަކުން އާންމު ކޮށްފައިވާ ވީޑިއޯ ތަކުގައި ބެން-ގްވީރު އެ ސަރަހައްދުގައި ބަޔަކާ އެކު ހިނގާ އުޅޭތަން ފެނެއެވެ. އިންޓަރނެޓުގައި ދައުރުވަމުންދާ އެހެން ވީޑިއޯތަކުގައި ބެން-ގްވީރު އަޅުކަން ކުރާ ތަން ފެންނަ ކަމަށް ބެލެވެއެވެ.

ޔަހޫދީންގެ މެދުގައި ޓެމްޕަލް މައުންޓް ގެ ނަމުން މަޝްހޫރު މި ސަރަހައްދު ބަލަހައްޓާ ވަޤްފުން ބުނެފައި ވަނީ ބެން-ގްވީރު އާއެކު އިތުރު 1،250 މީހުން މިސްކިތުގެ ސަރަހައްދަށް ވަދެފައިވާ ކަމަށާއި، އެ މީހުން އަޅުކަންކޮށް، ހަޅޭއްލަވާ، ނަށާ ހެދި ކަމަށެވެ.

އިސްލާމްދީނުގެ ތިންވަނަ އަށް އެންމެ މުޤައްދަސް މި މިސްކިތާއި މިސްކިތުގެ ގޯތި ތެރޭގައި މުސްލިމުން ނޫން އެހެން ފަރާތް ތަކުން ނަމާދު ކުރުން މަނާކުރާ ގަވާއިދުތައް އިސްރާއީލުން ރަސްމީ ކޮށް ވަނީ ޤަބޫލު ކޮށްފައެވެ.

ބެން-ގްވީރު ކުރިންވެސް މި ސަރަހައްދަށް ޒިޔާރަތް ކޮށްފައި ވެއެވެ. އަދި އެތަނުގައި ޔަހޫދީންނަށް އަޅުކަން ކުރުމަށް ހުއްދަ ދޭންވާނެ ކަމަށް ގޮވާލާފައިވެއެވެ. މިކަމާ ގުޅިގެން ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ނެރުނު ބަޔާންތަކެއް ގައި، މިއީ އިސްރާއީލުގެ ސިޔާސަތު ނޫން ކަމަށް ބުނެފައިވެއެވެ.

ބެން-ގްވީރު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އޭނާ އަޅުކަން ކޮށްފައި ވަނީ ޣައްޒާ ގައި ހިނގަމުންދާ ހަނގުރާމައިގައި އިސްރާއީލަށް ފަލަސްތީނު ގެ ހަމާސްގެ މައްޗަށް ނަޞްރު ލިބުމަށާއި، ޣައްޒާ ގައި ހިފަހައްޓާފައިވާ އިސްރާއީލުގެ ރަހީނުން އަނބުރާ ގެނައުމަށް ކަމަށެވެ. އަދި އޭނާ މިދަނޑިވަޅުގައި ވެސް އަލުން ގޮވާލާފައި ވަނީ އިސްރާއީލުން މުޅި ޣައްޒާ ހިސޯރު ކުރުމަށެވެ.

ޖެރޫސަލަމްގެ ގަދީމީ ސިޓީގައި ހުންނަ އަލް-އަގްސާ ސަރަހައްދަކީ މެދުއިރުމަތީގެ އެންމެ ހައްސާސު ސަރަހައްދުތަކުގެ ތެރެއިން އެއް ސަރަހައްދެވެ.

އިސްރާއީލުން މި ސަރަހައްދުގެ ގަވާއިދުތަކަށް ބަދަލު ގެންނަން އުޅޭ ކަމުގެ އިޝާރާތެއް މީގެ ކުރިން ކުރި ކޮންމެ ފަހަރަކު މުސްލިމް ދުނިޔޭގައި ރުޅިވެރިކަން އުފެދި، އަދި އެކަމުގެ ސަބަބުން ހަމަނުޖެހުންތައް ފެތުރިފައި ވެއެވެ.

ފަލަސްޠީނު ގެ ރައީސް މަޙްމޫދު ޢައްބާސް ގެ ތަރުޖަމާނު ނަބީލް އަބޫ ރުދައިނާ ނެރުނު ބަޔާނެއްގައި ބެން-ގްވީރުގެ ޒިޔާރަތް ކުށްވެރިކޮށް، އެއީ "ހުރިހާ ރަތް ރޮނގުތަކެއް ފަހަނައަޅާ ދިއުން" ކަމަށް ބުނެފައިވެއެވެ.

- ކޮމެންޓް