ޑޮލަރުގެ ބަދަލުގައި ދިވެހި ރުފިޔާއިން މުސާރަ ދިނުމަށް ނިންމުމާއި ގުޅިގެން ޖުލައި 26 ގައި ޓްރާންސް މޯލްޑިވިއަން އެއަރވޭސް (ޓީއެމްއޭ)ގެ މުވައްޒަފުން އިހުތިޖާޖު ކުރަން ނިންމާފައިވާކަމަށް ބުނެފައިވާތީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓް އެންޓް ޓުއަ އޮޕަރޭޓާސް (މަޓާޓޯ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ޓީއެމްއޭގެ މުވައްޒަފުން އެފަދަ ނިންމުމެއް ނިންމިކަން ހާމަކުރީ މި ހަފްތާގައެވެ. އެ މުވައްޒަފުން ބުނާގޮތުން، ޓީއެމްއޭގެ މުވައްޒަފުން މަސައްކަތް ހުއްޓާލައި އިހުތިޖާޖު ކުރަން ނިންމައިފައިވަނީ މުސާރައިގެ އޮނިގަނޑާ މެދު ހިތްހަމަނުޖެހުން ފާޅުކުރުމުގެ ގޮތުންނެވެ. އަދި އެ ތަނުގައި މަސައްކަތްކުރާ މުވައްޒަފުން ހުޅުމާލޭ ވޯޓަރސް އެޖް ރޫފްޓޮޕްގަ ރޭ ބޭއްވި ބައްދަލުވުމެއްގައެވެ.
ގިނަ އަދެއްގެ މުވައްޒަފުން ބައިވެރިވި މި ބައްދަލުވުމުގައި އެމުވައްޒަފުން ވަނީ އެމްއެމްއޭގެ ޕްރެޝަރަށް ޓީއެމްއޭއިން މިހާތަނަށް މުވައްޒަފުންނަށް މުސާރަ ދިނުމުގައި އަމަލުކުރަމުން އައި ގޮތް ބަދަލުކޮށްފައިވާތީ އެކަމުގެ ހިތްހަމަ ނުޖެހުން ވަރަށް ބޮޑަށް ފާޅުކޮށްފައެވެ.
ޓީއެމްއޭގެ މުވައްޒަފުންގެ އެ ނިންމުމާއި ގުޅިގެން ފަތުރުވެރިންގެ ދަތުރުތަކަށް އަސަރުކުރާނެ ކަމަށް ބުނެ މަޓާޓޯ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ޖުލައި 20 ވަނަ ދުވަހު މަޓާޓޯ އިން ނެރެފައި ވާ ބަޔާނުގައި އިތުރަށް ބުނީ ރާއްޖެ އަށް އަންނަ ފަތުރުވެރިންގެ ބޮޑު އިންސައްތައެއް އުފުލަމުން ދަނީ ޓީއެމްއޭގެ ސީޕްލޭންތަކުގައި ކަމަށެވެ. އެހެންކަމަށް ވުމާއި އެކު ޕައިލެޓުން ދަތުރުކުރުން ހުއްޓާލާ އިހުތިޖާޖަށް ގޮސްފި ނަމަ އެކަމުގެ ނޭދެވޭ އަސަރު ޓޫރިޒަމް ދާއިރާއަށް ކުރާނެ ކަމަށް އެ ޖަމިއްޔާއިން ވަނީ ފާހަގަކޮށްފައެވެ. ކަމާއި ގުޅުންހުރި އިދާރާތަކުން މަޝްވަރާކޮށްގެން މިކަމަށް ހައްލެއް ހޯދައިދިނުމަށް އެ ޖަމިއްޔާއިން ވަނީ އެދިފައެވެ.
މިފަދަ ކަމެއް ހިނގައިފި ނަމަ އެކަމުގެ ސަބަބުން ފަތުރުވެެރިިން ރާއްޖެ އައިސް ކުރާ ތަޖުރިބާއަށް ވެސް އަސަރު ކުރާނެ ކަމަށް މަޓާޓޯ އިން ވަނީ ފާހަގަކޮށްފައވެެ. މީގެ އިތުރުން މި މައްސަލަ އަކީ ހަމައެކަނި ޓީއެމްއޭގެ އެތެރޭގެ މައްސަލައެއް ނޫން ކަމަށް އެ ޖަމިއްޔާ އިން ބުނެފައިވެއެވެ.
ފަތުރުވެރިން ކުރާ ދަތުރުތަކަށް އަސަރު ކުރުމަކީ ރާއްޖޭގެ މުޅި ޓޫރިޒަމްގެ އަގު ވެއްޓިދާނެ ކަމެއް ކަމަށް އެ ޖަމިއްޔާ އިން ފާހަގަކޮށްފައިވެއެވެ. އެގޮތުން މިފަދަ އިހުތިޖާޖެއް ކުރުމަކީ، ފަތުރުވެރިންގެ ފްލައިޓުތައް މަޑުޖެހި، ރިސޯޓުތަކަށާއި އެ އެއާލައިންތަކަށް ވެސް އޭގެ ގެއްލުން ކުރާނެ ކަމެއް ކަމަށާއި އެއީ ރާއްޖޭގެ ރީތި ނަމަށް ލިބޭ ހުތުރު ނަމެއް ކަމަށް ބުނެފައިވެއެވެ.
މީގެ އިތުރުން މިއީ އެ ދާއިރާއަށް ބައިނަލްއަގުވާމީ ދުނިޔޭގައި ލިބިފައިވާ ރީތި ނަން ކިލަނބުވާނެ ކަމެއް ކަމަށް ބުނެފައިވެއެވެ.
Press Release: MATATO Raises Serious Concerns Over Potential TMA Pilots’ Strike and Its Implications for Maldives Tourism pic.twitter.com/NC9tWLCt8x
— MATATO - PATA Maldives Chapter (@matatoMV) July 20, 2025
ޓީއެމްއޭގެ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލަކީ މުސާރައިގެ %80 ޑޮލަރުން އަދި %20 ދިވެހި ރުފިޔާއިން ދޭ ގޮތަށް ގެނައި ބަދަލެކެވެ. ޓީއެމްއޭއިން މި ބަދަލު ގެނެސްފައިވަނީ މި އަހަރުން ފެށިގެން އަމަލުކުރަމުން އަންނަ ބޭރު ފައިސާގެ ގާނޫނުގެ ސަބަބުން އެ ތަނަށް ލިބޭ އާމްދަނީގެ ބައެއް ބޭންކުތަކަށް ދިވެހި ރުފިޔާއަށް މާރުކުރަން ޖެހޭތީ އެވެ.
މުވައްޒަފުން ފާހަގަކުރިގޮތުގައި ޓިއެމްއޭއިން ގެނައި މި ބަދަލަކީ މުވައްޒަފުންނާއި މާބޮޑު މަޝްވަރާކުރުމެއް ނެތި ގެނައި ބަދަލެކެވެ. ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރ ކަމަށްވާ ޓީއެމްއޭގެ އޮޕަރޭޝަން ހުއްޓުމަކީ ފަތުރުވެރިކަމަށް އެކަމުގެ ވަރަށްބޮޑު ނޭދެވޭ އަސަރެއް ކުރާނެ ކަމެކެވެ. ގިނަ އަދަދެއްގެ ރިސޯޓްތަކުން ޓޫރިސްޓުން އުފުލުމަށް ބޭނުން ކުރަނީ ސީޕްލޭން ކަމަށްވާއިރު މުވައްޒަފުންގެ ޑިމާންޑަށް އިޖާބަ ނުދީފިނަމަ ޓޫރިޒަމަށް ވަރަށްބޮޑު ނޭދެވޭ އަސަރު ކުރާނެ ކަމަށް ބެލެވެއެވެ.