60 ވަނަ މިނިވަން ދުވަސް ފާހަގަކުރުމަށްޓަކާ، ހޮނިހިރު ދުވަހުގެ ރޭ އެރުވި 1200 އަށް ވުރެ ގިނަ ޑްރޯންގެ ތެރެއިން ގިނަ ޑްރޯންތަކެއް ވެއްޓިފައިވާކަން ހާމަވެއްޖެއެވެ.
އެއަރޕޯޓުގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުން ވަނީ ޑްރޯންތައް ވެއްޓޭ މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. ބައެއް ޑްރޯންތައް ރަންވޭމައްޗަށް ވެއްޓުނު ކަމަށް ވެސް އެފަދަ ފަރާތްތަކުން ވަނީ ބުނެފައެވެ. ވީޑިއޯތަކުން ބައެއް ޑްރޯންތައް ވީއައިއޭގެ މޫދު ސަރަހައްދަށް ވެއްޓިފައިވާ މަންޒަރު ފެނެއެވެ.
މިކަމާއި ގުޅޭގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ބަހެއް ހޯދުމަށް ކުރި މަަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ. މީގެ އިތުރުން ހޮނިހިރު ދުވަހުގެ ރޭ ހަވާ އެރުވުމަށް ހަމަޖެހިފައިވާ ގަޑި ލަސްކުރުމާއި އެހެނިހެން ސަބަބުތަކާއި އެކު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ފްލައިޓްތަކަށް ނުޖެއްސި ޑިލޭކުރަން ޖެހުނެވެ.
މި ޑްރޯން ޝޯ ޓެސްޓް ކުރި އިރު މިނިވަން 60 ގެ ލޯގޯ ވަނީ ދައްކާލާފައެވެ. އެންމެ ފަހުން އަރުވަން އޮތީ މި މެސެޖުކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް ރަސްމީ އިދާރާ އަކުން މިކަމަށް ކޮމެންޓް ކޮށްފަ އެއް ނުވެއެވެ. މަންޒަރު ދުށް ބައެއް މީހުން ވަނީ ޑްރޯންތައް ކޮންޓްރޯލުން ނެއްޓި، ބައެއް ޑްރޯންތައް ވެއްޓުނުކަން ރާއްޖެ އެމްވީ އަށް ކަށަވަރުކޮށްދީފައެވެ. ޑްރޯންޝޯ މެދުކަނޑާލުމަށް ފަހު ހަވާ އަރުވަން ފެށީ އެ ހިސާބުންނެވެ.