ދިވެހި ރާއްޖެ އާއި އިންޑިއާ އާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން ފިނިވީ ރައީސް މުހައްމަދު މުއިއްޒުގެ ސަބަބުން ކަމަށް އިންޑިއާގެ މީޑިއާ އިން ސިފަ ކޮށްފިއެވެ.
2023 ވަނަ އަހަރު "އިންޑިއާ އައުޓް" ޝިއާރުގެ ދަށުން ހިންގި ރިޔާސީ ކެމްޕޭނުގެ ތެރެއިން ވެރިކަމަށް ވަޑައިގެންނެވި މުޙައްމަދު މުޢިއްޒުގެ ޚާރިޖީ ސިޔާސަތުތަކުގެ ސަބަބުން ދެ ޤައުމުގެ ގުޅުން ފިނިވެގެން ދިޔަ ކަމަށް އިންޑިއާގެ މަޝްހޫރު ނޫސް ހިންދުސްތާން ޓައިމްސް ގައި ބުނެފައިވެއެވެ.
އިނގިރޭސި ވިލާތައް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅެއްގައި ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށްފަހު، ބޮޑުވަޒީރު ނަރެންދްރަ މޯދީ ދިވެހިރާއްޖެ އަށް ހުކުރު ދުވަހު ވަޑައިގަންނަވާނެއެވެ. ބޮޑު ވަޒީރުގެ މި ދަތުރުފުޅަކީ ރާއްޖެ އަށް ކުރައްވާ ތިން ވަނަ ރަސްމީ ދަތުރުފުޅު ކަމުގައި ވިޔަސް، މީގެ ކުރީ ދަތުރުފުޅުތަކާ ޚިލާފަށް މި ހިނގާ ޖުލައި 25 އަދި 26 ގައި ކުރައްވާ ދަތުރުފުޅަށް ލިބިފައިވާ ސަލާލު ކަން ބޮޑެވެ.
ހިންދުސްތާން ޓައިމްސް އިން ބުނެފައިވަނީ، މި ދަތުރުފުޅު މުހިންމު ވަނީ "އެއީ މި ދަތުރުފުޅަކީ ބޮޑު ބަދަލެއްގެ ފެށުމެއް ކަމުގައިވާތީއެވެ."
މުއިއްޒު އިސްކޮށް ހުންނަވައިގެން އަދި މުއިއްޒުގެ ކެބިނެޓް ގައި އިސްކޮށް ތިއްބެވި ގިނަ ވަޒީރުން ހިމެނޭ ގޮތައް އިންޑިއާ އާ ދެކޮޅަށް ހިންގި "އިންޑިއާ އައުޓް" ކެމްޕޭނަކީ ރާއްޖޭގެ ތާރީޚުގައި އަވަށްޓެރި ގައުމަކާ ދެކޮޅަށް ހިންގި އެންމެ ނޭއްގާނި ކެމްޕޭން ކަން ފާހަގަ ކުރެވެއެވެ.
ރައީސް މުޙައްމަދު މުޢިއްޒު ގެ ވެރިކަމުގައި ބޭރު ގައުމެއްގެ ވެރިއެއްގެ ގޮތުގައި މެހެމާންދާރީ އަދާކުރައްވާ ފުރަތަމަ ބޭފުޅަކީ މޯދީއެވެ. ރައީސް މުއިއްޒު ވަނީ ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ ޝަރަފުވެރި މެހެމާނުގެ ދައުވަތު މޯދީ އަށް އަރުވާފައެވެ.
2023 ވަނަ އަހަރުގެ ފަހުކޮޅު "އިންޑިއާ އައުޓް" ކެމްޕޭނުގެ އެހީގައި ވެރިކަމަށް ވަޑައިގަތުމަށް ފަހު ވެސް މުއިއްޒު މަސައްކަތް ކުރެއްވީ އިންޑިއާ ރުޅި އެރުވުމަށެވެ. އިންޑިއާ އަށް ފެޔަށް ވަޑައިގަތުމާއެކު ޗައިނާއާ ގާތް ގުޅުމެއް ބޭއްވެމުމަށް މަސައްކަތްކުރެއްވި މުޢިއްޒުގެ ބައެއް ސިޔާސަތުތަކުގެ ސަބަބުން އިންޑިއާ-ދިވެހިރާއްޖޭގެ ގުޅުން ދުވަހު ވެސް ދަށަށް ނުދާ މިންވަރަށް ދަށަށް ދިޔަ ކަމަށް އެ ނޫހުން ބުނެފައިވެއެވެ.
"ގުޅުމަށް އަސަރުކުރާ ނުވަތަ ގުޅުމަށް ނުފޫޒު ފޯރުވަން މަސައްކަތްކުރާ ކަންތައްތައް އަބަދުވެސް ހުންނާނެ،" އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީ އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވިއެވެ.
މިކަންކަން މިހެން ހުރުމާއެކު، އިންޑިއާ-ރާއްޖޭގެ ގުޅުމަށް އައި ބޮޑު ހީނަރު ކަމަށް ފަހު މުއިއްޒު ދައުވަތު ދެއްވައިގެން މޯދީ ރާއްޖެ ވަޑައިގަތުން އިންޑިއާގެ މީޑިއާ އިން ސިފަ ކުރަނީ މުއިއްޒުގެ ޚާރިޖީ ސިޔާސަތައް އައި ބޮޑު ބަދަލެއް ހާމަކޮށްދޭ ކަމެއްގެ ގޮތުގައެވެ.
އިންޑިއާގެ "ނޭބަރހުޑް ފަސްޓް" ސިޔާސަތާއި މަހާސާގަރު (ސަރަޙައްދުގެ ރައްކާތެރިކަމާއި ކުރިއެރުމަށް ޓަކައި އެކުގައި އަދި ފުރިހަމަ ގޮތެއްގައި ކުރިއަށްދިއުން) ވިޝަން ގައި ދިވެހިރާއްޖެ އަކީ "ވަރަށް މުހިންމު ބައިވެރިއެއް" ކަމަށް މިސްރީ ވިދާޅުވިއެވެ.
ދިވެހިރާއްޖެ އަށް ބޮޑެތި ކާރިސާތައް ދިމާވާ ހާލަތްތަކުގައި އިންޑިއާ އަކީ އެހީތެރިވާ ފަރާތެކެވެ. "ދިވެހިރާއްޖެ އަށް ކުއްލި ހާލަތެއް ދިމާވާ ކޮންމެ ފަހަރަކު އެންމެ ފުރަތަމަ އެހީތެރިވުމަށް އަތް ދިއްކޮށްލަނީ އަޅުގަނޑުމެން... ސިޔާސީ ގޮތުން ވަރުގަދަ ގުޅުމެއް އޮވެއެވެ... އަދި މަތީ ފެންވަރުގެ ޒިޔާރަތްތަކުން އެ ގުޅުން އިތުރަށް ވަރުގަދަ ފައިވެއެވެ،" މިސްރީ ވިދާޅުވިއެވެ.
މުޢިއްޒު ގާތްގަނޑަކަށް 9 މަސްކުރިން އިންޑިއާއަށް ޒިޔާރަތްކުރެއްވިއެވެ.
2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހު މުއިއްޒު އިންޑިއާ އަށް ކުރެއްވި ޒިޔާރަތުގައި އިޤްތިޞާދީ އަދި ސަލާމަތީ ރޮނގުން ދެ ގައުމުގެ ގުޅުން ބަދަހި ކުރުމަށް ޓަކައި ޖޮއިންޓް ވިޝަނެއް އެކުލަވާލެވުނެވެ. އެއީ މިހާރު ދެ ގައުމުގެ ޑިޕްލޮމެޓިކް ގުޅުމުގެ "މަގުދައްކާ އޮނިގަނޑު" ކަމުގައި އޮފިޝަލުން ބުނެއެވެ.
އިންޑިއާ އަކީ ދިވެހިރާއްޖޭގެ އެންމެ ބޮޑު ވިޔަފާރި ބައިވެރިންގެ ތެރެއިން އެއް ގައުމެވެ. އަހަރަކު ދެ ޤައުމުގެ މެދުގައި ގާތްގަނޑަކަށް 500 މިލިއަން ޑޮލަރުގެ ވިޔަފާރި ކުރެވެއެވެ. ދެ ފަރާތުން މިނިވަން ވިޔަފާރީގެ އެއްބަސްވުމަކާއި (އެފްޓީއޭ) ބެހޭ ގޮތުން މަޝްވަރާކުރަމުން ގެންދެއެވެ. ޚާއްޞަކޮށް އިއާދަކުރަނިވި ހަކަތައާއި މަސްވެރިކަމުގެ ދާއިރާއަށް އަމާޒުކޮށްގެންނެވެ.
އިންޑިއާ އިން މިހާރުވެސް ދިވެހިރާއްޖޭގައި ތަރައްޤީގެ ގިނަ މަޝްރޫޢުތައް ހިންގަމުން ގެންދެއެވެ. އެއީ ލުއި ލޯނާއި ތަފާތު ކްރެޑިޓް ފެސިލިޓީތަކެއްގެ އެހީގައެވެ. މީގެ ތެރެއިން އެންމެ މުހިންމު މަޝްރޫޢު ތަކަކީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމާއި ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓެވެ.
ކުރީގެ ރައީސް މުޙައްމަދު ނަޝީދު އޭ.އެން.އައި ނިއުސް އޭޖެންސީ އަށް ދެއްވި އިންޓަވިއުއެއްގައި މޯދީގެ ޒިޔާރަތާ ބެހޭ ގޮތުން ވާހަކަދައްކަވަމުން، އިންޑިއާގެ އެހީތެރިކަމުގެ ސަބަބުން ދިވެހިރާއްޖެ ދަރަނި ދެއްކުމުގައި ޑިފޯލްޓްވުމުން ސަލާމަތްވެފައިވާ ކަމަށް ވިދާޅުވިއެވެ.