ކ. މާލެ
|
2 އޯގަސްޓް 2025 | ހޮނިހިރު 12:09
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
ރޮއިޓަރސް
ނޯބެލް ސުލްޙައިގެ އިނާމު
ނޯބެލް އިނާމަށް ޓްރަމްޕްގެ ނަން ހުށަހަޅަން ކެމްބޯޑިއާ އިން ނިންމައިފި
ޗަންތޯލް ވިދާލުވީ، ޓްރަމްޕްގެ މަސައްކަތުން ސުލްޙަވެރިކަން ޤާއިމު ވެފައިވާ ކަމަށާއި، އެކެމަަށްޓަކައި ނޯބެލް ސުލްޙައިގެ އިނާމަށް އެ ޤައުމުން ޓްރަމްޕްގެ ނަން ހުށަހެޅުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކޭ ކަމަށެވެ. 

ނޯބެލް ސުލްޙައިގެ އިނާމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ނަން ހުށަހަޅަން، ކެމްބޯޑިއާ އިން ނިންމައިފި އެވެ.

ކެމްބޯޑިއާގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު ސަން ޗަންތޯލް ވިދާޅުވެފައި ވަނީ، ތައިލެންޑާއި ކެމްބޯޑިއާއާ ދެމެދު ހިނގި ބޯޑަރު މައްސަލައިގެ ހަނގުރާމަ އަށް ހައްލެއް ހޯދުމުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ސީދާ އެހީތެރިކަން ލިބިފައިވާ ކަމަށެވެ. އެހެންކަމުން، އެކަމަށްޓަކައި ނޯބެލް ސުލްޙައިގެ އިނާމަށް ޓްރަމްޕްގެ ނަން ހުށަހެޅުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

ޕެނޯމް ޕެނަންގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޗަންތޯލް ވިދާލުވީ، ޓްރަމްޕްގެ މަސައްކަތުން ސުލްޙަވެރިކަން ޤާއިމު ވެފައިވާ ކަމަށާއި، އެކެމަަށްޓަކައި ނޯބެލް ސުލްޙައިގެ އިނާމަށް އެ ޤައުމުން ޓްރަމްޕްގެ ނަން ހުށަހެޅުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކޭ ކަމަށެވެ. 

ރޮއިޓާސް އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި ތައިލެންޑާއި ކެމްބޯޑިއާއާ ދެމެދު ހިނގި ހަނގުރާމަ ހުއްޓާލުމަށް ދެ ޤައުމުން ވެސް އެއްބަސްވެ، ސުލްޙައިގެ އެއްބަސްވުމެއްގައި ސޮއި ކުރީ ޓްރަމްޕްގެ ސީދާ މަސައްކަތުންނެވެ. 

ތައިލެންޑާއި ކެމްބޯޑިއާއާ ދެމެދު ކުރިއަށް ދިޔަ ހަނގުރާމައިގައި 43 މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓު ކޮށްފައިވާއިރު، 300،000 (ތިން ލައްކަ) އަށް ވުރެ ގިނަ މީހުން ވަނީ ތިބި ސަރަހައްދުން ރައްކާތެރި ތަންތަނަށް ހިޖުރަ ކުރަން މަޖުބޫރުވެފަ އެވެ. 

ކެމްބޯޑިއާގެ އިތުރުން ޕާކިސްތާން އިން ވެސް ވަނީ، ނޯބެލް ސުލްޙައިގެ އިނާމަށް ޓްރަމްޕްގެ ނަން ހުށަހަޅާނެ ކަމަށް ހާމަކޮށްފަ އެވެ. އެއީ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ކުރިއަށް ދިޔަ ހަމަލާ ބަދަލު ކުރުންތައް ނިމުމަކަށް ގެނައުމުގައި ޓްރަމްޕް އިސްވެ މަސައްކަތް ކުރައްވާފައިވާ ކަމަށް ބުނެ އެވެ. 

ކެމްބޯޑިއާ އާއި ޕާކިސްތާން އިން ނޯބެލް ސުލްޙައިގެ އިނާމަށް ޓްރަމްޕްގެ ނަން ހުށަހަޅަން ނިންމާފައިވާއިރު، އިސްރާއީލް އިން ވަނީ ނޯބެލް ސުލްޙައިގެ އިނާމަށް ޓްރަމްޕްގެ ނަން ހުށަހަޅައިފަ އެވެ. އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އެމެރިކާ އަށް ކުރެއްވި ދަތުރުފުޅުގައި ވަނީ، ނޯބެލް ސުލްޙައިގެ އިނާމު ކޮމެޓީ އަށް ފޮނުއްވި ސިޓީ ވެސް ޓްރަމްޕް އަށް ރައްދު ކޮށްފަ އެވެ. 

ކެމްބޯޑިއާގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު ޗަންތޯލް އިތުރަށް ވިދާޅުވީ، ކެމްބޯޑިއާގެ އެކްސްޕޯޓް ޓެރިފް 49 އިންސައްތަ އިން، 19 އިންސައްތަ އަށް ދަށްކޮށްދިނުމަށް ޓަކައި ވެސް އެމެރިކާ އަށް ޝުކުރު އަދާ ކުރާ ކަމަށެވެ. އޭނާ ވިދާޅުވީ ޓެރިފްގެ އެ ރޭޓު 36 އިންސައްތައިގައި ބެހެއްޓި ނަމަވެސް، އެ ޤައުމުގެ މުހިންމު އުފެއްދުންތެރި ކަމަށްވާ ފައިވާނުގެ ސިނާއަތަށް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުނީސް ކަމަށެވެ. 

ނޯބެލް ސުލްޙައިގެ އިނާމަށް ޤައުމުތަކުން ޓްރަމްޕްގެ ނަން ހުށަހަޅަމުން އަންނައިރު، ޓްރަމްޕް އަށް މި އިނާމު ނުލިބޭތީ އޭނާގެ ވަފާތެރި ސަޕޯޓަރުން އަދި އޭނާ ވެސް ވަނީ މީގެ ކުރިން ވެސް އިނާމު ކޮމެޓީ އަށް ނުރުހުން ފާޅު ކޮށްފަ އެވެ. އެގޮތުން އިންޑިއާ އާއި ޕާކިސްތާންގެ މައްސަަލަ އާއި، ސާބިއާ އާއި ކޮސޯވޯގެ ދެމެދުގައި އުފެދުނު މައްސަލައިގެ މެދުވެރިއެއްގެ ގޮތުގައި ޓްރަމްޕް އަދާ ކުރެއްވި ދައުރަށް އިނާމު ލިބެން ވާނެ ކަމަށް ޓްރަމްޕް އަދި އެ ފަރާތްތަކުން ޤަބޫލު ކުރެ އެވެ. 

މީގެ އިތުރުން މިޞްރާއި، އިތިއޯޕިއާގެ ދެ މެދުގައި ސުލްޙަވެރިކަން ޤާއިމު ކުރުމާއި، އިސްރާއީލާއި ޤަރަބި ޤައުމު ތަކުގެ މެދުގައި އޮތް ގުޅުން ރަނގަޅު ކުރުމާއި، ސުލްޙަވެރިކަން ހޯދުމަށް ކުރެއްވި މަސައްކަތުގެ ކްރެޑިޓް ލިބެން ވާނެ ކަމަށް ޤަބޫލު ކުރައްވާ ކަމަށް ޓްރަމްޕް މީގެ ކުރިން ވެސް ވިދާޅުވެފައިވެ އެވެ.

- ކޮމެންޓް