އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ 20 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ 'ރަން ރީނދޫ' ދުވުން އޮގަސްޓް މަހުގެ އެއް ވަނަ ދުވަހު ހުޅުމާލޭގައި ބާއްވަން ނިންމައިފި އެވެ.
ރަންރީނދޫ ދުވުން އެންމެ ފުރަތަމަ އެމްޑީޕީން ބާއްވަން އުޅުނީ ޖުލައި 18، ގައި ހުޅުމާލެ ސެންޓްރަލް ޕާކު ހިމެނޭ ސަރަހައްދުގަ އެވެ. ނަމަވެސް އެތަނުގައި ދުވުން ބާއްވަން އެޗްޑީސީން ހުއްދަ ނުދިނުމުން ފަހުން އެމްޑީޕީން ނިންމީ ޖުލައި 25، ގައި މާލޭގައި އެ ދުވުން ބާއްވާށެވެ. ނަމަވެސް އެދުވަހަށް ވެސް އެ ދުވުން ބާއްވަން ސަރުކާރުން ހުއްދަ ދީފައެއް ނުވެ އެވެ.
ނަމަވެސް ސަރުކާރުން މިހާރު ވަނީ އެމްޑީޕީގެ "ރަންރީނދޫ" ދުވުން ހުޅުމާލޭގައި ބޭއްވުމަށް ހުއްދަ ދީފައި އެވެ. ސަރުކާރުން ހުއްދަ ދިނުމާ ގުޅިގެން އެ ދުވުން އަންނަ މަހު އެއް ވަނަ ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވަން އެމްޑީޕީ މިހާރު ވަނީ ނިންމާފަ އެވެ.
މިކަމާ ގުޅިގެން ބުރާސްފަތި ދުވަހު އެމްޑީޕީން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އަންނަ މަހުގެ އެއްވަނަ ދުވަހަކަށް އެ ދުވުން ފަސްކުރީ ހުޅުމާލޭގައި އެ ދުވުން ބޭއްވުމުގެ ހުއްދަ މިހާރު ލިބިފައިވާތީ އެވެ. ފުލުހުންގެ އެހީތެރިކާމާ އެކު އެ ދުވުން ހުޅުމާލޭގައި ބޭއްވުމުގެ އިންތިޒާމުތައް މިހާރު ހަމަޖެހިފައިވާ ކަމަށް އެ ޕާޓީން ބުންޏެވެ.
އަދި އެކަމާ ގުޅޭ އިތުރު ތަފްސީލްތައް ކުރިއަށް އޮތް ދުވަސްތަކުގައި ހާމަކުރާނެ ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.
#RunReendhoo has been moved to 1st August, and will now be held at Hulhumale’ Central Park! #EkugaaGadhakoh pic.twitter.com/aphj8TXxoh
— MDP Secretariat (@MDPSecretariat) July 24, 2025
އެމްޑީޕީން އޭރު ބުނީ އެންމެ ފަހުވަގުތު ވެސް ދުވުން ހުޅުމާލެ ސެންޓްރަލް ޕާކު ހިމެނޭ ސަރަހައްދުގައި ބާއްވަން ހުއްދަ ދީފިނަމަ، ދުވުން ބާއްވާނީ އެތަނުގައި ކަމަށެވެ. މިގޮތުން ދުވުން އަނެއްކާ ވެސް ސެންޓްރަލް ޕާކަށް ބަދުލުކުރީ އެ ހުއްދަ އެމްޑީޕީއަށް ލިބުމުންނެވެ.
އެމްޑީޕީގެ ރަންރީނދޫ ދުވުން ހުޅުމާލޭގައި ބާއްވަން ހުއްދަ ނުދިނުމުން އެމްޑީޕީން ވަނީ އެ މައްސަލަ އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ސިޓީއެއް ވެސް ހުށަހަޅާފަ އެވެ.
އެމްޑީޕީގެ މި ދުވުމަކީ އެ ޕާޓީގެ ދަންމަރެއް ހިފައިގެން ރާއްޖޭގެ ކޮންމެ ރަށެއްގައި "ރަން ރީނދޫ" ގެ ނަމުގައި ބާއްވާ ދުވުމެކެވެ. އެ ދުވުން ނިންމަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މެއި މަހު އެވެ.