ބަންގްލަދޭޝްގެ އެއަރ ފޯސްގެ ތަމްރީނު މަތިންދާ ބޯޓެއް ވެރިރަށް ޑާކާ އަށް ވެއްޓި މަދުވެގެން 19 މީހުން މަރުވެއްޖެ އެވެ.
އެފް-7 ބީޖީއައި މަރުކާގެ މި މަތިންދާ ބޯޓު ވެއްޓުނީ އުއްތާރާ ސަރަހައްދު ގައި ހުރި މައިލްސްޓޯން ސްކޫލް އެންޑް ކޮލެޖްގެ ކެމްޕަސް އަށެވެ. މިކަން ހިނގީ ހޯމަ ދުވަހު ގެ ރޭ ބަންގްލަދޭޝްގެ ގަޑިން 07:00 ހާ އިރު ދަރިވަރުން ކިޔަވާ އިމްތިހާނު ހަދަމުންދިޔަ ވަގުތެއްގައެވެ.
ބޯޓު ގޮސް ޖެހުނީ ކެމްޕަސް ގައި ހުރި ދެ ބުރީގެ އިމާރާތެއްގައެވެ.
އަސްކަރިއްޔާގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، ވެރިރަށުގައި އޮންނަ އަސްކަރީ ބޭސް އަކުން ބޯޓު ނައްޓާލި ތަނުން މެކޭނިކަލް މައްސަލައެއް ދިމާވުމާ ގުޅިގެން، ޕައިލެޓް، ލެފްޓިނަންޓް މުޙައްމަދު ތައުކީރު އިސްލާމް، އެ ޖެޓް ބައިމަދު ސަރަޙައްދަކަށް ޖައްސަން މަސައްކަތް ކުރި އެވެ.
ޙާދިސާ ގައ ބޯޓުގެ ކެޕްޓަން ވެސް ވަނީ މަރުވެފައެވެ.
މި ހާދިސާއަށްފަހު އާންމުވެފައިވާ ވީޑިއޯތަކުން ފެންނަނީ ބޮޑު އަލިފާންގަނޑެއް ރޯވެފައިވާ މަންޒަރެވެ. އަދި އެ އަލިފާނުން އުފެދޭ ބޯ ދުންތައް މައްޗަށް އަރަމުން ދެއެވެ. މަންޒަރުތަކުން ފެންނަ ގޮތުގައި ގިނަ ބަޔަކު ބޯޓު ވެއްޓުނު ސަރަހައްދަށް ވަނީ ޖަމާވެފައެވެ.
އަލިފާން ނިއްވާ ފަރާތްތަކުން ވަނީ މަތިންދާބޯޓުގެ ހަލާކުވެފައިވާ ބައިތަކަށް ފެން ޖަހާފައެވެ.
މަތިންދާބޯޓު ވެއްޓުމުގެ ސަބަބުން ސްކޫލުގެ އިމާރާތުގެ ބަޔަކަށް ބޮޑެތި ގެއްލުންތައް ވަނީ ވެފައެވެ.
ހާދިސާ ގައި ދަރިވަރަކު މަރުވެފައިވާ ކަމަށާއި 50 ށް ވުރެ ގިނަ އެކި އުމުރުފުރައިގެ އެތައް ބަޔަކު ހޮސްޕިޓަލުގައި ފަރުވާ ދެމުން ދާ ކަމަށް ޑާކާ މެޑިކަލް ކޮލެޖް އެންޑް ހޮސްޕިޓަލްގެ އޮފިޝަލަކާ ހަވާލާދީ ރޮއިޓަރސް ނިއުސް އޭޖެންސީ އިން ބުނެފައި ވެއެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި މިހާދިސާ ގައި މަދުވެގެން 164 މީހުންނަށް ވަނީ އެކި ވަރުގެ އަނިޔާ ލިބިފައެވެ.
ސޯޝަލް މީޑިއާގައި ފެތުރިފައިވާ ވީޑިއޯތަކުން ދައްކައިދެނީ މީހުން ހަޅޭއްލަވައި ރޮއެ ކޮޅުކޮޅު މައްޗަށް ދުވަމުންދާ މަންޒަރެވެ.
ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ އިސްވެރިޔާ މުޙައްމަދު ޔޫނުސް ވިދާޅުވެފައި ވަނީ މި ހާދިސާ ހިނގި ސަބަބު ބެލުމަށް "ބޭނުންވާ ފިޔަވަޅުތައް" އަޅާނެ ކަމަށާއި "ހުރިހާ އެހީތެރިކަމެއް" ސަރުކާރުން ފޯރުކޮށްދޭނެ ކަމަށެވެ.
"މި ހާދިސާގައި އެއަރ ފޯސް އަށާއި... ދަރިވަރުންނަށާއި، ބެލެނިވެރިންނަށާއި، މުދައްރިސުންނަށާއި، މުވައްޒަފުންނަށާއި، އަދި އެހެނިހެން ފަރާތްތަކަށް ލިބުނު ގެއްލުމަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުމެކެވެ،" އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ޔޫނުސް އިޢުލާނު ކުރެއްވީ މި ހާދިސާއާ ގުޅިގެން އެ ގައުމުގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ބާން އެންޑް ޕްލާސްޓިކް ސަރޖަރީ ގައި ކުއްލި ނުރައްކަލުގެ ހޮޓްލައިނެއް ޤާއިމުކުރެވިފައިވާ ކަމަށެވެ.
DHAKA: At least 19 people—mostly students—were killed and over 100 injured when a Bangladesh Air Force jet crashed into a medical school campus in the capital city shortly after takeoff. pic.twitter.com/hqfMn5cg6f
— KolHaolam (@KolHaolam) July 21, 2025
މި ހާދިސާ މި ހިނގީ އޭގެ މަހެއްހާ ދުވަސް ކުރިން ބަންގްލަދޭޝްގެ އަވައްޓެރި އިންޑިއާ ގެ އަހްމަދާބާދު ސިޓީގައި މަތިންދާ ބޯޓު ވެއްޓުމުގެ ނުރައްކާތެރި ހާދިސާއެއް ހިނގާފައި ވަނިކޮށްނެވެ.
އެ ހާދިސާގައި އެއަރ އިންޑިއާގެ މަތިންދާބޯޓެއް މެޑިކަލް ކޮލެޖެއްގެ ހޮސްޓަލް އިމާރާތަކަށް ވެއްޓި، މަތިންދާބޯޓުގައި ތިބި 242 މީހުންގެ ތެރެއިން 241 މީހުންނާއި، ބިމުގައި ތިބި 19 މީހުން މަރުވިއެވެ. މިއީ ފާއިތުވި 10 އަހަރުގެ ތެރޭގައި ދުނިޔޭގައި ހިނގި އެންމެ ނުރައްކާތެރި ވައިގެ ދަތުރުފަތުރުގެ ހާދިސާއެވެ.