ކ. މާލެ
|
18 ޖުލައި 2025 | ހުކުރު 14:14
ސޫރިޔާ ގެ ސަލާމަތީ ބާރުތައް 2025 ވަނަ އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހު ސުވެއިދާގެ ދުރޫޒް ސިޓީ ގައި ޓޭންކެއްގެ މަތީގައި
ސޫރިޔާ ގެ ސަލާމަތީ ބާރުތައް 2025 ވަނަ އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހު ސުވެއިދާގެ ދުރޫޒް ސިޓީ ގައި ޓޭންކެއްގެ މަތީގައި
އޭއެފްޕީ
ސޫރިޔާ ގެ ހަމަނުޖެހުން
ދުރޫޒް-ބަދަވީ ހަނގުރާމަ ހޫނުވަމުން ދާތީ ސުވައިދާ އަށް ސޫރިޔާ ގެ ސަރުކާރު ސިފައިން އަލުން ފޮނުވަން ތައްޔާރު ވަނީ
ދުރޫޒުންނާއި ބަދަވީ ޖަމާއަތްތަކުގެ ދެމެދުގައި ހިނގަމުންދާ ހަނގުރާމަ މައިތިރި ކުރުމަށް ސުވައިދާ އަށް ސޫރިޔާގެ ބާރުތައް އަލުން ފޮނުވުމަށް ތައްޔާރު ވަމުން ދާއިރު، އިސްރާއީލުން ސޫރިޔާ ސަރުކާރު ސިފައިން އެ ސަރަހައްދަށް ފޮނުވަން ފުރުސަތު ނުދޭނެ ކަމަށް ބުނެފައިވޭ

ދުރޫޒުން ނާއި ބަދަވީ ޖަމާއަތްތަކާ ދެމެދު ހަނގުރާމަ ހޫނުވަމުން ދާތީ ސުވައިދާ އަށް ސޫރިޔާ ގެ ބާރުތައް އަލުން ފޮނުވުމަށް ތައްޔާރުވަމުން ދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ދުރޫޒް އަޣުލަބިއްޔަތު އޮތް ސުވައިދާ ސިޓީ ގައި ދުރޫޒުންނާއި ބަދަވީ ގަބީލާތަކާ ދެމެދު ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށްޓަކައި ސޫރިޔާ ގެ ސަލާމަތީ ބާރުތައް އަލުން ފޮނުވުމަށް ތައްޔާރުވަމުންދާ ކަމަށް އެ ގައުމުގެ އިންޓީރިއަރ މިނިސްޓްރީގެ ތަރުޖަމާނަކު ހުކުރު ދުވަހު ރޮއިޓަރސް އަށް ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ސޫރިޔާ ގެ ދެކުނުގައި އޮތް ނާޒުކު ހާލަތައް އިތުރަށް ބުރޫއަރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބުދަ ދުވަހު އިޢުލާނު ކުރެވުނު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ އެކު، ސުވައިދާ ޕްރޮވިންސް ގައި ބަދަވީންނާއި ދުރޫޒް ހަނގުރާމަވެރިންނާ ދެމެދު ފެށުނު ލޭއޮހޮރުވުމުގެ ކުރިމަތިލުންތަކަށް ކުރު ނިމުމެއް އައެވެ. ދެ ފަރާތުގެ ދެމެދުގައި ހިނގަމުން ދިޔަ ލޭއޮހޮރުވުންތައް މައިތިރި ކުރަން ސޫރިޔާ ސަރުކާރުން އެެ ސަރަޙައްދަށް ފުރަތަމަ ސިފައިން ފޮނުވުމުން އިތުރަށް މައްސަލަ ހޫނުވެ ލޭ އޮހޮރުވުން އިތުރުވެގެން ދިޔައެވެ.

މި ހަމަނުޖެހުންތަކުގެ ތެރެއަށް އިސްރާއީލުން ވަނީ ވަދެފައެވެ. އިސްރާއީލުން ބުނީ ސޫރިޔާ ގެ ހައްދުފަހަނައަޅާފައިވާ ލީޑަރޝިޕްގެ ދަށުން ހިންގާ ސަރުކާރަށް ދެކުނަށް ސިފައިން ފޮނުވުމަށް ފުރުސަތު ނުދޭނެ ކަމަށެވެ. އަދި އެހެން ބުނުމާއެކު ސުވައިދާ ގައި ތިބި ސޫރިޔާ ގެ ސިފައިންނަށާއި، ދިމިޝްގުގައި ހުންނަ ރައީސްގެ ގަނޑުވަރާ ކައިރި ސަރަހައްދުތަކަށް ވަރުގަދަ ހަމަލާތަކެއް އިސްރާއީލުން ދިނެވެ.

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އިޢުލާނު ކުރުމަށް ފަހު ސޫރިޔާ ގެ ސިފައިން ސުވައިދާ އިން އަނބުރާ ގެންދެވުނެވެ. ނަމަވެސް ބުރާސްފަތި ދުވަހުގެ ރޭ ބަދަވީ ގަބީލާގެ ހަނގުރާމަވެރިންނާއި ދުރޫޒުންގެ މެދުގައި އަލުން ކުރިމަތިލުންތައް ފެށުނެވެ.

ދުރޫޒުންނަކީ ލުބުނާނު އަދި އިސްރާއީލުގައި ވެސް ދިރިއުޅޭ ނުފޫޒު ގަދަ ދީނީ މައިނޯރިޓީ ޖަމާއަތެކެވެ.

ސޫރިޔާ ގެ ނިއުސް ރިޕޯޓުތަކުގައި ބުނެފައިވާ ގޮތުގައި އިސްރާއީލުގެ ސިފައިން ވަނީ ހުކުރު ވިލޭރޭ ސުވައިދާ ޕްރޮވިންސްގައި އަލުން ހަމަލާތަކެއް ދީފައެވެ. ނަމަވެސް އިސްރާއީލުގެ ސިފައިން މި ރިޕޯޓުތައް ދޮގު ކޮށްފައިވެއެވެ.

ސޫރިޔާ ގެ އައު ވެރިންނަކީ ހައްދުފަހަނައަޅާފައިވާ ބައެއްގެ ގޮތުގައި ސިފަ ކުރަމުން، އިސްރާއީލުން ވަޢުދު ވެފައި ވަނީ އެ ސަރަޙައްދުގެ ދުރޫޒް މުޖުތަމަޢު ސީރިއާ ސަރުކާރުގެ ހަމަލާތަކުން ސަލާމަތް ކުރާނެ ކަމަށެވެ. މިއީ އިސްރާއީލުގައި ދިރިއުޅޭ ދުރޫޒް މައިނޯރިޓީގެ ގޮވާލުންތަކުން ހިތްވަރު ލިބިގެން އިސްރާއީލުން ކުރާ ކަމެކެވެ.

އިސްރާއީލުގެ އެންމެ ގާތް އެކުވެރިޔާ އަދި ސޫރިޔާ ގައި މިހާރު އޮތް ސަރުކާރަށް ވެސް ތާއީދު ކުރާ އެމެރިކާ އިން ބުނެފައި ވަނީ އިސްރާއީލުން ސޫރިޔާ އަށް މި ފަހުން ދިން ހަމަލާތަކަށް ތާއީދު ނުކުރާ ކަމަށެވެ.

ސަރުކާރުގެ ބާރުތަކާއި ދުރޫޒް ހަނގުރާމަވެރިންގެ މެދުގައި ކުރިން ވެވުނު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އައުމުގައި އެމެރިކާ އިން އެހީތެރިވިއެވެ. އަދި ބުރާސްފަތި ދުވަހު ވައިޓް ހައުސް އިން ބުނެފައި ވަނީ އެ އެއްބަސްވުން ދެމެހެއްޓިފައިވާ ކަމަށް ފެންނަ ކަމަށެވެ.

އެމެރިކާ އާއެކު ގާތް ގުޅުމެއް ޤާއިމު ކުރުމަށް މަސައްކަތް ކޮށްފައިވާ ސޫރިޔާ ގެ ލީޑަރު އަޙްމަދު އައް-ޝަރާ، އިސްރާއީލުގެ މައްޗަށް ސޫރިޔާ ބައިބައިކުރަން މަސައްކަތް ކުރާ ކަމުގެ ތުހުމަތު ކުރައްވައި، ސޫރިޔާ ގެ ދުރޫޒް މައިނޯރިޓީ ހިމާޔަތް ކުރައްވާނެ ކަމަށް ވަނީ ވައުދުވެ ވަޑައިގެންފައެވެ.

- ކޮމެންޓް