އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ 20 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި 'ރަން ރީނދޫ' އިވެންޓް ކާމިޔާބުކަމާއި އެކު ނިންމާލައިފިއެވެ.
އެ ހަރަކާތް ބާއްވާފައި ވަނީ ހުކުރު ދުވަހު ހަވީރު ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.
އެ އިވެންޓް ފަށާފައި ވަނީ އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން މާރިޔާ އަހުމަދު ދީދީ އިއްވަވާދެއްވި ޚާއްސަ މެސެޖާއި އެކުގައެވެ. އެ މެސެޖުގައި ރަންރީނދޫ ދުވުން އެންމެ ފުރަތަމަ އެމްޑީޕީން ބާއްވަން އުޅުނު ޖުލައި 18ގައިކަން ފާހަގަކޮށްފައިވެއެވެ. ނަމަވެސް އެ ހަރަކާތައް ހުއްދަ ނުދިނުމުން ގޮންޖެހުންތަކާއި ދިމާވިކަން މާރިޔާ ވަނީ ފާހަގަކުރައްވާފައެވެ.
އެ ދުވުމަށް ފަހު ރާއްޖެޓީވީ އަށް ދެއްވި ބަސްތީގަތުމެއްގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވީ މިއީ އާއްމުން އެކުގައި ބައިވެރިވެގެން ޕާޓީގެ ކަންކަން ކުރިއަށް ގެންދިޔަ މުހިންމު ހަރަކާތެއް ކަމަށެވެ. އަދި މިހާރުގެ ސަރުކާރުގެ ހުރި ނުރަނގަޅު ކަންކަމާއި، ސަރުކާރުގެ ދަތިކުރުންތަކުން ސަލާމަތް ވެވޭނީ އެންމެން އެކުގައި މަސައްކަތްކޮށްގެން ކަަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން އެ ދުވުމުގެ ތެރެއިން ރާއްޖެޓީވީ އަށް ދެއްވި ބަސްތީގަތުމެއްގައި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ ޕާޓީގެ މެމްބަރުން އެކުގައި މަސައްކަތްކުރުމުގެ ރޫހު މިހާރު ފެނިގެންދާ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކަށް ތައްޔާރުވުމުގެ މަސައްކަތް ޕާޓީގައި ކުރިއަށްދާ ކަމަށް ފައިސަލް ވިދާޅުވިއެވެ.
އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއިލް ރާއްޖެޓީވީ އަށް ވިދާޅުވީ މިވަގުތު ޕާޓީގެ އެންމެ ވަރުގަދަ އަމާޒަކީ ޕާޓީ ވަރުގަދަކުރުން ކަމަށެވެ. މިފަދަ ހަރަކާތެއްގެ ބޭނުމަކީ އެކުވެރިކަން އާލާކުރުން ކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ. މި ވަގުތު ކުރަނީ އެމްޑީޕީގެ ބްރޭންޑް ކުރިއެރުވުމުގެ މަސައްކަތް ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
އެ ދުވުމުގެ ތެރެއިން ރާއްޖެޓީވީ އަށް މައުލޫމާތުދިން ކުރީގެ މަޖިލީހުގެ މެމްބަރުންނާއި މިހާރުގެ މަޖިލީހުގެ މެމްބަރުން ވަނީ ޕާޓީ ވަރުގަދަކޮށް ކުރިއަށް އޮތް އިންތިޚާބުތަކަށް ތައްޔާރުވާން ޖެހޭ ކަމަށާއި ސަރުކާރު ޖަވާބުދާރީ ވާން ޖެހޭ ކަމަށް ވިދާޅުވެފައެވެ.