ދިވެހި ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަން ހޯދައިދިނުމުގައި ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ސަރުކާރު ފެއިލްވެފައިވާ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުޙައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.
ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އައްބާސް މިހެން ވިދާޅުވީ، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އިބްރާހީމް ހުށަހެޅުއްވި ޤަރާރަށް ބަހުސް ކުރައްވަމުންނެވެ.
އެގޮތުން އައްބާސް ވިދާޅުވެފައި ވަނީ، ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަން ހޯދައި ދިނުމާއި، ފްލެޓުތައް އެޅުމަށް މި ސަރުކާރުން އަދި މިހާތަނަށް އެންމެ ގާބުރިއެއް ވެސް ނުބާއްވާ ކަމަށެވެ. އެގޮތުން ރައްޔިތުންގެ ނަމުގައި 600 މިލިއަން ރުފިޔާގެ ލޯނު ނަގައިގެން، ނުވަތަ 600 މިލިއަން ޑޮލަރުގެ ލޯނު ނަގައިގެން ރައީސް މުޢިއްޒު ބައްލަވަނީ ފުށި ދިއްގަރު ފަޅު ކިޔާ ތަނެއް ހިއްކޭތޯ ކަމަށް އައްބާސް ވިދާޅުވި އެވެ.
އިތުރަށް ވާހަކަ ދައްކަވަމުން އައްބާސް ވަނީ ރައީސް މުޢިއްޒުގެ މި ވެރިކަމުގައި ރައްޔިތަކަށް މަންފާވީ ކޮން ކަމެއްގައިތޯ ސުވާލު އުފައްދަވައިފަ އެވެ. ތަކެތީގެ އަގު ބޮޑުވެއްޖެ ކަމަށާއި، އިންފްލޭޝަން ރޭޓު މަތިވެއްޖެ ކަމަށާއި، ޑޮލަރުގެ ރޭޓު 20 ރުފިޔާ އިން މައްޗަށް ގޮސްފައިވާ ކަމަށް އައްބާސް ވިދާޅުވި އެވެ. އަދި މިއީ ރާއްޖޭގެ ތާރީޚުގައި ވެސް ޑޮލަރުގެ އަގު އެންމެ މައްޗަށް ދިޔަ ފަހަރު ކަަމަށް ވެސް އައްބާސް ފާހަގަ ކުރެއްވި އެވެ.
އައްބާސް ވަނީ މި ސަރުކާރު އައި ފަހުން ބޯހިޔާވަހި ކަމުގެ މަޝްރޫއެއް ފެށީ ކޮން ރަށެއްގައިތޯ އައްސަވައިފަ އެވެ. އަދި މި ސަރުކާރުން ތަރައްޤީގެ މަޝްރޫއެެއް ހިންގީ ކޮން ރަށެއްގައި ތޯ ވެސް އައްބާސް ސުވާލު އުފެއްދެވި އެވެ.
ޤަބޫލު ކުރަން ޖެހޭ ހަގީގަތަކީ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގައި މިވަގުތާ ހަމައަށް މި ސަރުކާރު ފެއިލްވެފައިވާކަން. އެންމެ ގާބުރިއެއް އަދި ނުބާއްވާ ފްލެޓެއް އަޅަން ރައްޔިތަށް ބޯހިޔާވަހިކަން ހޯދައިދޭން. ރައްޔިތުންގެ ނަމުގައި ހަ ސަތޭކެ މިލިއަން ރުފިޔާގެ ލޯނު ނަގައިގެން، ނުވަތަ ހަ ސަތޭކަ މިލިއަން ޑޮލަރުގެ ލޯނު ނަގައިގެން ފުށި ދިއްގަރު ފަޅު ކިޔާ ތަނެއް ހިއްކޭތޯ އެ ބަލަނީ. މި ވެރިކަމުގެ ތެރޭގައި ރައްޔިތަކަށް މަންފާވީ ކޮން ކަމެއްތޯ ވީ؟ ވިދާޅުވެ ދެއްވާ.
ވެލިދޫ ދާއިރާގެ މެމްބަރު މުޙައްމަދު އައްބާސް![]()
އައްބާސް ވިދާޅުވީ މިއަދު ދައްކަމުން ދަނީ ހަގީގީ ވާހަކަ ކަމަށާއި، ރައީސް މުޢިއްޒުގެ ސަރުކާރުން ކުރަންވީ ކަމަކީ ބަހަނާ ނުދައްކަވައި ރައްޔިތުންނަށް ޚިދުމަތް ދިނުން ކަމަށެވެ. ރައްޔިތުންނަށް ތަކެތީގެ އަގު ތިރި ވާނެ ގޮތް ހަދައި ދިނުމާއި، ކުދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް ކުރިއަށް ދެވޭނެ ރަނގަޅު މާހައުލެއް ދައްކައި ދޭން ޖެހޭ ކަމަށް އައްބާސް ވިދާޅުވި އެވެ.
ރައްޔިތުންނަށް ވެފައިވާ ވައުދުތައް ނުފުއްދާކަން ފާހަގަ ކުރައްވައި އައްބާސް ވިދާޅުވީ، ރައީސް މުޢިއްޒު ނ އަތޮޅަށް ވަޑައިގެންނެވި ނަމަވެސް، އެ އަތޮޅުގެ ރައްޔިތުންނަށް ވީ ރިޔާސީ ވައުދުގެ އެންމެ އިންސައްތައެއް ވެސް ނުފުއްދަވާ ކަމަށެވެ.