Advertisement
ކ. މާލެ
|
20 ނޮވެންބަރ 2025 | ބުރާސްފަތި 15:10
އެންޑީއެމްއޭގެ މުވައްޒަފުން މަސައްކަތުގައި
އެންޑީއެމްއޭގެ މުވައްޒަފުން މަސައްކަތުގައި
އެންޑީއެމްއޭ
އެންޑީއެމްއޭ
2021ން 2024 ވަނަ އަހަރާ ހަމައަށް ކާރިސާތަކުގައި ގެއްލުންވި މީހުންނަށް 24 މިލިއަނަށްވުރެ ގިނަ ފައިސާގެ އެހީ ފޯރުކޮށްދީފި
މުސާރައާއި އެލަވަންސްއާ އަދި ބޭރުގެ އެހީގެ ގޮތުގައި ލިބުނު ފައިސާ އިން ކޮށްފައިވާ ހަރަދުތައް ހިމަނާފައިނުވޭ

2021ން 2024 ވަނަ އަހަރާ ހަމައަށް ކާރިސާތަކުގައި ގެއްލުންވި މީހުންނަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން 24 މިލިއަނަށްވުރެ ގިނަ ފައިސާގެ އެހީ ފޯރުކޮށްދީފި އެވެ.

އޮޑިޓަރ ޖެނަރަލް އޮފީހުން ވަނީ އެންޑީއެމްއޭ ގެ 2021ން 2024 ވަނަ އަހަރާ ދެމެދު ހިންގާފައިވާ މާލީ ކަންކަމާއި، ހާއްސަކޮށް ހަރަދުތަކާ ގުޅޭ ގޮތުން ހަދާފައިވާ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓު ވަނީ އާންމުކޮށްފަ އެވެ.

މި ރިޕޯޓުގައި ބުނީ، އެންޑީއެމްއޭއިން ކުރާ މައިގަނޑު ހަރަދަކީ ކާރިސާތަކާ ގުޅިގެން ލިބޭ ގެއްލުންތަކަށް އެހީ ފޯރުކޮށްދިނުމަށް ކުރާ ހަރަދުތައް ކަމަށެވެ.

އެގޮތުން 2021 އިން 2024 ވަނަ އަހަރާ ހަމައަށް ކާރިސާތަކާ ގުޅިގެން ލިބޭ ގެއްލުމަށް އަމިއްލަ ފަރާތްތަކަށް ދޭ އެހީގެ ފައިސާގެ އަދި ގުދުރަތީ ގޮތުން ލިބޭ ގެއްލުމަށް އެހީގެ ގޮތުގައި ދޭ ފައިސާގެ ޖުމްލަ 24،409،337 (ސައުވީސް މިލިއަން ހަތަރު ލައްކަ ނުވަ ހާސް ތިން ސަތޭކަ ހަތެއް) ރުފިޔާ ހަރަދުކޮށްފައިވޭ ކަމަށެވެ.

އެންޑީއެމްއޭގެ ހަރަދުތަކުގެ ތެރެއިން (މުސާރައާއި އެލަވަންސްއާ އަދި ބޭރުގެ އެހީގެ ގޮތުގައި ލިބުނު ފައިސާއިން ކޮށްފައިވާ ހަރަދުތައް ނުހިމަނައި) 2021 ގައި 15 ޕަސެންޓް، 2022 ގައި 10 ޕަސެންޓް، 2023 ގައި 30 ޕަސެންޓް އަދި 2024 ގައި 71 ޕަސެންޓް ހަރަދުކޮށްފައިވަނީ ކާރިސާތަކާ ގުޅިގެން ކޮށްފައިވާ ހަރަދުތަކަށް ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

އެއީ 2021 ވަނަ އަހަރު 4،933،958.44 ރުފިޔާ، 2022 ވަނަ އަހަރު 3،638،996.91 ރުފިޔާ، 2023 ވަނަ އަހަރު 4،201،846.56 ރުފިޔާ އަދި 2024 ވަނަ އަހަރު 11،634،535.21 ރުފިޔާ ކަމަށް ރިޕޯޓު ގައި ބުނެފައިވެ އެވެ.

މީގެ އިތުރުން އެންޑީއެމްއޭ އިން ހަދާފައިވާ ގަވާއިދުތަކާއި މިންގަނޑުތަކުގައި ވަގުތީ ހިޔާ ފޯރުކޮށްދޭނެ ގޮތާއި މުއްދަތާއި ކާރިސާއެއް ގައި ގޯތިގެދޮރަށާއި، މުދަލަށް ލިބޭ ގެއްލުމަށް އެހީތެރިކަން ފޯރުކޮށްދެވޭނެ މިންގަނޑުތައް ކަނޑައަޅާފައިވުން މުހިންމު ކަމެއްގެ ގޮތުގައި އޮޑިޓު ރިޕޯޓު ގައި ފާހަގަކޮށްފައިވެ އެވެ.

- ކޮމެންޓް