ދުވަހުން ދުވަހަށް ބޭނުންކުރާ ކާބޯތަކެތީގެ އަގުތައް ޖޫން މަހު ވެސް ދިޔައީ މައްޗަށް ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކް އިން ހާމަ ކޮށްފިއެވެ.
އެ އޮފީހުން އާންމު ކުރި ޖޫން މަހުގެ ކޮންސިއުމަރ ޕްރައިސް އިންޑެކްސް (ސީޕީއައި) ރިޕޯޓު ގައި ވާ ގޮތުން، ޖޫން މަހު މޭވާ އާއި، ކިރާއި ކިރުން އުފައްދާ ތަކެތި، އަދި ތަރުކާރީ ފަދަ އަސާސީ ކާބޯތަކެތީގެ އަގުތައް މޭ މަހާ އަޅާ ބަލާއިރު ވަނީ މައްޗަށް ގޮސްފައެވެ.
ޖުމްލަ ގޮތެއްގައި، ކާބޯތަކެއްޗާއި ލުއި ބުއިންތަކުގެ ކެޓަރީގައި ހިމެނޭ ތަކެތީގެ އަގުތައް ކުރީ މަހާ އަޅާ ބަލާއިރު ވަނީ މައްޗަށް ގޮސްފައެވެ.
ޖޫން މަހު އެންމެ ބޮޑަށް އަގު މައްޗަށް ގޮސްފައިވަނީ މޭވާ، ކިރު، ކިރުގެ އެހެނިހެން އުފެއްދުންތަކާއި ބިސް، ތަރުކާރީ ގެ ބާވަތްތަކެވެ. އޭގެ އިތުރުން، ހަކުރު، ޖޭމު، މާމުއި، ޗޮކްލެޓް އާއި، ހަނޑޫ އަދި ހަނޑުލުން އުފައްދާ ތަކެތެއްޗާއި، ކޮފީ އާއި ސައިފަތުގެ އަގުތައް ވެސް ވަނީ މައްޗަށް ގޮސްފައެވެ.
އެހެން ނަމަވެސް މޭ މަހު ކަނޑުމަހާއި ހިކި މަހުގެ އަގު ދަށަށް ގޮސްފައިވާ ކަމަށް ބުނެފައިވެއެވެ. އަނެއްކޮޅުން ފަރުމަހާއި، ދަޅު މަހުގެ އަގު ވަނީ މައްޗަށް ގޮސްފައެވެ.
އަހަރުން އަހަރަށް (2024 ވަނަ އަހަރުގެ ޖޫން މަހުން 2025 ވަނަ އަހަރުގެ ޖޫން މަހަށް) ބަލާއިރު، ހުރިހާ ބާވަތެއްގެ ތަކެތީގެ އަގު 3.76% އަށް މުޅި ރާއްޖޭގައި މައްޗަށް ގޮސްފައިވާއިރު، މާލޭގައި މި ނިސްބަތް 3.45% އަށް އަދި އަތޮޅުތަކުގައި 4.22% އަށް މައްޗަށް ގޮސްފައިވެއެވެ.