ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ފަޔާޒް މަންސޫރު އިސްތިއުފާ ދެއްވައިފިއެވެ.
އޭނާ އިސްތިއުފާ ދެއްވީ ބުރާސްފަތި ދުވަހު ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ފަޔާޒް އަކީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު ރައީސްކަމާ ހަވާލުވެވަޑައިގެންނެވި ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި އެޗްޑީސީގެ ފުރަތަމަ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އެވެ.
ފަޔާޒް މަންސޫރު މި މަގާމަށް އިސްކުރެވުނީ އެޗްޑީސީގެ އިސް މެނޭޖްމަންޓުގެ މެދުގައި ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވުމާ ގުޅިގެން، އެޗްޑީސީގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރ ފަޟުލް ރަޝީދު އިސްތިޢުފާ ދެއްވުމަށްފަހު، މަދު ދުވަސްކޮޅެއްގެ ތެރޭގައެވެ.
އެޗްޑީސީ ގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުން މުޙައްމަދު މަޢުރޫފް ޖަމީލް ވަނީ އިއްޔެ (ޖުލައި 30) އިސްތިޢުފާ ދެއްވާފައެވެ. އޭނާ އިސްތިއުފާ ދެއްވީ އެ މަޤާމަށް އައްޔަނުކުރެވުނުތާ އެންމެ ހަ މަސް ދުވަސް ވެފައިވަނިކޮށެވެ.
އެޗްޑީސީގެ ކުރީގެ ތަރައްޤީގައި މުހިންމު ދައުރެއް އަދާކުރައްވާފައިވާ އަދި ކުރީގެ ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް އިންފްރާސްޓްރަކްޗަރ ވަޒީރުކަން ކުރައްވާފައިވާ މަޢުރޫފް، މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް އައްޔަނުކުރެވުނީ 22 ޑިސެމްބަރ 2024 ގައެވެ.