Advertisement
ކ. މާލެ
|
26 ޖުލައި 2025 | ހޮނިހިރު 17:42
ޤާނޫނީ ވަކީލް އަލްއުސްތާޒު އަހްމަދު މައުރޫފް ރާއްޖެޓީވީގައި ވާހަކަދައްކަވަނީ
ޤާނޫނީ ވަކީލް އަލްއުސްތާޒު އަހްމަދު މައުރޫފް ރާއްޖެޓީވީގައި ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
އަހުމަދު މައުރޫފް
މި ސަރުކާރުން ހެދި ޚާރިޖީ ގޯސްތަކުގެ އަސަރު 10-15 އަހަރަށް ދެމިގެން ދާނެ - މައުރޫފް
ރައީސް ޑރ.މުހައްމަދު މުއިއްޒު އިންޑިއާ އަށް ބަދު ބަސް ބުނުމުން ރާއްޖެ އާއި މެދު އެހެން ޤައުމުތަކުން ދެކޭ ގޮތް ވަރަށް ބޮޑަށް ބަދަލުވި ކަމަށް އޭނާ ވިދާޅުވި
ރާއްޖޭގެ ވެރިންނަކީ ޤައުމުތަކަށް އިޚްތިރާމް ނުކުރާ ބައެއް ކަމަށް ސިފަވުމަކީ އިންވެސްޓްތައް ހޯދުމަށް ވެސް ކުރިމަތި ވާނެ ގޮންޖެހުމަކަށް ވާނެ ކަމަށް މައުރޫފް ވިދާޅުވި
ސަރުކާރުގެ ހަރުދަނާ ސިޔާސަތެއް ނެތުމުން ވަރަށް ބޮޑެތި ގޮންޖެހުންތަކާއި ދިމާވާ ކަމަށް މައުރޫފް ވިދާޅުވި

މި ސަރުކާރުން ހެދި ޚާރިޖީ ގޯސްތަކުގެ އަސަރު 10-15 އަހަރަށް ދެމިގެން ދާނެ ކަމަށް ޤާނޫނީ ވަކީލް އަލްއުސްތާޒު އަހްމަދު މައުރޫފް ވިދާޅުވެއްޖެއެވެ.

މައުރޫފް އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ މިނިވަން ދުވަހުގެ ކަވަރޭޖްގައި ވާހަކަދައްކަވަމުންނެވެ.

ކުރިއަރަމުން އަންނަ ދުނިޔޭގައި އެއް ޤައުމު އަނެއްގައުމާއި ނުގުޅި ކުރި އަރައިގެން ނުދާނެ ކަމަށާއި ޚާއްސަކޮށް ރާއްޖެ ފަދަ އެހެން ޤައުމުތަކަށް ބައެއް ކަންކަމުގައި ބަރޯސާ ވާ ޤައުމުތަކަށް އެހެން ޤައުމުތަކާއި އެކުގައި ރަނގަޅު ގުޅުމެއް އޮތުން ވަރަށް މުހިންމު ކަމަށް މައުރޫފް ވަނީ ވިދާޅުވެފައެވެ.

އެހެންނަމަވެސް މި ސަރުކާރު ވެރިކަމަށް އައުމަށް ފަހުގައި ފެނިގެން ދިޔައީ ވަކި ޤައުމަކާއި ވަރަށް ބޮޑަށް ޖެހޭ ގޮތަށް އަމަލު ކުރި މަންޒަރު ކަމަށް މައުރޫފް ވިދާޅުވިއެވެ. އަދި ފަހުން އިންޑިއާ އާއި ރާއްޖޭގެ ގުޅުން ރަނގަޅު ކުރުމަށް މަސައްކަތް ކުރި ނަމަވެސް މި ސަރުކާރުގެ ވެރިން އިންޑިއާ އަށް ބަދު ބަސް ބުނުމުގެ ނޭދެވޭ އަސަރު ފެނިގެން ދިޔަ ކަަމަށް މައުރޫފް ވިދާޅުވިއެވެ.

އިންޑިއާ އައުޓް ކެމްޕެއިން އެއް ކޮށްގެން ވެރިކަމަށް އައުމާއި ރައީސް ޑރ.މުހައްމަދު މުއިއްޒު އިންޑިއާ އަށް ބަދު ބަސް ބުނުމުން ރާއްޖެ އާއި މެދު އެހެން ޤައުމުތަކުން ދެކޭ ގޮތް ވަރަށް ބޮޑަށް ބަދަލުވި ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރުގެ ހަރުދަނާ ސިޔާސަތެއް ނެތުމުން ވަރަށް ބޮޑެތި ގޮންޖެހުންތަކާއި ދިމާވާ ކަމަށް މައުރޫފް ވިދާޅުވިއެވެ. ގައުމެއްގެ އެންމެ މުހިންމު ކަމަކީ ކްރެޑިބިލިޓީ ކަމަށާއި ރާއްޖޭގެ ކްރެޑިބިލިޓީ ނުވަތަ އިތުބާރު ގެއްލިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެއީ ރާއްޖެ އާއި އެހެން ޤައުމުތަކާއި އެކުގައި މުއާމަލާތު ކުރުމަށް ވެސް އޮތް ހުރަހެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މި ޤައުމުގައި ޚާރިޖީ ސިޔާސަތެއް ނެތް ތަނުގައި ވެރިންގެ ފެންވަރު ވެސް ދަށް ވެފައިވާ ކަމަށް މައުރޫފް ވިދާޅުވިއެވެ. މިހާރު ރާއްޖޭގައި ތިބި ވެރިންނަކީ އެހެން ޤައުމުތަކުގެ ވެރިންނަށް އިޚްތިރާމް ނުކުރާ ބައެއްގެ ގޮތުގައި މި ވެރިކަން ފެށިގެން އައި އިރު ފެނިގެން ދިޔަ ކަމަށާއި އެކަމުގެ ނޭދެވޭ އަސަރު ވަރަށް ބޮޑު ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެން ޤައުމުތަކުގައި ކަންކަން ނިންމަނީ ވަރަށް ބޮޑަށް މަޝްވަރާކޮށްގެން. ދިރާސާކޮށްގެން އަދި ވަރަށް ބޮޑަށް ކޮމިޓީތަކަކަށް ބަހާލައިގެން ވަރަށް ބޮޑު މަރުހަލާއަކަށް ފަހުގައި ނިންމުންތައް ނިންމަނީ އެކަމަކު ރާއްޖޭގައި އެކަން ހިނގަނީ އެހެންނެއް ނޫން.

ޤާނޫނީ ވަކީލް އަލްއުސްތާޒު އަހްމަދު މައުރޫފް

ރާއްޖޭގެ ވެރިންނަކީ ޤައުމުތަކަށް އިޚްތިރާމް ނުކުރާ ބައެއް ކަމަށް ސިފަވުމަކީ އިންވެސްޓްތައް ހޯދުމަށް ވެސް ކުރިމަތި ވާނެ ގޮންޖެހުމަކަށް ވާނެ ކަމަށް މައުރޫފް ވިދާޅުވިއެވެ. އަދި ވެރިކަމާއި ދެން ހަވާލުވާ ބަޔަކު ކަންކަން އިސްލާހުކުރުމަށް ވެސް ދަތިތަކާއި ދިމާވާނެ ކަމަށް މައުރޫފް ފާހަގަކުރެއްވިއެވެ.

ދޭދޭ ޤައުމުތަކާއި އެކު ގުޅުންތައް ޤާއިމް ކުރުމާއި ސިޔާސަތުތައް ކަނޑައެޅުމުގައި ކައިރި ކައިރީގައި ސަރުކާރުން ދައްކާ ވާހަކަތައް ބަދަލުވުމަކީ އެއީ ބޭރު ދުނިޔޭގެ ކުރިމަތީގައި ރާއްޖޭގެ ހަރުދަނާ ކަމެއް ނެތްކަން ދައްކުވާދޭ ކަމެއް ކަަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެއްވެސް ސިޔާސީ ޕާޓީއަކުން ވަގުތީ މަންފާއަކަށް ރާއްޖޭގެ ޙާރިޖީ މިނިވަންކަން ފުނޑާލުމަކީ ކުރަން ހެޔިޮވާވަރުގެ ކަމެއް ނޫން ކަމަށް ވެސް މައުރޫފް ވަނީ ވިދާޅުވެފައެވެ.

- ކޮމެންޓް