ކ. މާލެ
|
1 އޯގަސްޓް 2025 | ހުކުރު 11:52
ސްރީލަންކާގެ ރީތި ބައެއް ތަންތަން
ސްރީލަންކާގެ ރީތި ބައެއް ތަންތަން
ގޫގުލް
ސްރީލަންކާ
ދުނިޔޭގެ އެންމެ "ރީތި ޖަޒީރާ 2025"ގެ ލަޤަބު ސްރީލަންކާ އަށް
ސްރީލަންކާގެ ޤަދީމީ ސިޓީތަކުގައި ހުރި ތާރީޚީ އާސާރީ ތަންތަނާއި، ފާރުތަކުގައި ކުރެހިފައިވާ ކުރެހުންތަކަކީ އެތަނުގެ ސަގާފީ މުއްސަނދިކަން ދައްކުވައިދޭ ކަންތައްތަކެވެ.

ދުނިޔޭގެ އެންމެ "ރީތި ޖަޒީރާ 2025"ގެ ލަޤަބު ސްރީލަންކާ އިން ހޯދައިފިއެވެ.

ޖުލައި 2025 ގައި، ބިގް 7 ޓްރެވަލް އިން ވަނީ ސްރީލަންކާއަކީ ދުނިޔޭގެ އެންމެ ރީތި ޖަޒީރާގެ ގޮތުގައި ކަނޑައަޅާފައެވެ. ސްރީލަންކާ އަކީ ދުނިޔޭގެ އެންމެ ރީތި ޖަޒީރާ ކަމަށް ކަނޑައަޅާފައި ވަނީ ބިގް 7 ޓްރެވެލް އިން އަހަރަކު އެއްފަހަރު ނެރޭ "ދުނިޔޭގެ އެންމެ ރީތި 50 ޖަޒީރާ" ގެ ލިސްޓުގައި އެވެ.

މި ލިސްޓުގައި ސްރީލަންކާ ވަނީ ފްރެންޗް ޕޮލިނޭޝިއާގެ މޫރެއާ އަދި އެކުއަޑޯގެ ގަލަޕާގޮސް ޖަޒީރާތަކަށްވުރެ މަތީ ދަރަޖައެއްގައި ހިމަނާފައެވެ. ބިގް 7 ޓްރެވަލްއިން ފާހަގަކޮށްފައިވާ ގޮތުގައި ސްރީލަންކާގެ ރަން ގޮނޑުދޮށްތަކާއި، ފެހި ފަރުބަދަތަކާއި، ޤަދީމީ ތަރިކައާއި، ދިރޭތަކެތީގެ ނަސްލުތަކުގެ މުއްސަނދިކަމަކީ ތަނުގެ ޚާއްޞަ ސިފަތަކެވެ.

ސްރީލަންކާގެ 1،300 ކިލޯމީޓަރުގެ ގޮނޑުދޮށް ސަރަޙައްދުގައި މިރިއްސާ، އުނަވަޓުނާ، ބެންޓޯޓާ، އަރުގަމް ބޭ އަދި ޕަސިކުޑާ ފަދަ ރީތި މޫދު ސަރަޙައްދުތައް ހިމެނެއެވެ. މީގެ އިތުރުން ގަދީމީ ސިޓީތައް ކަމުގައިވާ ކޭންޑީ އާއި އަނުރާދަޕުރާ، އަދި ޔުނެސްކޯގެ ތަރިކައިގެ ލިސްޓުގައި ހިމެނޭ ސިގިރިޔާ އާއި ދަމްބުއްލާ ހިލަ އަކީ ވެސް ފާހަގަކޮށްލެވޭ މުހިންމުތަންތަނެވެ.

ޔާލާ ނެޝަނަލް ޕާކުގައި ސަފާރީ ދަތުރުތައް ކުރުމާއި، ހައިލޭންޑްސްގެ ސައު ދަނޑުތަކުގައި ހިނގާލުމާއި، ޤަދީމީ ތަންތަން ބަލާލުމަކީ ޒިޔާރަތްކުރާ ފަރާތްތަކަށް ލިބޭ މުއްސަނދި ތަޖުރިބާތައް ކަަމަށް އެ ތަނަށް ދާ ފަތުރުވެރިންނާއި، ފަތުރުވެރިންގެ އެޖެންސީތަކުން ފާހަގަކޮށްފައިވެއެވެ.

ސްރީލަންކާގެ ޤަދީމީ ސިޓީތަކުގައި ހުރި ތާރީޚީ އާސާރީ ތަންތަނާއި، ފާރުތަކުގައި ކުރެހިފައިވާ ކުރެހުންތަކަކީ އެތަނުގެ ސަގާފީ މުއްސަނދިކަން ދައްކުވައިދޭ ކަންތައްތަކެވެ. މި ހުރިހާ ކަމަކާއެކު ސްރީލަންކާއަކީ 2025 ވަނަ އަހަރު ޒިޔާރަތްކުރުމަށް އެންމެ ރަނގަޅު ޖަޒީރާތަކުގެ ތެރެއިން އެއް ޖަޒީރާ ކަމަށް ބިގް 7 ޓެރެވެލް އިން ބުނެފައިވެއެވެ.

- ކޮމެންޓް