އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައިގެ ސަބަބުން، މިވަގުތު ޣައްޒާގައި ބޮޑު ބަނޑުހައި ހޫނު ކަމެއް ފެތުރެމުން އަންނަ ކަމަށް ބުނެ، 100 އަށް ވުރެ ގިނަ އެހީދޭ ޖަމާއަތްތަކުން ކަންބޮޑުވުން ފާޅު ކޮށްފި އެވެ.
ބުދަ ދުވަހު އެ ޖަމާއަތްތަކުން ވަނީ ޣައްޒާ މިހާރު އޮތް ޙާލަތާ މެދު ކަންބޮޑުވެ، އެ ޙާލަތު އިތުރަށް ގޯސްވެދާނެ ކަމުގެ އިންޒާރު ދީފަ އެވެ. އެގޮތުން ޣައްޒާގައި ބޮޑު ބަނޑުހައި ހޫނު ކަމެއް ފެތުރެމުންދާ ކަމަށާއި، އެ ޖަމާއަތްތަކުގެ މުވައްޒަފުން ވެސް މިހާރު ކާބޯ ތަކެތީގެ ދަތިކަން ތަހަންމަލު ކުރަމުން ގެންދާ ކަމަށެވެ.
ޣައްޒާގެ އާބާދީގެ ދެ މިލިއަނަށް ވުރެ ގިނަ މީހުން، 21 މަސް ދުވަހުގެ ހަނގުރާމައިގެ ވޭންތައް ތަހަންމަލު ކުރަމުންދާއިރު، އިންސާނީ ޙާލަތު ދަށަށް ދިއުމާ ގުޅިގެން އިސްރާއީލަށް ބައިނަލްއަޤުވާމީ ފެންވަރުގައި ކުރިމަތިވަމުންދާ ފިއްތުންތައް އަންނަނީ އިތުރު ވަމުންނެވެ.
މިއަހަރުގެ މެއި މަހުގެ ފަހު ކޮޅު އިސްރާއީލް އިން ދެ މަސް ދުވަހަށް ވުރެ ދިގު މުއްދަތަކަށް ދެމިގެން ދިޔަ ދަތި ކުރުންތަކަށް ކޮންމެ ވެސް ވަރެއްގެ ލުޔެއް ދީފައި ވީ ނަމަވެސް، ޣައްޒާގެ އާބާދީ އަށް ބޭނުންވާ ކާބޯ ތަކެއްޗާއި އަސާސީ ތަކެތީގެ ދަތިކަން ކުރިމަތި ކުރުވަމުން އަދިވެސް ގެންދެ އެވެ.
ޣައްޒާ އަށް ބޭނުންވާ އެހީ ބެހުމުގެ މަސައްކަތް ކުރަމުން އަންނަ މަރުކަޒުތައް ކައިރީގައި ވެސް އިސްރާއީލް އިން ހަމަލާ ދެމުން އަންނައިރު، އެ ސަރަހައްދުތަކުން ވެސް އަންނަނީ ގިނަ ބަޔަކު ޝަހީދު ކުރަމުންނެވެ.
އެހީދޭ ޖަމާއަތްތަކުގެ ތެރޭގައި ހިމެނޭ ޑޮކްޓާސް ވިތައުޓް ބޯޑާސް، ސޭވް ދަ ޗިލްޑްރަން އަދި އޮކްސްފަމް ފަދަ ޖަމާއަތްތަކުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، އެ ޖަމާއަތްތަކުގެ އެކުވެރިންނާއި، އެ ޖަމާއަތްތަކުގެ ޚިދުމަތް ދެމުން އަންނަ މީހުން ވެސް ބަނޑުހައި ހޫނުކަން ތަހަންމަލު ކުރަމުން އަންނަ ކަމަށެވެ.
ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލްގެ އިސްވެރިޔާ ބުނެފައި ވަނީ ވޭތުވެ ދިޔަ ތިން ދުވަހުގެ ތެރޭގައި 21 ކުޑަ ކުދިން ނިޔާވެފައި ވަނީ ބަނޑުހައި ހޫނުކަން ތަހަންމަލު ކުރަން ޖެހުމުގެ ސަބަބުން ކަމަށެވެ. އަދި ބަނޑުހައި ހޫނުކަން ތަހަންމަލު ކުރަން ޖެހުމުގެ ސަބަބުން، އެތައް ބަޔަކު ފަރުވާ ހޯދަން ޖެހިފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައިގެ ސަބަބުން ޣައްޒާގައި މިހާތަނަށް 59،106 މީހުން ޝަހީދުވެފައިވާ ކަމަށް ވަނީ ހާމަކޮށްފަ އެވެ.