ޑްރަގް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭން ހުށަހެޅީ ދިރާސާ ނުކޮށް، ސަރުކާރަށް ދިމާވާ ޕްރެޝަރ ކުޑަކޮށްލުމަށް ކަމަށް އެމްޑީޕީގެ ޤައުމީ މަޖިލިސް މެމްބަރު އަދި އެމްޑީޕީގެ މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތް ކުރާ ކޮމިޓީގެ މުގައްރިރު މުހައްމަދު ސޮބްރީ (ސަބާ) ވިދާޅުވެއްޖެއެވެ.
އޭނާ އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަސްކާފު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.
މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވޭގޮތަށް ގާނޫނު އިސްލާހު ކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އަންގަވާފައި ވަނީ ނިމިދިޔަ ޖުލައިމަހުގެ ތެރޭގައެވެ. އެކަމަށް އިޝާރާތްކުރައްވާ ސަބާ ވިދާޅުވީ މި ސަރުކާރަށް ޑްރަގް ރިހިބިލިޓޭޝަން އާއި ގުޅުން ހުރި މަސައްކަތްތައް ރަނގަޅަށް ކުރިއަށް ނުގެންދެވޭ ކަމަށެވެ. ބޮޑެތި ހަރުކަށި ފިޔަވަޅު އަޅައިގެން އެކަނި މަސްތުވާތަކެތީގެ މައްސަލަ އަށް ހައްލުހޯދުމަށް މަސައްކަތް ކުރުމަކީ ގައުމުތަކުން ޓެސްޓްކޮށް ފެއިލްވެފައިވާ ނިޒާމެއް ކަމަށެވެ.
މިފަދަ ބިލެއް އެކުލަވާލަން ވާނީ ވަރަށް ފުޅާކޮށް ދިރާސާކޮށްގެން ކަމަށާއި ހަމައެކަނި ބަދަލެއް ގެނައުމުގެ ބަދަލުގައި އަވަސް އަރުވާލައިގެން ކުރާ ކަމަކުން ނަތީޖާ ނުނެރެވޭނެ ކަަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެންޑީއޭ ހޯމް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމަށް ފަހު އެކަށީގެންވާ ޤާބިލް ބަޔަކު އެންޑީއޭ ހިންގަން ނުލާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އެއީ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
މި ފަހުން އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ޒިންމާދާރުކަން ކުޑަ އަމަލުތައް ފެނިއްޖެ. މިސާލަކަށް ބަލި މީހާގެ ޒާތީ މައުލޫމާތު ހާމަކުރުން ކަހަލަ ކަންކަން. ސަރުކާރަށް ޕްރެޝަރ ބޮޑުވީމަ ކަމެއް ކުރާކަމަށް ދެއްކުމަށް ދިރާސާ ނުކޮށް މިފަދަ ކަމެއް ހުށަހެޅުމަކުން އެކަނި ހައްލެއް ނުވޭ. ފުރަތަމަ ކުރަންވީ ކަމަކީ ޤާބިލް މީހުން އެންޑީއޭ މެނޭޖްކުރަންލުން. ކައިރިކައިރީގައި ސިޔާސަތުތައް ބަދަލުކުރުމުގެ ސަބަބުންނާއި މަޤާމުތަކަށް ސިޔާސީ މީހުން ލުން އެންމެ ބޮޑު މައްސަލަ އަކީ.
އެމްޑީޕީގެ މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތް ކުރާ ކޮމިޓީގެ މުގައްރިރު މުހައްމަދު ސޮބްރީ (ސަބާ)![]()
މަސްތުވާތަކެތީގެ ވަބާއިން ދިވެހި މުޖްތަމަޢު ސަލާމަތްކޮށް، މަސްތުވާތަކެތިން ދުރުހެލިވެފައިވާ ޖީލެއް ބިނާކުރުމަކީ މިސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒުކަމަށް ސަރުކާރުން ބުނެއެވެ.
މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މަސްތުވާ ތަކެއްޗާބެހޭ ޤާނޫނަށް އިސްލާހުގެނައުމުގެ ބިލްގައި، މަސްތުވާތަކެތި އެތެރެކުރުމުގެ ނުވަތަ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ ފަރާތްތަކަށް ދުނިޔޭގެ ބައެއް އެހެން ގައުމު ތަކުގައި ވެސް ކަން ކުރާ ގޮތަށް، މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތައް ކަނޑައެޅުމަށްޓަކައި އެ ބިލް އިތުރަށް ދިރާސާކުރުމަށް ސަރުކާރުގެ ކަމާގުޅުން ހުރި އިދާރާތަކަށް ވާނީ މިހާރު ދަންނަވާފައި ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
ރައީސް މިފަދައިން ވިދާޅުވެފައިވާއިރު، މަސްތުވާތަކެތީގެ ބައެއް ކުށްތަކުގެ އަދަބު ހަރުކަށިކޮށް ބޮޑެތި ޖޫރިމަނާތަކެއް ވެސް ހިމެނޭ ގޮތަށް މަސްތުވާތަކެތީގެ ގާނޫނަށް މީގެ ކުރިން ވަނީ އިސްލާހު ހުށަހަޅާފަ އެވެ. ސަރުކާރުގެ ފަރާތުން އެ ބިލު މަޖިލީހަށް ހުށަހެޅާފައިވަނީ ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދެވެ.
ޔޫސުފް ނަޝީދު ހުށަހެޅުއްވި އެ ބިލުގައި ވަނީ މަސްތުވާތަކެތި ބޭނުންކުރާ ތަންތަން ހިންގުމުގެ ކުށުގެ ނަމުގައި މާއްދާއަކާއި ފައިނޭންސްކުރުމަކީ ވެސް ވަކި ކުށެއް ކަމަށް އިތުރުކޮށް ބޮޑެތި އަަދަބުތަކެއް ހިމަނާފަ އެވެ.
އޭގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް މަސްތުވާތަކެތި ބޭނުންކުރެވޭނެ އާލާތްތަކާއި ވަސީލަތްތަކާއި މަސްތުވާތަކެތި ވަކި ތަނެއްގައި ފޯރުކޮށްދީފި ނަމަ ފަސް އަަހަރު ދުވަހުގެ ޖަލު ހުކުމަކާ އެކު 50،000 ރުފިޔާ އާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން ހިމަނާފައި ވެއެވެ.