ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް އިންޑިއާއިން ހަމަޖައްސައިދިން 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ތެރެއިން އަދި ބޭނުންނުކޮށް ގާތްގަނޑަކަށް 450 މިލިއަން ޑޮލަރު ހުންނާނެ ކުރީގެ ރައީސް އިބްރާހިމް މުަހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ހުކުރު ދުވަހު އެކްސްގައި ރައީސް ސާލިހު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިދިޔަ ދައުރުގައި (2018-2023) ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް އިންޑިއާއިން ހަމަޖައްސައިދިން 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ތެރެއިން އަދި ބޭނުންނުކޮށް ގާތްގަނޑަކަށް 450 މިލިއަން ޑޮލަރު ހުންނާނެ ކަމަށެވެ.
އެއީ މާލޭ ކޮމާރޝަލް ޕޯޓް ގުޅީފަޅަށް ބަދަލުކުރުމަށާއި، ކްރިކެޓް ސްޓޭޑިއަމް އެޅުމަށާއި، ލ. ގަމުގައި އަޅަން ނިންމި ކެންސަރ ހޮސްޕިޓަލަށާއި، މިފްކޯ އެކްޕެންޝަން މަސައްކަތަށް އޭރު ކަނޑައަޅައިފައިހުރި ފައިސާ ކަމަށެވެ.
މީގެ އިތުރުން ބޮޑުވަޒީރު މޯދީގެ މި ދަތުރުފުޅުގައި ދެ ސަރުކާރުގެ ދެމެދުގައި ދެކެވޭ ރަސްމީ ވާހަކަތަކުގައި، މި ފައިސާ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކަށް ބޭނުންކުރެވޭނެ ގޮތެއް ހޯދުމަށް ދިވެހި ސަރުކާރުން މަސައްކަތްކުރައްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.