މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް 2022 ވަނަ އަހަރުގެ ނިޔަލަށް ޖުމްލަ 477 މިލިއަން ރުފިޔާ ލިބެންޖެހޭ ފައިސާގެ ތެރެއިން ނުލިބި ހުރިކަމަށް އެ އިދާރާގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުނު އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ ކަސްޓަމްސްގެ އާމްދަނީގެ ގޮތުގައި ލިބެންޖެހޭ ފައިސާގެ ތެރެއިން 31 ޑިސެމްބަރު 2022 ގެ ނިޔަލަށް 477،915،625 ރުފިޔާ ނުލިބި ހުރިކަމަށް ކަސްޓަމްސްގެ ރިކޯޑްތަކުން ދައްކާ ކަމަށެވެ. އަދި އަހަރަކަށްވުރެ އަހަރެއް ނުލިބިހުރި ފައިސާ އިތުރުވަމުން އަންނަ ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ.
މި ރިޕޯޓުގައި ބުނެފައިވަނީ ކަސްޓަމްސްއަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ހިއްސާކުރަނީ މުދާ އިމްޕޯޓްކޮށްގެން ކަސްޓަމްސްއަށް ލިބެންޖެހޭ އިމްޕޯޓް ޑިއުޓީގެ ފައިސާއެވެ. ކަސްޓަމްސްއަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 31 ޑިސެމްބަރު 2022 ގެ ނިޔަލަށް ނުލިބިހުރި ފައިސާގެ ތެރެއިން އެންމެ ގިނައީ އިމްޕޯޓް ޑިއުޓީއެވެ. އެއީ 398،154،111 މިލިއަން ރުފިޔާއެވެ. އަދި 77،226،371 މިލިއަން ރުފިޔާ ޖޫރިމަނާގެ ގޮތުގައި ނުލިބި ހުރި ކަމަށް އޮޑިޓް ރިޕޯޓުގައި ދައްކައެވެ.
އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ މި ފައިސާ ހޯދުމަށް ކަސްޓަމްސްއިން އަމަލުކުރަން އޮންނަ ގޮތަށް އަމަލުކޮށްފައިވީނަމަވެސް ގޮންޖެހުންތަކެއް ހުރިކަމަށް ބުނެފައިވެއެވެ.
އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ 2022 ވަނަ އަހަރުގެ ނިޔަލަށް 160،674،686 މިލިއަން ރުފިޔާ ކަސްޓަމްސްއަށް ނުލިބި ހުރީ ކޯޓުތަކުން ހުކުމް ކުރުމަށްފަހު އެ ހުކުމް ތަންފީޒު ނުވެ ގިނަ ދުވަސްތަކެއްވެފައިވުމުންނާއި ފައިސާ ހޯދުމަށް ޝަރީއަތަށް ހުށަހެޅުމާމެދު ގޮތެއް ނުނިމި ގިނަ ދުވަސްތަކެއް ވެފައިވުމުންނެވެ.
ކަސްޓަމްސްއިން މި ތަފާސް ހިސާބުތައް އޮޑިޓް އޮފީހާ ހިއްސާކޮށްފައިވާ އިރު، އޮޑިޓްގައި ބުނެފައިވަނީ 2022 ވަނަ އަހަރާ ހަމައަށް ކަސްޓަމްސްއަށް ފައިސާ ދެއްކުމަށް ކޯޓުން ހުކުމް ކޮށްފައިވާ ފަރާތްތަކުން ޖުމްލަ 158،773،956 މިލިއަން ރުފިޔާ ކަސްޓަމްސްއަށް ލިބެންޖެހޭ ކަމަށެވެ. މީގެ ތެރޭގައި 2014 އިން 2019 އަށް ހުކުމް ކޮށްފައިވާ 19 މައްސަލައެއްގެ ހުކުމް ތަންފީޒުކޮށްފައި ނުވުމުގެ ސަބަބުން ލިބެންޖެހޭ ޖުމްލަ 122،695،445 މިލިއަން ރުފިޔާ ނުލިބިއެވެ.