ހުޅުމާލޭގެ ހުސްބިންތަކާއި، މަގުތަކުގައި ހުރި ގިނަ އަދަދެއްގެ ވެހިކަލް ޓޯ ކޮށްގެން ތިލަފުއްޓަށް ގެންދަން ފަށައިފި އެވެ.
ފުލުހުން ބުނީ ހޮނިހިރު ދުވަހު ފެށި މި ޕްރޮގްރާމުގައި ގެންދަނީ ގަވައިދާ ޚިލާފަށް ބަހައްޓާފައިވާ އުޅަނދުތަކާއި ރަޖިސްޓްރީ ނުކޮށް ބަހައްޓާފައި ހުރި އުޅަނދުތަކާއި މާލޭ ޒޯން ފިޔަވާ އެހެން ޒޯންތަކައް ރަޖިސްޓަރީ ކޮށްފައިވާ އުޅަނދުތައް ކަމަށެވެ.
މި ނޫހަށް މަޢުލޫމާތު ދިން ވެހިކަލްގެ ވެރިޔަކު ބުނީ، ޓްރާންސްޕޯޓް މިނިސްޓްރީ އިން ފޭސް 2 އިން ދީފައިވާ ބިމުގައި ރަޖިސްޓްރީ ކުރެވެންދެން ޕާކުކުރެވޭނެ ކަމަށް ކުރިން ބުނެފައި އޮތް ނަމަވެސް މިހާރު އެ ބިމުން ވެސް ވެހިކަލްތައް ނަގާ ގޮތަށް ވަނީ ހަމަޖައްސާފައި ކަމަށެވެ. އޭނާ ބުނި ގޮތުގައި ޓްރާންސްޕޯޓް މިނިސްޓްރީ އަށް ޤަވާޢިދާއި އެއްގޮތަށް ހުށަހެޅިޔަސް އެމީހުން ބުނާ މުއްދަތަކަށް ރަޖިސްޓަރީ ގެ ކަންކަން ފުރިހަމަ އެއް ނުކޮށްދެއެވެ. އެހެން ނަމަވެސް "ހަދިޔާ" ދީގެން އެކަން ކުރާ މީހުން ހަމަ ވަގުތުން ނިންމާލާ ކަމަށް ވެސް އޭނާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި "ހަދިޔާ" ނުދޭ މީހުންގެ އުޅަނދުތައް ގެންދަނީ ތިލަފުއްޓަށެވެ. އޭނާ ބުނި ގޮތުގައި މިއީ މުއިއްޒުގެ ސަރުކާރުން ރައްޔިތުންނަށް ދޭ ބޮޑު އަނިޔާ އެއް ކަމަށެވެ.
ޓެކްސީ ނަފާގެ ލޯނު ސްކީމުގެ ދަށުން ޓެކްސީ ލިބުނު ޑްރައިވަރަކު ބުނި ގޮތުގައި، ކުރީ ސަރުކާރުން ދޭން ނިންމި ޓެކްސީ ނަފާގެ ލޯނަށް ފައިސާ ދޫކުރީ މި ސަރުކާރުންނެވެ. އެހެން ކަމުން އެ ސްކީމުގެ ދަށުން ކާރުތައް އެތެރެ ކުރީ މި ސަރުކާރުގައެވެ. އެހެން ނަމަވެސް އަދިވެސް އެކާރުތައް ރަޖިސްޓްރީ ކުރާނެ ގޮތެއް ހޯދާ ނުދެވިގެން އުޅެނިކޮށް މިހާރު އެ ކާރުތައް ވެސް ޓޯ ކޮށްގެން ގެންދަނީ ތިލަފުއްޓަށެވެ.
"އަޅުގަނޑުމެންނަށް މަޖުބޫރުވެފައި މިވަނީ، އަޅުގަނޑުމެންނަށް ބޭނުން ކުރަން ވެސް ހުއްދަ ނުދޭ ކާރުތަކަށް މަހުން މަހަށް ލޯނު ފައިސާ ދައްކަން. މިއީ އިންސާފު؟ މިއީ ޓެކްސީ ޑްރައިވަރުންނަށް އެންމެ ހެޔޮކޮށް ކަންކުރާ މުޢިއްޒުގެ ސަރުކާރުގެ އިންސާފު ހުރި ގޮތް."
ހުޅުމާލޭގެ މަގުތަކުގައާއި ހުސްބިންތަކުގައާއި ގަވާއިދާ ހިލާފަށް ޕާކްކޮށްފައިވާ އުޅަނދުތަކުގެ ތެރެއިން ގިނަ ދުވަސްވެފައިވާ އުޅަނދުތައް ނަގައި، ހުމާލޭގެ މަގުތައް ތަރުތީބުކުރުމަށް ކުރަމުންދާ މަސައްކަތުގައި ޓޯވކުރުމުގެ އޮޕަރޭޝަނެއް މިއަދު ވަނީ ފަށާފައި.
— Maldives Police (@PoliceMv) December 6, 2025
އޮޕަރޭޝަން ފެށުމުގެ ގޮތުން… pic.twitter.com/tVyr5Kaymn
މިކަމާއި ގުޅިގެން މިނޫހުން ގުޅާލުމުން ޑްރައިވަރސް އެސޯސިއޭޝަން ގެ ރައީސް އިބްރާހިމް ނިޔާޒު ވިދާޅުވީ، މިއީ ޓެކްސީ ޑްރައިވަރުންނަށް ހިތްދަތި ކަޅު ދުވަސްތަކެއް ކަމަށެވެ.
"ޓެކްސީ ކުރުމަށް ފަހި މާހައުލެއް ގާއިމު ނުކޮށްދީ މިފެނިގެންދަނީ އުދަނގޫކޮށް ޖެއްސުން ކުރާކަހަލަ ޢަމަލުތަކެއް! މިސާލަކަށް ފޭސް 1 މެޑަމް މިސްކިތް ކައިރިން ޕާކު ކުރަން ދީފަ އޮތް ބިން ތަރައްޤީ ކުރަން ކަމަށް ބުނެ، އެތަނުގައި ޓޭޕް ދަމާ، ފޭސް 1 ގައި ހުރި ޕޮކެޓް ބައެއް ޕާކިންގތަކުގައި ޓޭޕް ދަމާ، ފޭސް 1 ގައި ހުރި ޕާކިންގ ޒޯންތަކުގައި ގްރައުންޑްކޮށްފަ އަހަރު 2 އަހަރުވާ ވެހިކަލްތައް ނުނަގާ، މެކޭނިކަލް ޕާކިންގތައް ބޭނުން ނުކުރެވޭ ހާލަތުގައި ބަހައްޓާފައި ހުރި އުޅަނދުތައް ޓޯ ކޮށްގެން ކަނޑު ހުރަސްކޮށް ގެންދާ ވާހަކަ މިއިވެނީ،" އޭނާ ވިދާޅުވި އެވެ.
ނިޔާޒު ވެސް ވިދާޅުވީ "މިއީ ވަރަށް ބޮޑު އަނިޔާއެއް އަދި ބޭއިންސާފެއް!" ކަމަށެވެ.
އޭނާ ވިދާޅުވީ، ގަވާއިދާ ޚިލާފަށް ހުރި އެއްޗެއްސަށް ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ގަބޫލު ކުރާ ކަމަށާއި، އެކަމު މިހާލަތަކީ ސަރުކާރުތަކުގެ ދޯހަޅި ސިޔާސަތުގެ ސަބަބުން އުފެއްދި ހާލަތެއް ކަމަށެވެ.
ނިޔާޒު ވިދާޅުވީ، މިކަން ކުރިއަށް މިގެންދަނީ ރައީސް މުއިއްޒު ވައުދުވި ގޮތާ ވެސް މުޅިން ޚިލާފަށް ކަމުގައެވެ.
"ކޮބައިތޯ ރައީސްގެ ޕްލެޖް؟ ޕާކިންގ ޒޯނު ތަކާއި، ޕާކިންގ ބިލްޑިންގތައް؟"
އޭނާ ވިދާޅުވީ، ޕާކު ކުރާނެ ތަންތަން ނުދައްކާ، މީހުންގެ އަގު ބޮޑު މުދާ ގެންގޮސް ތިލަފުއްޓަށް އޮއްސާ އެ ލަނީ ވައުދުވި ގޮތާ ޚިލާފަށް ކަމުގައެވެ.
"ފުރަތަމަ ގަވައިދުން އުޅެވޭނެ ފުރުޞަތު ހޯދާއިދީފަ ދެއްތޯ ފިޔަވަޅު އަޅަންވާނީ،" އޭނާ ވިދާޅުވި އެވެ.
ފުލުހުން ބުނެފައި ވަނީ ޓޯކުރެވޭ އުޅަނދުތައް ޓޯ ކުރުމަށްފަހު ބަހައްޓާފައި ހުންނަ ތަނުން އެހެން ތަނަކަށް ގެންދިއުމުގެ ޒިންމާ އުފުލަން ޖެހޭނީ އުޅަނދުގެ ވެރިފަރާތުން ކަމުގައެވެ.