ހއ. އަތޮޅު މަނަފަރު ރިސޯޓުން ކުނި ބަރުކޮށްގެން ތިލަފުށްޓަށް ދަތުރުކުރި ދޯންޏެއް ފަރަށް އަރައިފިއެވެ.
ފަރަށް އެރި ދޯނީގެ ނަމަކީ "ގުރުވަ 1" އެވެ.
އެމްއެންޑީއެފް އިން ބުނީ އެ ދޯނީގައި ތިބި ފަޅުވެރީންނަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
ދިވެއްސަކާއި ދެ ބިދޭސީންނާ އެކު ދަތުރު ކުރަމުން ދިޔަ މި ދޯނި، ނ. ކުޑަރަށް ކައިރިން ފަރަށް އެރި ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑަށް ލިބިފައިވަނީ ހުކުރު ދުވަހުގެ ރޭ 23:24 ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.
މި ހާދިސާގެ މަޢުލޫމާތު ލިބުމުން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ހާބަރ ކްރާފްޓް ވަނީ އެ ސަރަހައްދަށް ދަތުރުކޮށް، ދޯނިން ދަތުރު ކުރި ތިން ފަޅުވެރިން ހާބަރ ކްރާފްޓް އަށް ނަގާފައެވެ.
އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ އެހީތެރިކަމާ އެކު ފަޅުވެރީން ހޮނިހިރު ދުވަހު ހެނދުނު 08:45 ހާއިރު ނ. ހޮޅުދޫ އަށް ގެންގޮސްދީފައިވާ އިރު، އެ އެންމެންގެ ވެސް ހާލު ރަނގަޅު ކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.