Advertisement
ކ. މާލެ
|
2 އޯގަސްޓް 2025 | ހޮނިހިރު 16:59
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ފްލައިޓަށް އަރައި ވަޑައިގަންނަވަމުން އަތުން ސަލާމް ކުރައްވަނީ
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ފްލައިޓަށް އަރައި ވަޑައިގަންނަވަމުން އަތުން ސަލާމް ކުރައްވަނީ
ރައީސް އޮފީސް
ރައީސް މުޢިއްޒު
ސިންގަޕޫރު ނުރަސްމީ ދަތުރުފުޅަށް ފަހު، ނުރަސްމީ ދަތުރުފުޅެއްގައި ރައީސް މުޢިއްޒު އިނގިރޭސިވިލާތަށް ވަޑައިގަންނަވާ ވާހަކަ ދޮގު ކޮށްފި
އެކި އެކި މަސްދަރުތަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ސިންގަޕޫރު ދަތުރުފުޅަށް ފަހު ރައީސް އިނގިރޭސިވިލާތަށް ވަޑައިގަންނަވާނެ
މީގެ ކުރިން ވެސް ރައީސް މުޢިއްޒު ވަނީ ރަސްމީ ދަތުރުފުޅުގައްޔާއި، ނުރަސްމީ ދަތުރުފުޅުގައި އިނގިރޭސިވިލާތަށް ވަޑައިގެންފައި
އެންމެ ފަހުން ރައީސް މުޢިއްޒު އިނގިރޭސިވިލާތަށް ވަޑައިގެންނެވީ ހުސްވި ޖުލައި މަހުގެ 15 އިން 19 އަށް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު މިހާރު ސިންގަޕޫރަށް ކުރައްވާ ނުރަސްމީ ދަތުރުފުޅަށް ފަހު، އިނގިރޭސވިލާތަށް ވަޑައިގަންނަވާ ކަަމުގެ އަޑުތައް ފެތުރުމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނަށް ދެންނެވުމުން ވިދާޅުވީ އެއީ "ދޮގެއް" ކަމަށެވެ.

ނުރަސްމީ ދަތުރުފުޅެއްގައި ރައީސް މުޢިއްޒު ސިންގަޕޫރަށް ވަޑައިގެންނެވީ ބުދަ ދުވަހުގެ ރޭ އެވެ. ސްރީ ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަ ރާއްޖެ އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ފުރައި ވަޑައިގެންނެވި ފަހުން، ރައީސް މުޢިއްޒު ވަނީ ސިންގަޕޫރަށް ވަޑައިގެންފަ އެވެ.

ރައީސް މުޢިއްޒު ސިންގަޕޫރަށް ވަޑައިގެންނެވި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަ ކުރި ނަމަވެސް، ރައީސް ސިންގަޕޫރަށް ވަޑައިގެންނެވި ސަބަބެއް ރައީސް އޮފީހުން ހާމަކޮށްފައި ނުވެ އެވެ.

އެކި އެކި މަސްދަރުތަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ސިންގަޕޫރު ދަތުރުފުޅަށް ފަހު ރައީސް އިނގިރޭސިވިލާތަށް ވަޑައިގަންނަވާނެ އެވެ. ނަމަވެސް ރައީސް އިނގިރޭސިވިލާތަށް ވަޑައިގަންނަވާ ތާރީޚު ސާފެއް ނުވެ އެވެ.

ވެރިކަމަށް ވަޑައިގެންނެވި ފަހުން މީގެ ކުރިން ވެސް ރައީސް މުޢިއްޒު ވަނީ ރަސްމީ ދަތުރުފުޅުގައްޔާއި، ނުރަސްމީ ދަތުރުފުޅުގައި އިނގިރޭސިވިލާތަށް ވަޑައިގެންފަ އެވެ. އެންމެ ފަހުން ރައީސް މުޢިއްޒު އިނގިރޭސިވިލާތަށް ވަޑައިގެންނެވީ ހުސްވި ޖުލައި މަހުގެ 15 އިން 19 އަށެވެ. ރަސްމީ ދަތުރުފުޅެއްގައި އެ ފަހަރު ރައީސް އިނގިރޭސިވިލާތަށް ވަޑައިގެން، އިނގިރޭސި ރަސްގެފާނުއާ ވެސް ބައްދަލު ކުރެއްވި އެވެ.

އޭގެ ކުރިން މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ވެސް ރައީސް މުޢިއްޒު ވަނީ ރަސްމީ ދަތުރުފުޅެއްގައި އިނގިރޭސިވިލާތަށް ވަޑަައިގެންފަ އެވެ. މިއަހަރުގެ އޭޕްރީލް މަހުގެ އެއް ވަނަ ދުވަހުން، ފަސް ވަނަ ދުވަހަށް ރައީސް އިނގިރޭސިވިލާތަށް ވަޑައިގެންނެވީ ލިވަޕޫލް އާއެކު ރާއްޖެ އިޝްތިހާރު ކުރުމުގެ ކެމްޕެއިން އަށެވެ.

ނުރަސްމީ ދަތުރުފުޅެއްގައި މީގެ ކުރިން ރައީސް މުޢިއްޒު ވަނީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 20 އިން 29 އަށް ވެސް އިނގިރޭސިވިލާތަށް ވަޑައިގެންފަ އެވެ. އެހެންކަމުން މިއީ ވެރިކަމަށް ވަޑައިގެންނެވި ފަހުން ރައީސް މުޢިއްޒު އިނގިރޭސިވިލާތަށް ވަޑައިގަންނަވާ ހަތަރު ވަނަ ފަހަރެވެ.

ރައީސް މުޢިއްޒު، ނުރަސްމީ ދަތުރުފުޅެއްގައި އިނގިރޭސިވިލާތަށް ވަޑައިގަންނަވާ އަޑުތައް ފެތުރިފައިވާއިރު، އެމަނިކުފާނުގެ ދަރިކަނބަލުން ޔާސްމީން މުޙައްމަދު މުޢިއްޒު ކިޔަވާ ވިދާޅުވާން ހުންނަވަނީ އިނގިރޭސިވިލާތުގަ އެވެ.

ރައީސް މުޢިއްޒުގެ އިނގިރޭސިވިލާތަށް ނުރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންނެވުމާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދުއާ ސުވާލު ކުރުމުން އެންމެ ފުރަތަމަ ވިދާޅުވީ، އެކަން ބައްލަވާލައްވާނެ ކަމަށެވެ. އަދި ބައްލަވާލެއްވުމަށް ފަހު ޖަވާބެއް ދެއްވާނެ ކަމަށެވެ.

އޭގެ ފަހުން މެސެޖު ކުރައްވައި ހީނާ ވިދާޅުވީ ރައީސް މުޢިއްޒު އިނގިރޭސިވިލާތަށް ވަޑައިގަންނަވާ ވާހަކަ އަކީ ދޮގެއް ކަމަށެވެ.

- ކޮމެންޓް