ލ. މާވަށުގައި ވަޅިން ހަމަލާދީ މަރާލި، އުމުރުން 29 އަހަރުގެ މޫސާ އިބްރާހީމްގެ ހަށިގަނޑުގެ އޮޓޯޕްސީ ހެދުމަށް ނިންމާފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ބުނެފި އެވެ.
ފުލުހުން މީޑިއާ ތަކަށް ފޮނުވި މެސެޖެއްގައި ބުނެފައި ވަނީ، މޫސާ އިބްރާހީމްގެ ހަށިހަނޑު އޮޓޯޕްސީ ހެދުމަށް ތަހުގީގު ނިންމައި، ރާއްޖެ އިން ބޭރަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މި މައްސަލާގައި ހައްޔަރު ކޮށްފައިވަނީ ހދ. ނޮޅިވަރަންފަރު، އަސަރީމަންޒިލް، އުމުރުން 29 އަހަރުގެ މުހައްމަދު އިބްރާހީމް އެވެ.
އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދު ކުރަން ވަނީ އަމުރު ކޮށްފަ އެވެ. ފުލުހުން ބުނި ގޮތުގައި އޭނާ އަކީ މަސްތުވާތަކެތީގެ ރެކޯޑް އޮންނަ މީހެކެވެ.
ވަޅިން ހަމަލާދީ މަރާލި މޫސަގެ ހަށިގަނޑު އަންގާރަ ދުވަހު މާލެ ގެނެސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ފުލުހުން ބުނެފައިވާ ގޮތުގައި މޫސާ އިބްރާހީމްގެ ހަށިގަނޑު މާލެ ގެނައީ ބޭނުންވާ އިތުރު ތަހުލީލުތައް ހެދުމަށެވެ.
ފުލުހުން ހޯމަ ދުވަހުގެ ރޭ ބުނީ ހަމަލާ ދިނުމުގައި ބޭނުން ކުރި ކަމަށް ބެލެވޭ ވަޅި ފުލުހުންގެ ޓީމުން ހޯދާފައިވާ ކަމަށެވެ. އެ ވަޅި ހޯދާފައި ވަނީ މޫދުންނެވެ.