މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 1.2 މިލިއަނަށް އަރައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ޓޫރިސްޓް އެރައިވަލްސްގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވަނީ ޗައިނާއިންނެވެ. އެ ގައުމުން އައި ޓޫރިސްޓުންގެ އަދަދު 165،134 އަށް އަރަ އެވެ. ދެވަނައިގައ އޮތް ރަޝިޔާ އިން 140،298 ޓޫރިސްޓުން އައިސްފައިވާ އިރު، ތިން ވަނައިގައި އޮތް އިނގިރޭސިވިލާތުން 115،133 ޓޫރިސްޓުން އައިސްފައިވެ އެވެ.
ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރެއްވުމަށް އިނގިރޭސި ޕްރިމިއަރ ލީގުގެ، އެންމެ އުހުގައި އޮތް ލިވަޕޫލްއާއި އެކު އެމްއެމްޕީއާރްސީން އެއްބަސްވުމެއް ހަދާފައިވަނީ އަހަރަކަށް ދެމިލިއަން ޕައުންޑަށެއެވެ.
މިއަހަރުގެ މިިހާތަނަށް 1،202،262 ޓޫރިސްޓުން ރާއްޖެ އަށް އައިސްފައިވެ އެވެ. އަދި މި މަހުގެ 1-16 ހަމައަށް އަށް 94،132 ޓޫރިސްޓުން އައި އިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާ އިރު، 15.3 ޕަސެންޓްގެ ކުރިއެރުމެކެވެ.
މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައީ 81،631 ޓޫރިސްޓުނެވެ. ރާއްޖޭގެ މި އަހަރުގެ ޓާގެޓަކީ 2.3 މިލިއަން ޓޫރިސްޓުން ގެނައުމެވެ.
ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އިންޑިއާގެ މަޝްހޫރު ފިލްމީ ތަރިންނާއި ބައްދަލުކުރުމުންވެސް، ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި ލިސްޓްގައި އިންޑިއާ އޮތީ ހަވަނައިގައެވެ.