މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކަށް ބިންގަނޑަށް އަންގާރަ ވިލޭރެ ލޮޅުމެއް އަރައިފި ކަމުގެ ރިޕޯޓުތަކެއް ލިބިފައިވާ ކަމަށް މީޓިއޮރޮލޮޖީ އިން ބުނެފިއެވެ.
އަންގާރަ ވިލޭރޭ ރާއްޖޭ ގަޑިން 23:41 ގައި އިންޑިއާ ގެ ނިކޯބާ އައިލެންޑްސް އަށް ބިން ހެލުމެއް އައި ކަން ވަނީ ރެކޯޑް ކުރެވިފައެވެ. އަދި އެކަން ވަނީ މެޓު އޮފީހުން އަންގާރަ ވިލޭރޭ އާންމު ކޮށް އިއުލާނު ކޮށްފައެވެ.
ރިކްޓަރ މިންގަނޑުން 6.2 ގެ ބާރު މިނުގައި އައި މި ބިންހެލުމުގެ ސަބަބުން ސުނާމީ އެއް ނުއުފެދޭނެ ކަމަށް މެޓުން ކުރިން ވަނީ ބުނެފައެވެ.
"ނަމަވެސް ބިން ހެލުމާ ގުޅިގެން، މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދު ތަކަށް ލޮޅުމެއް އައި ކަމުގެ ރިޕޯޓުތަކެއް ލިބިފައި ވެއެވެ،" މެޓުން އަންގާރަ ދުވަހު ހެނދުނު ނެރުނު ބަޔާނެއް ގައި ވެއެވެ.
މެޓުން ބުނީ ކާޑެއްދޫ ގައި ގާއިމު ކޮށްފައިވާ ބިންހެލުން ރެކޯޑް ކުރާ މީޓަރަށް ރާއްޖޭ ގަޑިން 23:48 ގައި ލޮޅުމެއްގެ އަސަރު ކޮށްފައިވާ ކަން ރެކޯޑް ކުރެވިފައިވާ ކަމަށެވެ.
މީގެ ސަބަބުން ރާއްޖެ އަށް އިތުރު ނުރައްކަލެއް ކުރިމަތިވާނެ ކަމަށް ނުބެލޭ ކަމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.