ޣައްޒާ އަށް ބޭނުންވާ އިންސާނީ އެހީ ބެހުމުގެ މަސައްކަތް ކުރިއަށް ގެންދަމުން އަންނަ މަރުކަޒަކަށް އިސްރާއީލްގެ އަސްކަރިއްޔާ އިން ދިން ހަމަލާއެއްގައި 12 މީހަކު ޝަހީދު ކޮށްލައިފި އެވެ.
ޣައްޒާގެ ދެކުނުގައު ހުންނަ ރަފަހްގައި ކާބޯތަކެތި ބަހަމުން ދިޔަ މަރުކަޒަކަށް އިސްރާއީލްގެ އަސްކަރިއްޔާ އިން ދިން ހަމަލާއެއްގައި މަދުވެގެން 12 މީހަކު ޝަހީދުވެފައިވާ ކަަމަށް ވަނީ ހާމަކޮށްފަ އެވެ. މީގެ އިތުރުން އެ ހަމަލާގައި އިތުރު ބަޔަކަށް ޒަޚަމުވެފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
އެ ހަމަލާގައި ޒަޚަމުވެފައިވާ މީހުންގެ ތެރެއިން ގިނަ ބަޔަކު މިވަގުތު ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުންދާ ކަމަށް ވެސް ރިޕޯޓު ކޮށްފައިވެ އެވެ. އިސްރާއީލް އިން މިހާތަނަށް އައިއިރު، އެ ހަމަލާތަކާ ގުޅިގެން އެއްވެސް ބަޔާނެއް ނެރެފައި ނުވެ އެވެ.
މިއަހަރުގެ މެއި މަހުން ފެށިގެން، ޣައްޒާގައި އިންސާނީ އެހީ އާއި ކާބޯ ތަކެތި ބަހަމުންދާ މަރުކަޒުތަކަށް އަމާޒުކޮށް ދިން ހަމަލާތަކާއި، އެ މަރުކަޒުތައް ހިމެނޭ ސަރަހައްދުތަކަށް ދިން ހަމަލާތަކުގައި 900 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް ވަނީ ހާމަކޮށްފަ އެވެ.
އިންސާނީ އެހީ އާއި، ކާބޯ ތަކެތި ބަހަމުން އަންނަ މަރުކަޒުތަކަށް އަމާޒުކޮށް އިސްރާއީލް ދިން ދެމުން އަންނަ މި ހަމަލާތަކާ ގުޅިގެން ބައިނަލްއަޤުވާމީ މުޖުތަމައުން އަންނަނީ އިންތިހާ އަށް ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އަދި އެ ފަދަ ހަމަލާތައް ހުއްޓާލުމަށް ވެސް ބައިނަލްއަޤުވާމީ މުޖުތަމައުން އަންނަނީ ގޮވާލަމުންނެވެ.