ރާއްޖޭގައި ހުރިހާ ރަށެއްގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތައް ޤާއިމު ކުރެވޭނެ ކަމަށް، ކުޅިވަރާއި ހަށި ހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެ އެވެ.
ވަޒީރު މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާ އަށް ދެއްވި އިންޓަވިޔުއެއްގަ އެވެ. ރާފިޢު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ ދުޅަ ހެޔޮ ކަމަށްޓަކައި މުޅި ރާއްޖޭ ޝާމިލުވާ ގޮތަށް ހުރިހާ ރަށެއްގައި ވެސް ފިޓްނަސް ސެންޓަރު އަދި ރެކްރިއޭޝަން ސެންޓަރުތައް ޤާއިމު ކުރެވިގެން ދާނެ ކަމަށެވެ. އަދި މިހާރު ފެށިގެން ދަނީ އެކަމުގެ ބޮޑު މަޝްރޫއު ކަމަށް ވެސް ވަޒީރު ވިދާޅުވެފައިވެ އެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު މިހާރު އަތޮޅު ތެރޭގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި އެ މަޝްރޫއުތަކުގެ ފެށުން ގިނަ ރަށްތަކުގައި ފާހަގަ ކުރަމުން ގެންދާ ކަމަށެވެ. އެގޮތުން ބިންގާ އެޅުމުގެ މަޝްރޫއުގެ އިތުރުން، އައުޓްޑޯ ޖިމް ޤާއިމު ކުރުމަށް ކުންފުނިތަކާ ހަވާލުކުރާކަން ވެސް ފާހަގަ ކުރެއްވި އެވެ.
ވަޒީރު ވިދާޅުވީ މި ސަރުކާރުން އަންނަނީ ކުޅިވަރުގެ ގިނަ މަޝްރޫއުތަކެއް ހިންގަމުން ކަމަށެވެ. އަދި މި ސަރުކާރުން މުޅިން އަލަށް ގިނަ މަޝްރޫއުތަކެއް ފަށާފައިވާކަން ފާހަގަ ކުރައްވައި ވަޒީރު ވިދާޅުވީ، ކުރީ ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް ނިންމަށް މި ސަރުކާރުން މަސައްކަތް ކުރާ ކަމަށެވެ.
އޭގެ ތެރޭގައި ފުޓުބޯޅަ ދަނޑުތަކާއި، ވޮލީ ކޯޓުތަކާއި، ކުޅިވަރު ކުޅޭ ތަންތަން މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަމުން އަންނަ ކަމަށް ވަޒީރު ވަނީ ވިދާޅުވެފަ އެވެ. އެގޮތުން ގިނަ މަޝްރޫއުތަކެއްގެ އަމަލީ މަސައްކަތް ފެށިފައިވާއިރު، މަޝްރޫއުތަކުގެ މަސަައްކަތް ބާރު ދުވެލީގައި ކުރިއަށް ދާ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
މީގެ އިތުރުން ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، މިއަހަރުގެ މިހާތަނަށް މި ސަރުކަރުން ކުޅިވަރުގެ 50 އަށް ވުރެ ގިނަ މަޝްރޫއު ނިންމައި، ރައްޔިތުންނާ ހަވާލު ކޮށްފައިވާ ކަމަށެވެ. ހަމަ އެހެންމެ، މިއަހަރަކީ ކުޅިވަރު ވުޒާރާ އިން އެންމެ ގިނަ މަޝްރޫއުތައް ނިންމައި، ރައްޔިތުންނާ ހަވާލު ކުރާނެ އަހަރު ކަމަށް ވެސް ވިދާޅުވި އެވެ.
މިސަރުކާރު ހަވާލުވީއިރު، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ވަނީ ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ކުޅިވަރުގެ ގިނަ މަޝްރޫއުތަކެއް ފަށައިފަ އެވެ. އެގޮތުން ބޮޑު ފުޓުބޯޅަ ދަނޑުތައް ޤާއިމު ކުރުމުގެ އިތުރުން، އައުޓްޑޯ ވޮލީ ކޯޓުތައް ޤާއިމު ކުރުމާއި، ޖިމްތައް ޤާއިމު ކުރުމާއި، އެހެނިހެން ކުޅިވަރު ވަސީލަތްތައް ޤާއިމުކޮށް، އަދި ޤާއިމުގެ ކުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.
މި ސަރުކާރުގެ ކުޅިވަރު ވުޒާރާ އިން އަންނަނީ ހުއްޓިފައިވާ ކުޅިވަރު މަޝްރޫއުތައް ނިންމުމުގެ މަޝްރޫއުގެ ދަށުން، އެ ދަނޑުތަކުގެ މަސައްކަތް ނިމުމުން ރަސްމީކޮށް ހުޅުވަމުންނެވެ.