އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައިގެ ސަބަބުން، ޣައްޒާގެ ރައްޔިތުންނަަށް ބޭނުންވާ ކާބޯ ތަކެތި ލިބުމުގެ ދަތިކަން ބޮޑުވެ ޣައްޒާގެ ޙާލަތު ގޯހުން ގޯހަށް ދާ ކަމަށް ޞިއްޙީ މާހިރުން ބުނެފި އެވެ.
ކާބޯ ތަކެތީގެ ބޮޑު ޝޯޓޭޖަކާ ގުޅިގެން ޣައްޒާގެ ޞިއްޙީ ނިޒާމު ގޯސް ޙާލަތަކަށް ވެއްޓެމުން އަންނަ ކަމަށާއި، އެކަމުގެ ސަބަބުން ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
އެގޮތުން ޣައްޒާގެ ޞިއްޙީ އިދާރާ ތަކުން ބުނެފައި ވަނީ، ބަނޑުހައި ހޫނު ކަމުގެ ސަބަބުންމ ޣައްޒާގެ ގިނަ ރައްޔިތުންގެ ޞިއްޙީ ޙާލަތު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށާއި، ގިނަ ބަޔަކު ޞިއްޙީ އަވަސް ފަރުވާ ހޯދުމަށް ހޮސްޕިޓަލްތަކަށް އަންނަމުންދާ ކަމަށެވެ.
އެގޮތުން ޞިއްޙަތާ ބެހޭ މިނިސްޓްރީ އިން ބުނެފައި ވަނީ، މިހާތަނަށް ނުފެންނަ ވަރުގެ އަދަދަކަށް މީހުން ނިއުޓްރިޝަނަލް ޑެފިސެިއެންސީ އާއި، ހަކަތަ ދަށްވުމާއި، ހަނދާން ނެތުމުގެ މައްސަލަތަކާ އެކު ހޮސްޕިިޓަލްތަކަށް އަންނަ ކަމަށެވެ. އަދި މި ޙާލަތަކީ ސަރަހައްދުގައި އިންސާނީ ކާރިސާއެއްގެ ގޮތުގައި ބައިނަލްއަޤުވާމީ ޖަމިއްޔާ އަދި ޖަމާއަތްތަކުން އަންނަނީ ސިފަ ކުރަމުންނެވެ.
ޞިއްޙީ ދާއިރާގެ މާހިރުން ބުނެފައިވާ ގޮތުގައި، ކާބޯ ތަކެތި ލިބުމުގެ ދަތިކަމާ އެކު، ޚާއްސަކޮށް ކުޑަ ކުދިންނާއި، މާބަނޑު އަންހެނުންނާއި، އުމުރުން ދުވަސްގީ މީހުންގެ ޞިއްޙީ ޙާލަތު އަވަސް މުއްދަތެއްގެ ތެރޭގައި ގޯސްވެ، އެމީހުންގެ ފުރާނަ އަށް ވެސް ނުރައްކާވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ.
މީގެ އިތުރުން، މިހާރު ޣައްޒާގެ ޞިއްޙީ ނިޒާމު އޮތީ އިތުރު ބަލި މަޑުކަމެއްގެ ބުރަ އުލުލޭ ވަރަށް ވުރެ ބަލިކަށައިވެފައި ކަމަށް މާހިރުން އަންނަނީ ބުނަމުންނެވެ. އަދި އެކަމުގައި އަވަސް ފިޔަވަޅުތަކެއް ނޭޅިއްޖެ ނަމަ، މިހާރު އޮތް ޙާލަތު ވެސް އިތުރަށް ގޯސްވެ، އިތުރު އިންސާނީ ގެއްލުންތަކެއް ކުރިމަތިވެދާނެ ކަމުގެ ބިރު އޮތް ކަމަށް ވެސް ވަނީ ފާހަގަ ކޮށްފަ އެވެ.