ހުސްވެފައިވާ އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމަށް ތިން ބޭފުޅަކު ކުރިމަތި ލައްވައިފި އެވެ.
އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމުގައި ހުންނެވި މުއުތަސިމް އަދުނާނު އެ މަގާމުން ރިޓަޔަރ ކުރެއްވުމާއި ގުޅިގެން ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ)އިން އެމަގާމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވައިލާފައިވަނީ ޖުލައި މަހުގެ 21 ވަނަ ދުވަހު އެވެ.
ޖުލައި 29 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ހުޅުވާލި ފުރުސަތުގެ މުއްދަތު ހަމަވިއިރު އެ މަގާމަށް ކުރިމަތިލެއްވީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދާއި ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާންގެ އިތުރުން ފެމިލީ ކޯޓުގެ ގާޒީ އަދި ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަބްދުﷲ މުހައްމަދު ކަމަށް ރިޕޯޓުތައް ބުނެއެވެ.
ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރުގެ މަގާމުން އަލްއުސްތާޛް އަޙުމަދު މުއުތަސިމް އަދުނާން ރިޓަޔަރ ކުރެއްވުމާއެކު، އުއްތަމަ ފަނޑިޔާރުގެ މަސްއޫލިއްޔަތު ފަނޑިޔާރު އަލްއުސްތާޛް ޢަބްދުﷲ ޙަމީދުއާ ވަނީ ވަގުތީގޮތުން ހަވާލު ކުރައްވާފަ އެވެ.
ސުޕްރީމް ކޯޓުން ނެރެފައިވާ ދެންނެވުމެއްގައި ބުނެފައި ވަނީ، 2025 ޖުލައި 21 ވަނަ ދުވަހުން ފެށިގެން މުއުތަސިމް އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމުން ޝަރަފުވެރިކަމާ އެކު ރިޓަޔަރ ވުމާ ގުޅިގެން، ސުޕްރީމް ކޯޓުގެ ހިންގުން ފަނޑިޔާރު ޙަމީދުއާ ހަވާލު ކޮށްފައިވާ ކަމަށެވެ.
އެެހެންކަމުން ޖުލައި 21 ވާ ހޯމަ ދުވަހުން ފެށިގެން، އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރަންދެން ސުޕްރީމް ކޯޓަށް ފޮނުވާ އެންމެހައި ސިޓީ އެޑްރެސް ކުރަން ވާނީ، ސުޕްރީމް ކޯޓު ހިންގުމާ ހަވާލުވެ ވަޑައިގެން ހުންނެވި ފަނޑިޔާރު ޢަބްދުﷲ ޙަމީދު އަށް ކަމަށް ސުޕްރީމް ކޯޓުން ވަނީ ބުނެފަ އެވެ.
އުއްތަމަ ފަނޑިޔާރު ކަމަށް ބޭފުޅަކު އައްޔަން ކުރާނީ ޖޭއެސްސީގެ ލަފާގެ މަތިން ރައްޔިތުންގެ މަޖިލީހަށް ރައީސް ފޮނުއްވާ ނަންފުޅެއް މަޖިލީހުން ފާސް ކޮށްގެންނެވެ.