ކ. މާލެ
|
27 ޖުލައި 2025 | އާދީއްތަ 13:52
ޣައްޒާގައި ބަނޑުހައިހޫނުކަމުގެ ޝިކާރައަކަށް ވެފައިވާ އެތައް ހާސް ކުދިންގެ ތެރެއިން ކުއްޖަކު ކަމަށްވާ އުމުރުން އެއް އަހަރުގެ މުހައްމަދު ޒަކަރިއްޔާ އައްޔޫބު އޭނާގެ މަންމަ އާ އެކު
ޣައްޒާގައި ބަނޑުހައިހޫނުކަމުގެ ޝިކާރައަކަށް ވެފައިވާ އެތައް ހާސް ކުދިންގެ ތެރެއިން ކުއްޖަކު ކަމަށްވާ އުމުރުން އެއް އަހަރުގެ މުހައްމަދު ޒަކަރިއްޔާ އައްޔޫބު އޭނާގެ މަންމަ އާ އެކު
ގެޓީއިމޭޖަސް
ޣައްޒާ ހަނގުރާމަ
"ޣައްޒާ ގައި ހައިހޫނުކަމުގެ ސަބަބުން މީހުން ވަނީ ކައްޓާއި ހަމަށް ވެފައި"
ޣައްޒާގެ ހައިހޫނުކަމުގެ ހާލަތު އިންތިހާއަށް ގޮސް، އާބާދީގެ ބޮޑު ބައެއް ކައްޓާ ހަމައަށް ވެފައިވާ ކަމަށް މެޑިކަލް އެއިޑް ފޮރ ޕެލެސްޓީނިއަންސްގެ ވެރިޔާ ހާމަކުރައްވައިފި. ކާބޯތަކެތީގެ ދަތިކަމާއި އިސްރާއީލްގެ ހިސޯރުގެ ސަބަބުން މިހާރު ޣައްޒާގެ އާބާދީގެ ބޮޑު ބައެއް ވަނީ ނުރައްކާތެރި ހާލަތެއްގައި.

ޣައްޒާ ގައި ހައިހޫނުކަމުގެ ސަބަބުން މީހުން ވަނީ "ކައްޓާއި ހަމަށް" ވެފައި ކަމަށް ޣައްޒާގައި މަސައްކަތް ކުރާ މެޑިކަލް އެއިޑް ފޮރ ޕެލެސްޓީނިއަންސްގެ ވެރިޔާ ލިޒް އޮލްކޮކް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ، ޣައްޒާގެ ހައިހޫނުކަމުގެ ހާލަތު އޮތް ނުރައްކާތެރި މިންވަރު ބަޔާން ކޮށް ޣައްޒާ ސިޓީ އިން އަލް ޖަޒީރާ އަށް ވާހަކަ ދައްކަވަމުންނެވެ.

އޭނާ ވަނީ ކުރިން އެތައް ފަހަރަކު ޣައްޒާ އަށް ޒިޔާރަތް ކުރައްވާފައެވެ. ނަމަވެސް 9 ހަފްތާ ކުރިން އޭނާގެ އެންމެ ފަހުން ޣައްޒާ އަށް ކުރެއްވި ދަތުރުގައި ފެނުނު މަންޒަރާއި މިހާރު ފެންނަ މަންޒަރާ ހުރި ތަފާތު ބަޔާން ކުރައްވަމުން ވިދާޅުވީ، އެންމެ ބޮޑު ތަފާތަކީ "ހައިހޫނުކަމުގެ މިންވަރު" އިންތިހާ އަށް މައްޗަށް ދިއުމާއެކު "ހަމާއި ކަށިތަކަށް ވެފައިވާ މީހުން މަގުމަތީން ފެންނަ އަދަދު" އިތުރުވުން ކަމުގައެވެ.

"މިތާނގައި ގަންނާނެ އެއްޗެއް ނެތުމުން ފައިސާގެ އަގެއް ނެތެވެ. އަދި ޣައްޒާ މުޅިން ބަންދުކޮށްފައިވުމުގެ ސަބަބުން މީހުންގެ ސިއްހަތަށާއި ދުޅަހެޔޮ ކަމަށް ވަރަށް ބޮޑު އަސަރެއް ކޮށްފައިވެއެވެ. އެހާ މިންވަރަށް އެކަން ގޮސްފައިވަނީ ޣައްޒާ ގެ މުޖުތަމަޢުގެ ކޮންމެ މީހަކު - އެއީ ކޮންމެ މީހަކަށް ވިޔަސް - ކާބޯތަކެތީގެ ދަތިކަން ނުރައްކާތެރި މިންވަރަކަށް ތަހައްމަލު ކުރަން ޖެހިފައިވުމުވެ،" އޮލްކޮކް ވިދާޅުވިއެވެ. އަދި އޭނާ އިތުރުކޮށް ވިދާޅުވީ ޣައްޒާ ގެ މީހުންގެ ތެރެއިން 25 އިންސައްތަ މީހުން ވަނީ ނުރަނގަޅު ކާނާ ބޭނުން ކުރަން ޖެހުމުގެ ސަބަބުން ނުރައްކަލުގައި ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވެފައި ވަނީ ޣައްޒާ ގައި ބަނޑުހައިހޫނުކަން އޮތް މިންވަރަކީ އިސްރާއީލުން "އަދާކުރަން ޖެހޭ ޒިންމާތަކަށް ތަބާނުވުމުގެ،" ސަބަބުން ކުރިމަތިވެފައިވާ އަނިޔާވެރި ހާލަތެއް ކަމަށެވެ.

އަނެއްކޮޅުން ބައިނަލްއަގްވާމީ ޕްރެޝަރު ބޮޑުވުމުގެ ސަބަބުން އިސްރާއީލުން ވަނީ އާދީއްތަ ދުވަހުން ފެށިގެން އަލް-މަވާސީ، ދީރުލް-ބަލާހް އަދި ޣައްޒާ ސިޓީގައި ހެނދުނު 10:00 އިން ރޭގަނޑު 8:00 އަށް "އިންސާނީ ބޭނުންތަކަށް" ހަނގުރާމަ "ވަގުތީގޮތުން މަޑުޖައްސާލާނެ" ކަމަށް އިޢުލާނު ކޮށްފައެވެ.

އާދީއްތަ ދުވަހުގެ ފަތިހުން ފެށިގެން އިސްރާއީލުގެ ބާރުތަކުން ޣައްޒާ އަށް ދިން ހަމަލާތަކުގައި މަދުވެގެން 15 ފަލަސްތީނު މީހުން ޝަހީދު ކޮށްލާފައި ވެއެވެ. އޭގެ ކުރީ ދުވަހު މަދުވެގެން 71 މީހުން ޝަހީދު ކޮށްލާފައިވެއެވެ. އޭގެ ތެރޭގައި އެހީ ހޯދަން އުޅުނު 42 މީހުން ހިމެނެއެވެ. އަދި އިތުރު 5 ފަލަސްތީނު މީހުން ހައިހޫނުކަމުގައި މަރުވެފައިވެއެވެ.

އޭގެ އިތުރުން އިސްރާއީލުން ވަނީ ޣައްޒާ އަށް އެހީ ހިފައިގެން ދަތުރުކުރާ އުޅަނދު - ފްރީޑަމް ފްލޮޓިލާ ހިފަހައްޓައި، އޭގައި ތިބި 21 ފަޅުވެރިން ހައްޔަރުކޮށްފައެވެ. މި އުޅަނދުން މަސައްކަތް ކުރީ ޣައްޒާ އަށް އިސްރާއީލުން އަޅާފައިވާ ހިސޯރު ނިމުމަކަށް ގެނައުމަށެވެ.

އިސްރާއީލުން 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހުން ފެށިގެން ޣައްޒާ ގައި ކުރާ ހަނގުރާމައިގައި މަދުވެގެން 59,733 ފަލަސްތީނު މީހުން މަރުވެ، 144,477 މީހުންނަށް ޒަޚަމްވެފައިވެއެވެ.

- ކޮމެންޓް