ކ. މާލެ
|
18 ޖުލައި 2025 | ހުކުރު 01:03
ޔުކްރެއިންގެ ޤާނޫނު ހަދާ މަޖިލީހުގައި ބޮޑު ވަޒީރު ކަމަށް އައްޔަން ކުރެއްވި ޔޫލިއާ ސްވިރިޑެންކޯ ވާހަކަ ދައްކަވަނީ
ޔުކްރެއިންގެ ޤާނޫނު ހަދާ މަޖިލީހުގައި ބޮޑު ވަޒީރު ކަމަށް އައްޔަން ކުރެއްވި ޔޫލިއާ ސްވިރިޑެންކޯ ވާހަކަ ދައްކަވަނީ
ރޮއިޓަރސް
ޔުކްރެއިން
ޔުކްރެއިންގެ އައު ބޮޑު ވަޒީރަކަށް ޔޫލިއާ ސްވިރިޑެންކޯ އައްޔަން ކޮށްފި
މިއީ ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ޔުކްރެއިންގެ ބޮޑު ވަޒީރަކު އައްޔަން ކުރި ފުރަތަމަ ފަހަރު.

ޔުކްރެއިންގެ އައު ބޮޑު ވަޒީރަަކަށް، ޔޫލިއާ ސްވިރިޑެންކޯ، އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުން އައްޔަން ކޮށްފި އެވެ. ބުރާސްފަތި ދުވަހު ޔުކްރެއިންގެ ޤާނޫނު ހަދާ މަޖިލީހުން ވަނީ ބޮޑު ވަޒީރު ކަމުގެ މަޤާމަށް ޔޫލިއާ ސްވިރިޑެންކޯ އައްޔަން ކުރުމަށް ފާސްކޮށްފަ އެވެ. މިއީ ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ޔުކްރެއިންގެ ބޮޑު ވަޒީރަކު އައްޔަން ކުރި ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން މިއީ ރަޝިޔާއާ ދެކޮޅަށް ޔުކްރެއިން އިން ކުރަމުން އަންނަ ހަނގުރާމައިގައި، އެ ޤައުމުގެ ސަރުކާރުގެ ހިންގުން ޚަރުދަނާ ކުރުމަށް ގެނެވުނު މުހިންމު ބަދަލެއްގެ ގޮތުގައި ސިޔާސީ މާހިރުން ވަނީ ސިފަ ކޮށްފަ އެވެ.އުމުރުން 39 އަހަރުގެ ޔޫލިއާ ސްވިރިޑެންކޯ އަކީ، ޔުކްރެއިންގެ ރައީސް ވުލެޑިމިއަރ ޒެލެންސްކީ ވަރަށް އިތުބާރު ކުރައްވާ ފަރާތެކެވެ. އޭނާ އަކީ އެ ޤައުމުގެ ހަތިޔާރު އުފެއްދުން އިތުރުކޮށް، އިޤްތިޞާދު ކުރިއެރުވުމުގެ ޒިންމާ ހަވާލު ވެސް ކޮށްފައިވާ ވަޒީރެވެ.ޔުކްރެއިންގެ ޤާނޫނު ހަދާ މަޖިލީހުގައި ވާހަކަ ދައްކަވަމުން ޒެލެންސްކީ ވިދާޅުވެފައި ވަނީ، އަންނަ ހަ މަސް ދުވަހުގެ ތެރޭގައި ހަނގުރާމައިގައި ބޭނުން ކުރާ ހަތިޔާރުގެ ތެރެއިން ޤައުމުގައި އުފައްދާ ހަތިޔާރުގެ ނިސްބަތް 40 އިންސައްތަ އިން، 50 އިންސައްތަ އަށް އިތުރު ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. ޔުކްރެއިންގެ ބޮޑު ވަޒީރު ކަމުގެ މަޤާމަށް އައްޔަން ކުރި ޔޫލިއާ ސްވިރިޑެންކޯ އަކީ، 2021 ވަނަ އަހަރުން ފެށިގެން އެ ޤައުމުގެ ޑެޕިއުޓީ ބޮޑު ވަޒީރުކަން ކުރައްވާފައިވާ ފަރާތެވެ. ބޮޑު ވަޒީރުކަމާ ހަވާލުވެ ވަޑައިގެންނެވުމަށް ފަހު އެކަމަނާ ވަނީ، އަަވަސް އަދި ޚަރުދަނާ ފިޔަވަޅު ތަކެއް އަޅުއްވާނެ ކަަމަށް ވައުދުވެ ވަޑައިގެންފަ އެވެ. ސޯޝަލް މީޑިއާ ގައި ކުރެއްވި ޕޯސްޓެއްގައި އެކަމަނާ ވިދާޅުވީ، ހަނގުރާމައިގެ ޙާލަތު އިތުރަށް ލަސް ކުރުމުގެ އެއްވެސް ޖާގައެއް ނުދޭނެ ކަމަށެވެ. މީގެ އިތުރުން ދާދި ފަހުން ޔުކްރެއިންގެ ބޮޑު ވަޒީރު ކަމުގެ މަޤާމުން އިސްތިއުފާ ދެއްވި ޑެނީޒް ޝްމިހަލް ވަނީ ދިފާއީ ވަޒީރު ކަމަށް އައްޔަން ކުރައްވައިފަ އެވެ. އަދި ސްވިތުލާނާ ހްރިންޗުކް ވަނީ ހަކަތައިގެ ވަޒީރު ކަމަށް ވެސް އައްޔަން ކުރައްވައިފަ އެވެ. އައު ސަރުކާރުގެ އެހެން މުހިންމު މަގާމުތަކަށް ވެސް ތަޖުރިބާކާރު ބޭފުޅުން ވަނީ އައްޔަން ކޮށްފަ އެވެ. ޔުކްރެއިންގެ އައު ސަރުކާރުގެ މައިގަނޑު އަމާޒު ތަކުގެ ތެރޭގައި ހިމެނެނީ، ސިފައިންނަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމާއި، ގައުމުގެ ދިފާއީ ބާރު އިތުރު ކުރުމެވެ. އަދި އެމެރިކާއާ އެކު އިތުރު އެއްބަސްވުން ތަކެއް ހެދުމަށް ވެސް ވަނީ ރޭވިފަ އެވެ.

- ކޮމެންޓް