ދިވެހިރާއްޖޭގެ ރައީސް މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، ސްރީލަންކާ ގެ ރައީސް އަނުރާ ކުމާރާ ޑިސަނާޔަކަ ހޯމަ ދުވަހު ރާއްޖެ އަށް ފެއްޓެވި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހި ކުރުމަށް އެކި ރޮނގުތަކުން ފަހުމުނާމާ ތަކެއްގައި ސޮއި ކުރުމަށް ވަނީ ހަމަ ޖެހިފައެވެ.
އޭގެ އިތުރުން މާލޭ ގައި ހުންނަ ސްރީލަންކާގެ ހައިކޮމިޝަނުން އިންތިޒާމް ކުރާ ބިޒްނަސް ފޯރަމް އެއް ގައި ލަންކާ ރައީސް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ސްރީލަންކާގެ ރައިސް އޮފީހުގެ މީޑިއާ ޑިވިޜަން އިން ހާމަ ކޮށްފައިވެއެވެ.
ޖުލައި 28 އިން 30 އަށް ކުރައްވާ ދަތުރުފުޅުގައި، ރައީސް ޑިސަނަޔަކަ އާއި ރައީސް މުޢިއްޒު އާ ދެމެދު މަޝްވަރާތައް ކުރިއަށް ދާނެއެވެ. އަދި ސަރުކާރާ ދައުލަތުގެ އެހެން އިސް އޮފިޝަލުންނާވެސް ސްރީލަންކާ ގެ ރައީސް ބައްދަލު ކުރައްވާނެއެވެ. މި ދަތުރުފުޅުގައި ސްރީލަންކާ އާއި ދިވެހިރާއްޖެ އާ ދެމެދު އެއްބާރުލުން ހަރުދަނާކުރުމަށް އެތައް ފަހުމުނާމާ އެއްގައި ސޮއި ކުރުމަށް ވަނީ ހަމަ ޖެހިފައެވެ.
ރަސްމީ ޕްރޮގްރާމުގެ ތެރެއިން، ރައީސް ޑިސަނާޔަކަ ދިވެހިރާއްޖޭގައި ދިރިއުޅޭ ސްރީލަންކާގެ ރައްޔިތުންނާވެސް ބައްދަލުކުރައްވާނެއެވެ.
ލަންކާ ރައީސްގެ އަރިހުގައި ވަޑައިގެންނެވި އެންމެ އިސް ދެ ބޭފުޅުންނަކީ އެ ގައުމުގެ ފޮރިން މިނިސްޓަރާއި، ޓޫރިޒަމް މިނިސްޓަރެވެ.
މިއީ، 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ސްރީލަންކާގެ ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ރައީސް ޑިސަނާޔަކެ ދިވެހިރާއްޖެއަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.
ރައީސް ޑިސަނަޔަކަ ރާއްޖެ އަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ އިރު، މިއަހަރަކީ ދެ ޤައުމުގެ ޚާރިޖީ ގުޅުމަށް 60 އަހަރު ފުރޭ އަހަރެވެ.
ދިވެހިރާއްޖެ އާއި ސްރީލަންކާއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކޮށްފައިވަނީ 26 ޖުލައި 1965 ގައެވެ.