އިސްރާއީލް އާއި ހަމާސް ޖަމާއަތާ ދެމެދު ހިނގަމުން އަންނަ ހަނގުރާމައިގައި، ހަމާސް އިން ރަހީނު ކޮށްފައިވާ އިސްރާއީލްގެ ރައްޔިތުންގެ ތެރެއިން 10 ރަހީނުން ދޫކޮށްލާނެ ކަމަށް އެެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ޓްރަމްޕް މިހެން ވިދާޅުވެފައި ވަނީ ހުކުރު ދުވަހުގެ ރޭ އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގައި އޮތް ފަރިއްކޮޅެއްގައި ބައިވެރިވެ ވަޑައިގެންނެވެ. ޓްރަމްޕް މިފަދައިން ވިދާޅުވި ނަމަވެސް، އެކަމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އޭނާ ދެއްވާފައި ނުވެ އެވެ.
ޖުލައި މަހުގެ ހަ ވަނަ ދުވަހުން ފެށިގެން އިސްރާއީލް އާއި ހަމާސްއާ ދެެމެދު އަންނަނީ މަޝްވަރާތަކެއް ކުރެވުމުންނެވެ. ޤަތަރުގެ ވެރި ރަށް ދޯހާގައި އެ މަޝްވަރާތައް ކުރިއަށް ގެންދަނީ، އެމެރިކާ އިން ހުށަހަޅާފައިވާ 60 ދުވަހުގެ މުއްދަތަކަށް ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުމާ ގުޅޭ ގޮތުންނެވެ.
ޓްރަމްޕް ވަނީ އެ ހުށަހެޅުމުގެ މަޝްވަރާތަކުގައި، ޓްރަމްޕްގެ ފަރާތުން މެދު އިރު މައްޗަށް ކަނޑައަޅުއްވާފައި ހުންނަވާ ޚާއްސަ މަންދުބޫ ސްޓީވް ވިކްްޓޮފް ކުރަމުން އަންނަ މަސައްކަތް ފާހަގަ ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
ހަމާސް ޖަމާއަތުގެ އަސްކަރީ ވިންގުގެ ތަރުޖަމާނަކު ވިދާޅުވެފައި ވަނީ، ޣައްޒާ ހަނގުރާމައިގައި ވަގުތީ ހުއްޓުމަކަށް އެ ޖަމާއަތުން ތާއީދު ކުރާ ކަމަށެވެ. ނަމަވެސް މިހާރު ކުރިއަށް ގެންދަމުން އަންނަ މަޝްވަރާތަކުން އެއްބަސްވުމަކަށް ނާދެވިއްޖެ ނަަމަ، ފުރިހަމަ އެއްބަސްވުމުގެ ޕެކޭޖަކަށް އަނބުރާ ދެވިދާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.
އެމެރިކާ އިން ހުށަހަޅާފައިވާ 60 ދުވަހުގެ ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުމުގައި ބުނެފައި ވަނީ، ހަމާސް އިން ރަހީނު ކޮށްފައިވާ 10 ރަހީނުންގެ އިތުރުން، މަރުވެފައިވާ 18 މީހުންގެ ހަށިގަނޑު ދޫކޮށްލަން ޖެހޭނެ ކަމަށެވެ. އޭގެ ބަދަލުގައި އިސްރާއީލް އިން ރަހީނު ކޮށްފައިވާ ފަލަސްޠީނުގެ ރައްޔިތުންތަކެއް ދޫކޮށްލަން ޖެހޭނެ ކަމަށް ވެސް އެ ހުށަހެޅުމުގައި ބުނެފައިވެ އެވެ.
މިހާތަނަށް އައިއިރު، އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައިގައި 58،600 އަށް ވުރެ ގިނ މީހަކު ޝަހީދުވެފައިވާ ކަމަށް، ޣައްޒާގެ ޞިއްހީ އިދާރާ ތަކުން ވަނީ ހާމަކޮށްފަ އެވެ. އިސްރާއީލްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެ ހަނގުރާމައިގައި، އިސްރާއީލްގެ 1650 މީހަކު ވަނީ މަރުވެފަ އެވެ.