Advertisement
ކ. މާލެ
|
1 އޯގަސްޓް 2025 | ހުކުރު 10:12
މާލެ ސިޓީ ކައުންސިލްގެ ވަކީލް، މުހައްމަދު ފަރީދު ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ
މާލެ ސިޓީ ކައުންސިލްގެ ވަކީލް، މުހައްމަދު ފަރީދު ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
ގެދޮރުވެރިޔާ ސްކީމް
"ގެދޮރުވެރިޔާ"ގެ ފްލެޓްތަކުގެ އެއްބަސްވުން މިހާރު އެކުލަވާލަމުން ދަނީ މިލްކުވެރިފަރާތާއި މެދު އޮޅުން އަރާ ގޮތަށް - ސިޓީ ކައުންސިލްގެ ޤާނޫނީ ވަކީލް
ފަރީދު ވަނީ ރަށްވެހިންގެ ރެޖިސްޓްރީ ދޭ ގޮތް ތަފްސީލްކޮށްދެއްވާފަ
މި މައްސަލައިގައި ކަން ހިނގާފައި ވަނީ ދައުލަތުގެ ނިންމުމާއި މެދު ރައްޔިތުންގެ އިތުބާރު ކުޑަވާ ގޮތަށް ކަމަށް އޭނާ ވަނީ ވިދާޅުވެފަ
ގޯތީގެ ރެޖިސްޓްރީގެ މައްޗަށް ވެސް ރަށްވެހިކުރަމުންދާ ކަން އޭނާ ފާހަގަކުރެއްވި

ނިމިދިޔަ އެމްޑީޕީ ސަރުކާރުން ކުރިއަށްގެންދިޔަ "ގެދޮރުވެރިޔާ"ގެ ފްލެޓްތަކުގެ އެއްބަސްވުން މިހާރު އެކުލަވާލަމުން ދަނީ މިލްކުވެރިފަރާތާއި މެދު އޮޅުން އަރާ ގޮތަށް ކަމަށް މާލެ ސިޓީ ކައުންސިލްގެ ވަކީލް، މުހައްމަދު ފަރީދު ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ރާޢްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

ރަށްވެހިކަމުގެ ރަޖިސްޓަރީ ހަދައިދިނުމަށް އެދި "ގެދޮރުވެރިޔާ"ގެ ދަށުން ފްލެޓް ލިބުނު މީހަކު، މާލޭސިޓީ ކައުންސިލަށް ހުށަހެޅި ސިޓީގެ ޖަވާބުގައި މާލޭސިޓީ ކައުންސިލުން ވަނީ އެކަން ކުރެވެން ނެތްކަން އޭނާ އަށް އަންގާފައެވެ. ސަބަބަކީ ރަށްވެހިކަމުގެ އުސޫލަކީ "ގަނެ ވިއްކުމުގެ އެއްބަސްވުން" ގެ ދަށުން ކުރިއަށްދާ ކަމަކަށް ވާތީ ކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަން އާއި ފްލެތް ލިބުނު މީހާ އާއި ދެމެދު ހަދަމުން ދަނީ "ޔުނިޓް ކުއްޔަށް ދިނުމާއި މިލްކް ކުރުމުގެ އެއްބަސްވުން" ކަމަށް ވުމާއި އެކު އެއީ ކުލީގެ އެއްބަސްވުމެވެ. އޭގެ ދަށުން ރަށްވެހިކަމުގެ ރެޖިސްޓްރީ ނުހެދޭނެ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

އެކަމަށް އިޝާރާތްކުރައްވާ ވާހަކަދައްކަވަމުން ފަރީދު ވަނީ ރަށްވެހިންގެ ރެޖިސްޓްރީ ދޭ ގޮތް ތަފްސީލްކޮށްދެއްވާފަ އެވެ.

ކުރިން އޮތް ގޮތުން ނަމަ ރަށްވެހިކަމުގެ ރެޖިސްޓްރީ ހުށަހަޅަން އެދެވެނީ ރަށްވެހި ވާން އެދޭ ތަނުގެ ވެރި މީހާގެ ހުއްދަ އާއި އެކުގައި ކަމަށް ފަރީދު ވިދާޅުވިއެވެ. އަދި ގޯތީގެ ރެޖިސްޓްރީ ވެސް އެކަމަށް އެދި ހުށަހަޅަން ޖެހޭކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. މިހާރު ރަށްވެހިކަމުގެ ރެޖިސްޓްރީ އަށް އެދި ހުށަހަޅާ ފޯމުގައި ވެސް ގޭގެ ވެރިފަރާތުގެ އިއުތިރާޒެއް ނެތްކަމަށް ސޮއިކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެއާއި އެކު ރެޖިސްޓްރީގެ އަސްލު ހުށަހަޅަން ޖެހޭކަމަށް ފަރީދު ވިދާޅުވިއެވެ.

މިއި ޤާނޫނު ނުދަންނަ ކޮންސެޕްޓެއް ނޫން. އެކަމަކު އެ ކޮންސެޕްޓަކަށް ނޫން އިއުލާންކުރެއްވީކީ. ހެއްދެވި އިވަލުއޭޝަން ހައްދަވާފަ އެކަމާއި ގުޅޭ އުސޫލުތައް ކަނޑައެޅީވެސް މި ކޮންސެޕްޓަކަށް ނޫން. އޭރު އޮތީ މިލްކުވާގޮތަށް. ފަހުން އައި ބަދަލަކީ ފްލެޓް ކަނޑައަޅާ ލިޔުމެއް ދީފަ އޮއްވާ އެއަށް ބަދަލު ގެނައީ. ފްލެޓް ކަނޑައެޅިއަސް އެއްބަސްވުމެއް ހަދަނީ ކުރިން ދެއްކި ވާހަކަ ދަންނަ އެއްބަސްވުމެއް ނޫން. އެއީ ކުލި ދައްކައިގެން މިލްކުވާ ކޮންސެޕްޓެއް. މިކަމާއި ގުޅިގެން ހިނގި އެއްވެސް ކަމެއް ހިނގީ މި ކޮންސެޕްޓަކަށް ނޫން.

ސިޓީ ކައުންސިލްގެ ވަކީލް، މުހައްމަދު ފަރީދު

އޭނާ ވަނީ ސަރުކާރަށް އެކަން ކުރަން ނޭނގޭ ނަމަ އެ މަރުހަލާ ރަނގަޅަށް ކުރިއަށް ގެންދަން އެނގޭ ބަޔަކާއި ހަވާލުކުރުމަށް އޭނާ ގޮވާލެއްވިއެވެ.

އިމާރާތްކޮށްފައި ނެތަސް ގޯތީގެ ރެޖިސްޓްރީގެ މައްޗަށް ވެސް ރަށްވެހިކުރަމުންދާ ކަން އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް ގޯތި މިލްކު ނުވެ ރެޖިސްޓްރީ ނުވާނެ ކަަމަށް އޭނާ ވިދާޅުވިއެވެ. މި މައްސަލައިގައި ކަން ހިނގާފައި ވަނީ ދައުލަތުގެ ނިންމުމާއި މެދު ރައްޔިތުންގެ އިތުބާރު ކުޑަވާ ގޮތަށް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

- ކޮމެންޓް