ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ އަށް ދިވެހި ރާއްޖެ އިން ރަސްމީ ގޮތުން މަރްޙަބާ ދަންނަވައިފިއެވެ.
މިރަސްމިއްޔާތަށް، ރައީސް ޑިސަނާޔަކެ ޖުމްހޫރީ މައިދާނަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް ރަސްމީކޮށް މަރުހަބާ ދެންނެވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒުއެވެ. ރައީސް ޑިސަނާޔަކެއަށް މަރްޙަބާ ދެންނެވުމުގެގޮތުން ދަރިވަރުންގެ ޘަޤާފީ ހުށަހެޅުމެއްގެ އިތުރުން، އެމަނިކުފާނުގެ ޝަރަފުގައި 21 ބަޑީގެ ސަލާމެއް ވަނީ އަރުވާފައެވެ. އަދި ދިވެހި އަސްކަރީން ދެ ޤައުމުގެ ޤައުމީ ސަލާމް ކުޅެފައިވެއެވެ.
މިރަސްމިއްޔާތުގައި ރައީސް ޑިސަނާޔަކެ ވަނީ، އެމަނިކުފާނުގެ ޝަރަފުގައި އޮތް ޝަރަފްގެ ގާޑް، އިންސްޕެކްޓް ކޮށްދެއްވާފައެވެ. މި ރަސްމިއްޔާތުގައި، ރައީސް ޑިސަނާޔަކެ އަށް ދިވެހި ދައުލަތުގެ އިއްޒަތްތެރީން މަރްޙަބާ ވިދާޅުވެ ތަޢާރަފު ވެވަޑައިގަތުމާއި ސްރީލަންކާގެ ވަފުދުގެ ބޭފުޅުން ތަޢާރަފު ކޮށްދެއްވުން ވެސް އޮތެވެ.
ރައީސް ޑިސަނާޔަކެގެ މި ދަތުރުފުޅަކީ، އެމަނިކުފާނު 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު މަޤާމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު، ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
ދިވެހިރާއްޖެ އާއި ސްރީލަންކާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަދުވަހުގައެވެ. މި އަހަރަކީ ދެޤައުމުގެ މި ތާރީޚީ ސިޔާސީ ގުޅުމަށް 60 އަހަރު ފުރޭ އަހަރެވެ.