އިސްރާއީލް އާއި ހަމާސް ޖަމާއަތާ ދެމެދު ކުރިއަށް ދަމުން އަންނަ ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށްޓަކައި ކުރަމުން އަންނަ މަޝްވަރާތަކަށް، ސީނިއަރ ވަފުދެއް ފޮނުވުމަށް އިސްރާއީލް އިން ވިސްނަމުންދާ ކަމަށް ރިޕޯޓު ކޮށްފި އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފަރާތުން ހުށަހަޅާފައިވާ 60 ދުވަހުގެ މުއްދަތަކަށް ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ފެށުނީ މި މަހުގެ ކުރީ ކޮޅު އެވެ. އެ މަޝްވަރާތަކުގައި މެދުވެރިއެއްގެ ދައުރު އަދާ ކުރަމުން އަންނަނީ ޤަތަރު އިންނެވެ. އެ މަޝްވަރާތަކަށް އިސްރާއީލް އިން އެންމެ ފުރަތަމަ ފޮނުވާފައި ވަނީ "އަމިއްލަ އަށް އޮތް ނިންމޭ" ވަރުގެ ވަފުދެއް ނޫން ކަމަށް ބުނެފައިވެ އެވެ.
އިސްރާއީލްގެ ޔެދިއޯތު އަހަރޯނޯތު ނޫހުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އިސްރާއީލް އިން މިހާރު ވިސްނަމުން އަންނަނީ މަޝްވަރާތަކަށް ސީނިއާ ވަފުދެއް ޤަތަރަށް ފޮނުވުމަށެވެ. އެ ވަފުދުގައި އިސްރާއީލް ސަރުކާރުގެ ސެޓްރެޓެޖިކް އެފެއަރޒް މިނިސްޓަރު ރޮން ޑޮމާ، މޮސާޑުގެ އިސްވެރިޔާ ޑޭވިޑް ބާނެއާ، ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޒާޗީ ހަނެގްބީ އަދި ޝިން ބެޓްގެ އެކްޓިން ވެރިޔާ "އެސް" ހިމެނިދާނެ ކަމަށް ވަނީ ރިޕޯޓު ކޮށްފަ އެވެ.
މީގެ އިތުރުން އެ ނޫހުގައި ރިޕޯޓު ކޮށްފައި ވަނީ، ސީނިއަރ ވަފުދު ހިމެނޭ އިސްރާއީލްގެ ޓީމު ޤަތަރަށް ދިޔުމަށް ހަމަޖެހިފައި ވަނީ، އެމެރިކާގެ ޚާއްސަ މަންދޫބު ސްޓީވް ވިކްޓޮފް އަންނަ ހަފުތާގެ ތެރޭގައި ޤަތަރުގެ ވެރި ރަށް ދޯހާ އަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅާ ދިމާކޮށެވެ.
އިސްރާއީލް ސަރުކާރުގެ ބައެއް އިސްވެރިން ބުނަމުން އަންނަ ގޮތުގައި ވިކްޓޮފްގެ ޙާޟިރުގައި މަޝްވަރާތައް ބޭއްވިއްޖެ ނަމަ، އެއްބަސްވުމަކާ ހަމައަށް އައުމުގެ ފުރުސަތު ބޮޑެވެ. ނަމަވެސް، މިވަގުތު އެފަދަ ހިސާބަކަށް ވާސިލުވެވެން ނެތް ކަމަށް ވެސް، އިސްރާއީލްގެ އިސްވެރިންނާ ހަވާލާދީ ވަނީ ބުނެފަ އެވެ.