މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ފ. އަތޮޅަށް ނެރުނު ޔެލޯ އެލަރޓުގެ މުއްދަތު އިތުރުކޮށްފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ފުރަތަމަ މި އެލަރޓް ނެރުނީ ފަތިހު 5:30 އިން ފެށިގެން ހެނދުނު 9:30 އަށެވެ. ނަމަވެސް ހާލަތަށް ބަދަލެއް ނާންނާތީ އެ މުއްދަތު ވަނީ މެންދުރު 1:30 އަށް އިތުރުކޮށްފައެވެ.
ފުރަތަމަ އެލަރޓް ނެރުނު އިރު މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރު މިނެއްގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި 45 މޭލަަށް ވައިގަދަވާނެ ކަމަށެވެ. ނަމަވެސް މުއްދަތު އިތުރުކުރި އެލަރޓުގައި ބުނެފައިވަނީ ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
Yellow Advisory extended for strong winds and very rough seas. pic.twitter.com/uHNhtBL9fP
— Maldives Meteorology (@MetMaldives) July 18, 2025
މި ސަރަހައްދަށް ޔެލޯ އެލަރޓް ނެރެފައިވާއިރު މެންދުރު ކުރި 11:00 އާއި ހަމައަށް ލ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ވަނީ ވައިޓް އެލަރޓް ނެރެފައެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ މި ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
Alert White for heavy rain and thunderstorms with gusts of 40 mph. pic.twitter.com/pjP06ZCLTz
— Maldives Meteorology (@MetMaldives) July 18, 2025
ބުރާސްފަތި ދުވަހުން ފެށިގެން 4 ދުވަހު ހުޅަނގު މޫސުމުގެ ބާރުގަދަވެ މޫސުން ގޯސްވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފައެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ނެރުނު މޫސުމާއި ބެހޭ އެޑްވައިޒަރީގައި ބުނެފައިވަނީ ޖުލައި 17 އިން ފެށިގެން 20 ވަނަ ދުވަހާ ހަމައަށް، ރާއްޖެ ސަރަހައްދަށް ހުޅަނގު މޫސުމުގެ ބާރުގަދަވާނެ ކަމަށް ބެލެވޭތީ، ވައި ބާރުވެ ކަނޑުތައް ގަދަވެ އަދި ބޮޑުބަޔަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އަދި ވައި ބާރުވެ ވިލާގަނޑުގައި އިތުރަށް ގަދަވޭނެ ކަމަށާއި، ބޮޑުބަޔަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެއެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް ވެސް މޫސުމައި ބެހޭ ގައުމީ އިދާރާއިން ބުނެއެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ހުރިހާ ފަރާތަތްތަކުން އަދި ހާއްސަކޮށް ދަތުރުވެރިން މޫސުމާއިބެގޭ އެންމެ ފަހުގެ މައުލޫމާތު އަދާހަމަކުރުމާއެކު މުސުމަށް ސަމާލުވުމަށް އަންގާފައިވެއެވެ.