މާލޭ ވިޔަފާރިބަނދަރުގައި އޮތް ބޯޓުތަކުން 4720 ބަސްތާ ފިޔާ ބާލާފައިވާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، (އެމްޕީއެލް) އިން ބުނެފިއެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ބޯޓުތަކުން ފިޔާ ބޭލުން ލަސްވުމުގެ ސަބަބުން ބާޒާރުމަތީ ގިނަ ފިހާރަތަކުން ވަނީ ފިޔާ ހުސްވެފަ އެވެ. މިވަގުތު ފިޔާ ހުރި ފިހާރަތަކުން ވެސް ފިޔާ ވިއްކަނީ ނު އަގުގަ އެވެ. އެގޮތުން ބައެއް ފިހާރަތަކުން ކިލޯއެއް މިހާރު އުޅެނީ 70 އިން މަތީގަ އެވެ.
ބާޒާރުގައި ފިޔާލިބުން ދަތިވެ، ފިޔާގެ އަގު އުފުލިފައިވަނިކޮށް އެމްޕީއެލުން ބުދަ ދުވަހު ބުނީ އަންގާރަ ދުވަހުން ފެށިގެން މިހާތަނަށް 4720 ބަސްތާގެ ފިޔާ ބޯޓުތަކުން ބާލައި ގުދަނަށް ގެންގޮސްފައިވާ ކަމަށެވެ.
އެގޮތުން ވިޔަފާރި ބަނދަރުގައި އޮތް ތިން ބޯޓަކުން ކޮންމެހެން ބޭނުންވާ މުދާ ބޭލިއިރު އޭގެ ތެރޭގައި ފިޔާ ހިމެނޭކަން އެމްޕީއެލުން ފާހަގަކުރި އެވެ. އެމްޕީއެލް އިން ބުނީ މޫސުން ތަންދޭ ވަރަކުން ބޯޓުން މުދާ ބޭލުމުގެ ކަންކަން ކުރިއަށްގެންދާކަމަށެވެ.
ބޯޓުތަކުން ގިނަ އަދަދަކަށް ފިޔާ ބާލާފައިވާއިރު، ބާޒާރުމަތީ ފިހާރަތަކުން ބުނީ ބުދަ ދުވަހުގެ މެންދުރުފަހުން ފިޔާ ލިބޭނޭ ކަމުގެ އުއްމީދު ބޮޑުކަމަށެވެ.
ރާއްޖޭގެ ބާޒާރުން ފިޔާ ލިބުން ދަތިވެ، ފިޔާގެ އަގު ބޮޑުވެފައިވާތީ، ފިޔާގެ ޝިޕްމަންޓެއް ގެނައުމަށް ނިންމާފައިވާ ކަމަށް އެސްޓީއޯއިން ވެސް ބުނެފައި ވެއެވެ.
އެސްޓީއޯއިން އަންގާރަ ދުވަހު ބުނީ މި މައްސަލަ ހައްލު ކުރުމުގެ ގޮތުން، ފިިޔާ ޝިޕްމަންޓެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެސްޓީއޯއިން ފިޔާ ޝިޕްމަންޓް ގެންނަން ނިންމީ ބާޒާރުން ފިޔާ ލިބުން ދަތިވެ، ފިޔާގެ އަގު ބާޒާރުގައި ބޮޑުވަމުން އަންނާތީ އަގުތައް ހަމައަކަށް އަޅުވައި، ދަތިކަން ފިލުވުމަށް ކަމަށެވެ. އެހެން ނަމަވެސް އެ ފަރާތުން ގެންނަ އެ ފިޔާ ޝިޕްމަންޓް ލިބޭނޭ ވަކި ދުވަހެއް އިއުލާނު ކޮށްފަ އެއް ނުވެއެވެ.
އެސްޓީއޯއިން ބުނީ މާކެޓުގައި އަސާސީ މުދަލަށް ދަތިވެއްޖެނަމަ އެސްޓީއޯއިން އެ ވިޔަފާރިތެރެއަަށް ވަންނަ އުސޫލުގެ ދަށުން ފިޔާގެ ޝިޕްމަންޓެއް ގެންނަން ނިންމާފައިވާ ކަމަށެެވެ.