ކ. މާލެ
|
18 ޖުލައި 2025 | ހުކުރު 13:04
ސްލޮވޭނިއާ އިން އެތެރެވުން މަނާ ކޮށްފައިވާ އިސްރާއީލްގެ ދެ ވަޒީރުން ކަމަށްވާ، ސްމޮޓްރިޗް އަދި ބެން ގްވީރް
ސްލޮވޭނިއާ އިން އެތެރެވުން މަނާ ކޮށްފައިވާ އިސްރާއީލްގެ ދެ ވަޒީރުން ކަމަށްވާ، ސްމޮޓްރިޗް އަދި ބެން ގްވީރް
ރޮއިޓަރސް
ޣައްޒާ ހަނގުރާމަ
ސްމޮޓްރިޗް އާއި ބެން ގްވީރު ސްލޮވޭނިއާ އަށް އެތެރެވުން މަނާ ކޮށްފި
ސްލޮވޭނިއާގެ ސަރުކާރުން ވަނީ ސްމޮޓްރިޗް އަދި ބެން ގްވީރް އަކީ، "ޕާސޯނާ ނޮން ގްރާޓާ"ގެ ގޮތުގައި ކަނޑައަޅައި، އަދި އެކަން އިއުލާން ކޮށްފައި.

އިސްރާއީލް ސަރުކާރުގެ ފިނޭސް މިނިސްޓަރު ބެޒަލެލް ސްމޮޓްރިޗް އަދި ސެކިއުރިޓީ މިނިސްޓަރު އިޓަމާ ބެން ގްވީރް ސްލޮވޭނިއާ އަށް އެތެރެ ނުވެވޭނެ ކަމަށް އެ ޤައުމުން ކަނޑައަޅައިފި އެވެ.

ސްލޮވޭނިއާގެ ސަރުކާރުން ބުރާސްފަތި ދުވަހު އިއުލާން ކޮށްފައިވާ ގޮތުގައި، އިސްރާއީލްގެ ހަރުކަށި ވިސްނުމުގެ ވެ މިނިސްޓަރުން އެ ޤައުމަށް އެތެރެވުން ވަނީ މަނާ ކޮށްފަ އެވެ. މިއީ ޔޫރަޕިއަން ޔޫނިއަންގެ ތެރެއިން މިފަދަ ފިޔަވަޅެއް އެޅި ފުރަތަމަ ފަހަރެވެ.

އިސްރާއީލް ސަރުކާރުގެ ކެބިނެޓުގައި ހިމެނޭ ސްމޮޓްރިޗް އަދި ބެން ގްވީރް އަކީ އެ ޤައުމުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ އެންމެ އަރިސް ދެ ވަޒީރުންނެވެ. އަދި އެ ސަރުކާރުގެ ވެސް އެންމެ އިސް ދެ ވަޒީރުންނެވެ.

ސްލޮވޭނިއާގެ ސަރުކާރުން ވަނީ ސްމޮޓްރިޗް އަދި ބެން ގްވީރް އަކީ، "ޕާސޯނާ ނޮން ގްރާޓާ"ގެ ގޮތުގައި ކަނޑައަޅައި، އަދި އެކަން އިއުލާން ކޮށްފަ އެވެ. މާނަ އަކީ ސްލޮވޭނިއާ އަށް އެތެރެ ވުމުގެ އެއްވެސް ފުރުސަތެއް އެ ދެ ވަޒީރުންނަށް ނޯންނާނެ އެވެ.

ސްމޮޓްރިޗް އާއި ބެން ގްވީރްއާ ދެކޮޅަށް އެ ފިޔަވަޅު އަޅަން ސްލޮވޭނިއާގެ ސަރުކާރުން ނިންމާފައި ވަނީ، އެ ދެ މިނިސްޓަރުންނަކީ ބޮޑެތި އަނިޔާތަކަށް ހިތްވަރު ދީ، އަދި ފަލަޞްޠީނުގެ ޣައްޒާގެ ނަސްލު ނައްތާލުމަށް ހިތްވަރުދީ، އެ ކަމަށް ބާރުއަޅާ ވާހަކަ ދައްކަވާ ދެ މިނިސްޓަރުންނަށް ވާތީ އެވެ.

އެކަމާ ގުޅިގެން ސްލޮވޭނިއާގެ ސަރުކާރުން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ، އެ ދެ މިނިސްޓަރުންގެ ބަސްތަކާއި އަމަލުތަކުން، އިންތިހާ އަށް އަނިޔާވެރި ކަންތައްތަކަށް މަގު ފަހި ވަމުން އަންނަ ކަމަށެވެ.

އިސްރާއީލް ސަރުކާރުގައި ހިމެނޭ ނުފޫޒު ގަދަ ދެ މިނިސްޓަރުންނާ ދެކޮޅަށް ސްލޮވޭނިއާ އިން މި ފިޔަވަޅު އެޅުމަކީ، ފަލަޞްޠީނުގެ ރައްޔިތުންނަށް ކުރެވޭ އަނިޔާތަކާ މެދު ޔޫރަޕިއަން ޔޫނިއަންގެ މެމްބަރު ޤައުމު ތަކުގެ ކަންބޮޑުވުން އިންތިހާ އަށް އިތުރު ވަމުންދާ ކަމުގެ ހެއްކެއް ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ވަނީ ބުނެފަ އެވެ.

ސްލޮވޭނިއާގެ ސަރުކާރުން އަޅާފައިވާ މި ފިޔަވަޅުގެ ސަބަބުން، މި ދެ މިނިސްޓަރުންނަށް ސްލޮވޭނިއާގެ ސަރަހައްދަށް ވަނުމާއި، އެ ޤައުމުގައި ދަތުރު ފަތުރު ކުރުން މަނާވެގެން ދާނެ އެވެ.

މިއީ އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ އާއި ލާއިންސާނީ އަމަލުތަކާ ގުޅިގެން  ޔޫރަޕިއަން ޔޫނިއަންގެ ޤައުމު ތަކުން އިސްރާއީލުގެ އިސްވެރިންނާ މެދު އަޅާ އެންމެ ހަރުކަށި ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް ކަމަށް ފާހަގަ ކޮށްފައިވެ އެވެ.

ސްމޮޓްރިޗް އާއި ބެން ގްވީރް އަކީ އިސްރާއީލްގެ ސަރުކާރުގައި ޣައްޒާއާ ދެކޮޅަށް އެންމެ ބޮޑަށް ވަކާލާތު ކުރަމުން އަންނަ ދެ މިނިސްޓަރުންނެވެ. މީގެ ތެރެއިން ބެން ގްވީރް ވަނީ، ޣައްޒާ އަށް ފޯރުކޮށްދެމުން އަންނަ އިންސާނީ އެހީތެރިކަން ވެސް ހުއްޓުވުމަށް ދާދި ފަހުން ގޮވާލައްވައިފަ އެވެ.

މީގެ ކުރިން ބައެއް މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ ހުއްޓާލުމާ ދެކޮޅަށް ވެސް، ސަރުކާރުގެ ކެބިނެޓުގައި އެންމެ ގަދައަށް ވާހަކަ ދައްކަވާ ދެ މިނިސްޓަރުންނަކީ ސްމޮޓްރިޗް އަދި ބެން ގްވީރް އެވެ.

- ކޮމެންޓް